ކުޅިވަރު

މެޗު އަޅައިގަތީ ވީއޭއާރްގައި، ފްރާންސަށް އުނދަގޫ މޮޅެއް

Jun 16, 2018

އޮސްޓްރޭލިއާ އަތުން 2-1 ގެ ނަތީޖާއަކާއެކު އުނދަގޫ މޮޅަކުން ފްރާންސް ވޯލްޑްކަޕު ފަށައިފި އެވެ.

ގުރޫޕް "ސީ" ފޭވަރިޓްގެ ގޮތުގައި މަޝްހޫރު ވެފައިވާ ފްރާންސްގެ ކޯޗު މެޗަށް ނިކުތުމުގެ ކުރިން ވެސް ބުނެފައި ވަނީ އޮސްޓްރޭލިއާ އާ ދެކޮޅަށް ކުޅޭ މެޗު އުނދަގޫ ވާނެ ކަމަށެވެ.

ކަންވީވެސް އެހެންނެވެ. މުޅި މެޗުގައިވެސް އޮސްޓްރޭލިއާގެ ޑިފެންްސް ފެނުނީ ވަރަށް ސޮލިޑް ކޮށެވެ. އެންޓޯނިއޯ ގްރީޒްމަން އާއި އުސްމާން ޑެމްބެލޭ އަދި ކިލިޔަން އެމްބަޕޭ ހިމެނުނު އެޓޭކިން ޓްރިއޯއަށް ތަނަވަސް ފުރުސަތެއް އޮސްޓްރޭލިއާގެ ޑިފެންސުގެ ތެރެއިން ހޯދިފައެއް ނުވެ އެވެ.

ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އޮސްޓްރޭލިއާ އަށެވެ. މެޗުގެ 17 ވަނަ މިނެޓްގައި ހިލޭޖެހުމަކުން އެޓީމުން ތަނަވަސް ކުރި ބޯޅަ، ފްރާންގެ ގޯލްކީޕަރު ހޫގޯ ލޮރިސް ދިފާއު ކުރީ ގޯލް ރޮނގުމަތިންނެވެ.

ފްރާންސްގެ ޕެނަލްޓީއަކީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއާރް) ޓެކްނޮލަޖީގެ އެހީގައި ލިބުނު ޕެނަލްޓީ އެކެވެ. މެޗުގެ 58 ވަނަ މިނެޓްގައި ގްރީޒްމަން ލަނޑު ޖެހުމުގެ ތިން މިނެޓް ކުރިން، އޮސްޓްރޭލިއާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެޓީމުގެ ކީޕަރު މެތިއު ރަޔަން ވަނީ ޗާޖު ކޮށްފަ އެވެ.

ވީއޭއާރް މެދުވެރިކޮށް ޕެނަލްޓީ އެއްތޯ ކަށަވަރު ކުރަން ރެފްރީ ދިޔައީ އޭގެ ތިން މިނެޓެއްހާއިރު ފަހުންނެވެ. ރެފްރީ ޕެނަލްޓީއެއް ކަމަށް ނިމުން ފްރާންސް ކުޅުންތެރިން ވަނީ ސެލެބަރޭޓް ކޮށްފަ އެވެ.

އޮސްޓްރޭލިއާގެ ޕެނަލްޓީއަކީ، އެ ޓީމުން ފްރާންސްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނެގި ހުރަހެއް، ޑިފެންޑަރު ސެމިއުލް އުމްޓިޓީ އަތް ލުމުންނެވެ.

މެޗުގެ 62 ވަނަ މިނެޓްގައި އޮސްޓްރޭލިއާގެ ޕެނަލްޓީ ކާމިޔާބު ކުރީ މެލީ ޖެޑިނަކް އެވެ.

ނަތީޖާ ހަމަހަމަ ވުމަށް ފަހު، ފްރާންސުގެ ކުޅުން ރަނގަޅުވީ ގެނައި ބަދަލު ތަކުންނެވެ.

އެ ޓީމުގެ މޮޅު ކޮށްދިން ލަނޑު ޖެހީ، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުލެން އެރި އޮލިވާ ޖިރޫޑް ތަަނަވަސް ކޯށްދިން ފުރުސަތަކުން ކާމިޔާބު ކުރީ ޕައުލް ޕޮގްބާ އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 80 ވަނަ މިނެޓްގަ އެވެ. އޭނާ ލަނޑު ޖެހި ނަމަވެސް މެޗްގައި އެކަށީގެންވާ ކުޅުމެއް އޭނާގެ ފަރާތުން ފެނިފައެއް ނުވެއެވެ.