ހަބަރު

ތަށިބަރީގެ އުންމީދާއެކު ވަޖީހުގެ ހަދިޔާއެއް!

Jun 16, 2018
2
އިސްމާއިލް ވަޖީހުގެ ވީޑިއޯ

ބޭރުގައި ހުއްޓަސް އިސްމާއިލް ވަޖީހުގެ ވިދުމަށް ފަނޑުކަމެއް ނެތެވެ. އަދި ދިވެހިންގެ މަތިން، ރާއްޖޭގެ މަތިން ހަނދާން ކުރުމަށްވެސް ހުއްޓުމެއް ނެތެވެ. އެކަން އެނގެނީ އީދުގެ މުނާސަބަތުގައި ކުރީގެ މަޝްހޫރު ތަރި ސިންގަޕޫރުގައި ހުރެ ތައްޔާރު ކޮށްފައިވާ ވީޑިއޯއިންނެވެ. ދިވެހިންނަށް އީދުގެ ތަހުނިޔާ ކިޔަމުން ވަޖީހު މިވަނީ ދިވެހިންނަށް ހަދިޔާއެއް ފޮނުވާފަ އެވެ.

ވީޑިއޯއެއް މެދުވެރިކޮށް ތަހުނިޔާ ކިޔަމުން ވަޖީހު ބުނެފައިވާ ގޮތުގައި ނިމިދިޔަ ރޯދަ މަހު އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ދިވެހިން ރޯދަ ވީއްލާ ގަޑިއަށް ތައްޔާރުކުރާ މީރު ކާނާތައް ކަމަށެވެ

"އަޅުގަނޑު މާލޭގެ ހުރި އިރަށްވުރެ މާގިނަ އެއްޗިހި މިހާރު ދިވެހިން ތައްޔާރު ކުރޭ. މޭޒުތައް މަތި މި އޮންނަނީ ފުރާލާފަ. ހިތަށް އަރާ މިހާބައިވަރު ކެވޭނެ ބާވައޭ؟،" ދެހާސް ވަނަ އަހަރު ދާއިރާ ދޫކޮށް ސިންގަޕޫރަށް ދިރިއުޅުން ބަދަކޮށްފައިވާ އިސްމާއިލް ބުނެފައިވެ އެވެ.

"ރޯދަ އަށް ހުރުމަށްފަހު މޭޒުމަތި ފެންނަ ވަގުތު ހަމަ އަނބުރައި ގަންނަ ވަރުވޭ."

މި ރޯދަ މަހު އޭނާއަށް ރާއްޖޭން އެންމެ ފާހަގަވީ، ދިރާގުން އިންތިޒާމުކުރި "ތަށިބަރި މޫވްމެންޓް" އެވެ. މީރު ކާނާގެ ގިނަ ބާވަތްތައް ހިމަނައިގެން ބަހަމުން ގެންދިޔަ މި ހަރަކާތަށް އޭނާވެސް ހުރީ ވަރަށް އިންތިޒާރުކޮށްގެންނެވެ. އެންމެ މިސްވީވެސް އެކަމެވެ.

"އެންމެ ބޮޑަށް މިސްވީ ރޯދަ މަހުގެ ތަށިބަރި. އިރާދުކުރެއްވިއްޔާ އަންނަ އަހަރު މި ހިސާބަށް [ސިންގަޕޫރަ] ށްވެސް އަންނާނެ. އެ އުންމީދުގައި މިހުރީ،" އިސްމާއިލް ބުނެފައިވެ އެވެ

ކޮންމެއަކަސް އިސްމާއިލް ދިވެހިންނާ ދުރެއް ނުވެ އެވެ. ސިންގަޕޫރުގައި ހުއްޓަސް އޭނާ މިވަނީ ދިވެހިންގެ ހަނދާންކޮށް، އީދުގެ ތަހުނިޔާ މި އަހަރުވެސް ފޮނުވާފަ އެވެ.