ހަބަރު

ސުޕްރީމް ކޯޓުގެ ހުކުމަށް އޭސީސީން ވަނީ ގޮންޖަހާފައި: ޖޭޕީ

ވިލާ ގްރޫޕަށް ދީފައިވާ ރަށްތައް އަތުލައި އެގްރިމަންޓްތައް ބާތިލް ކުރަން ހައިކޯޓުން ކުރި ހުކުމް ބާތިލު ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި ވަނިކޮށް އެ މައްސަލަ ބަލައި އޭސީސީއިން ވިލާ އަތުން ދައުލަތަށް ލިބެންޖޭ ފައިސާ ހޯދުމަށް އެންގުމަކީ ސުޕްރީމް ކޯޓުގެ ހުކުމަށް ގޮންޖެހުން ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

މި މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނީ އެގްރިމެންޓްތައް ބާތިލު ކުރި ކުރުމަކީ ގޯސް ނިންމުމެއް ކަމަށެވެ. އޭގެ ފަހުން އެ މައްސަލަ އޭސީސީން ބެލުމަށްފަހު އެކުލަވައިލި ރިޕޯޓްގައި ބުނަނީ އެއްބަސްވުންތަކަކީ އެކަމުގައި ވަރަށް ބައިވަރި ފައިސާ ހިމެމނޭ އުފެދުމުގައި ވެސް ބާތިލު އެއްބަސްވުންތަކެއް ކަމަށާށާއި އެކަމުގައި ބަންޑާރަ ނައިބުގެ ލަފާ ހޯދައިގެން ކުރިޔަށް ގޮސް ގޮތެއް ނިންމައި އޭގައި ހިމެނޭ ދައުލަތަށް ލިބެންޖޭ ފައިސާ ހޯދުމަށެވެ.

މ. ކުނޫޒްގައި ޖުމްހޫރީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ، ޝަރުއީ އެންމެ މަތީ މަރުހަލާއިން ނިންމާފައިވާ ކަމެއްގައި ބަސްބުނެވޭނެ އިތުރު ފަރާތެއް އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ.

ސަމީރު ވިދާޅުވީ، ފެނިގެން މިދަނީ ސުޕްރީމް ކޯޓުުން ވަކި ގޮތެއް ނިންމާފައިވަނިކޮށް ރައީސް އަބުދުﷲ ޔާމީން ކޮންޓްރޯލް ކުރައްވައިގެން ގެންގުޅުއްވާ އެސީސީގެ ރައީސް މެދުވެރިކުރައްވައިގެން ބައެއް ކަންކަން ކުރައްވަމުން ގެންދަވާ މަންޒަރު ކަމަށެވެ.

"އެންޓި ކޮރަޕްޝަން ރައީސްގެ ލީކްވެފައިވާ ބަޔާންތަކުން އެމަނިކުފާނުގެ މިސްރާބު ހުރި ދިމާ އިނގޭ، އެހެންކަމުން މިފަދަ ކޮމިޝަނަކުން މިކަންކަން މިގޮތަށް ކުރަމުންދާތީ ވަރަށް ކަންބޮޑުވޭ، އަދި އަޅުގަނޑުމެން ދެކޭގޮތުގައި އަދުލު އިންސާފުގެ އެންމެ މަތީ ކޯޓުން ނިންމެވުމަށްފަހުގައި އެކޯޓުގެ ނިންމެވުމަށް ގޮންޖައްސަވާ ދެން އިތުރު ގޮތްތަކެއް ރާއްޖޭގެ އެއްވެސް ފަރާތަކަށް ކުރިއަށް ގެންދެވޭނެ ކަމަކަށް ގަބޫލެއް ނުކުރަން، ނަމަވެސް ހިތާމައަކީ އަނިޔާވެރި ވެރިކަމެއްގެ ތެރޭގައި ނުހިނގާނެ ހުރިހާ ކަމެއް ހިނގަމުންދާތައް" ސަމީރު ވިދާޅުވި އެވެ.

ސަމީރު އިތުރަށް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެޕާޓީން ކުރަމުންދާ މަސައްކަތަކަށް ބަދަލެއް ނާންނާނެ ކަމަށާއި އެއްވެސް ވަރަކަށް ފަހަތަކަށް ނުޖެހޭނެ ކަމަށެވެ. އަދި އިދިކޮޅު ޕާޓީތަކާއި ޖުމްހޫރީ ޕާޓީ ގުޅިގެން ކުރަމުންދާ މަސައްކަތައް ހެޔޮ ގޮތުގައި ކުރިއަށްދާނެ ކަމަށްވެސް ސަމީރު ވިދާޅުވި އެވެ.

އޭސީސީން މައްސަލަ ބެލުމަށްފަހު ބުނެފައި ވަނީ ތ. އެލާ އާއި ގދ. ގަޒީރާ އާއި ރ. މާނެންފުއްޓާއި ކ. ބޮލިދުއްފަރާއި ކ. ވާވެއްދި ފަޅުތަކުގެ މައްސަލަ ބެލި އިރު ސެޓްލްމެންޓް އަދި އެމެންޑްމެންޓް އެންޑް ރީސްޓޭޓެޑް އެގްރީމެންޓްތައް ހަދާފައި ވަނީ ސުޕްރީމް ކޯޓް 2013 އިގެ ގަޒިއްޔާއަކުން ކޮށްފައިވާ ހުކުމަކާއި ގުޅިގެން އދ. ފެންފުށީ ފިވާގޭ އަލީ އިބްރާހީމަށް ދައުލަތުން 9،69277.00 މިލިއަން ޑޮލަރު ދޭން ޖެހުމާ ގުޅިގެން ކަމާއި އެ ބަވަތުގެ އެހެން މައްސަލަތަކެއް ކޯޓްގައި ހިނގަމުންދާތީ ދައުލަތުން ބޮޑު ބަދަލެއް ދޭން ޖެހިދާނެތީ ކަމަށް އެއްބަސްވުންތަކުގައި ބުނި ނަމަވެސް ދޭންޖެހޭ ބަދަލާ ބަލާއިރު ނުބައްދަލު ފައިދާއެއް ސެޓްލްމެންޓް އެގްރީމެންޓްތަކުން ލިބިދޭ ކަމަށާއި އެގްރިމެންޓްތައް ހަދާފައި ވަނީ ފަހުން ދޭން ޖެހިދާނެ ބަދަލަކަށް ބަލައިގެން ކަމަށް ބުނި ނަމަވެސް އެއީ ދައުލަތުން ދައްކަން ޖެހިދާނެ ބަދަލެއް ކަން އެ މަރުހަލާގައި ކަށަވަރު ނުކުރެވޭ ކަމަށެވެ.

ސީސީގެ ރިޕޯޓްގައި ބުނެފައި ވަނީ އެގްރިމެންޓްތައް ހަދަން ޖެހުނު ސަބަބަކީ އަލީ އިބްރާހިމަށް ދޭން ޖެހުނު 9،69277.00 އެމެރިކާ ޑޮލާ ގުޅިގެން ކަމަށް އެއްބަސްވުންތަކުގައި ބުނި ނަމަވެސް އޭނާއަށް ދޭން ޖެހުނު އެ ފައިސާ، 9،69277.00 އެމެރިކާ ޑޮލަރު ވިލާ ކުންފުނިން އެދުނު ގޮތަށް ވިލާގެ ކުންފުނިތަކުން ދައްކަންޖެހޭ ޓީޖީއެސްޓީ އާއި ބެޑް ޓެކްސް ސެޓް އޮފް ކޮށްފައިވާކަން ތަހުގީގަށް އެނގުނު ކަމަށާއި އެ ފައިސާއާ ގުޅިގެން ސެޓްލްމެންޓްތަކެއް އިތުރަށް ހަދަން ނުޖެހޭ ކަން ވެސް އެނގޭ ކަމަށެވެ. އަދި ބުނެފައި ވަނީ އެއިން ކޮންމެ އެގްރިމެންޓެއްގެ ކޮންސްޓަރަކްޝަން ޕީރިއެޑް ފަހެއް ނުވަތަ ހަތް އަހަރަށް މަގުބޫލް ސަބަބަކާއި ނުލައި ގާނޫނާ ހިލާފަށް އިތުރުކޮށްދީފައިވާ ކަމަށާއި އޭގެ ސަބަބުން ކޮންސްޓްރަކްޝަން ޕީރިއެޑްގެ ގޮތުގައި އިތުރު 24 އަހަރު ދީފައި އޮތުމުން 24 އަހަރުގެ ކުލި ދަައުލަތަށް ގެއްލިފައިވާ ކަމަށެވެ.

މީގެ އިތުރުން ބުނަނީ އެގްރިމެންޓްތަކާ ގުޅިގެން ޓޫރިޒަމާއި ޕްލޮޓްތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކާމެދު އެމެންޑެޑް އެން ރީސްޓޭޓެޑް އެގްރިމެންޓްތަކެއް ހަދައި އޭގެ ދަށުން ޕްލޮޓްތައް 50 އަހަރަށް ކުއްޔަށް ދީފައިވާއިރު ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހަށް އަމަލި ކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ރަށެއް ނުވަތަ ބިމެއްގެ މުއްދަތު އިތުރުކޮށް ދެވޭނީ އަހަރަކަށް އެއްލައްކަ އެމެރިކާ ޑޮލަރުގެ ފީއެއް ނެގުމަށް ފަހުގައި ކަމަށް ބުނާ ކަމަށެވެ. ނަމަވެސް ޑިސެމްބަރު 12، 2013 އަށް ޕްލޮޓްތަކުގެ ކޮމެންސްމެންޓް ޑޭޓް ބަދަލުކޮށްފައި ވަނީ އެ ފީ ނުނަގައި ޕްލޮޓްތައް 50 އަހަރަށް ދިނުމަށާއި އޭގެ ސަބަބުން މުއްދަތު އިތުރު ކުރުމުގެ ފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 15 މިލިއަން ޑޮލަރު ދައުލަތަށް ނުލިބި އޮތް ކަމަށެވެ.