ރިޕޯޓް

"ހިއްޗާ"ގެ އީދު ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއެކު

Jun 16, 2018
2

އެކި ރަށްރަށުގައި ފޯރިއާއެކު ދަނީ އީދު ފާހަގަކޮށް ކުޅިވަރުތައް ކުޅެމުންނެވެ. ކުރީންސުރެ ވެެސް އޮންނަ އީދު ފާހަގަ ކުރުމުގެ އާދަތައް ދިރުވާ އާލާ ކުރުމަކީ އެރަށެއްގައި އޮންނަ ޒުވާނުން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. މިގޮތުން ބ. ކުޑަރިކިލަކީ ޒަމާނުއްސުރެ ސަގާފީ އީދެއް ފާހަގަ ކުރާ ރަށެކެވެ.

މިފަހަރުވެސް އެރަށުގެ ބޮޑުބެރު ގުރޫޕެއް ކަމަށްވާ "ހިއްޗާ" ބޮޑުބެރު ގުރޫޕުން ވަނީ އެހެން ގުރޫޕްތަކަށް ނަމޫނާއެއް ދައްކާލާފަ އެވެ.

ކުޑަރިކިލުގައި ކުޑަ އީދުގެ ހަރަކާތްތައް ހިންގުމުގައި މިފަހަރުވެސް ހަރަކާތްތެރިވަނީ އެރަށުގައި އޮންނަ ޒުވާން ހިއްޗާ ބޮޑުބެރު ގުރޫޕެވެ. މިދިޔަ އަހަރެކޭވެސް އެއްގޮތަށް މިއަހަރުވެސް އެގުރޫޕުން މިވަނީ ތަފާތު ހަރަކާތެއް ހިންގާފަ އެވެ. އެގޮތުން ހާއްސަ އެހީއަށް ބޭނުން ވުމުގެ ސަބަބުން އެންމެންނާއެކު އީދުގެ ހަރަކާތްތަކުގައި ބައިވެރިނުވެނޭ ކުދިންނާއި ހަމައަށް އީދުގެ އުފާ މިވަނީ އެގުރޫޕުން ގެންގޮސްދީފަ އެވެ.

ކުޑަރިކިލުގައި ހާއްސަ އެހީއަށް ބޭނުންވާ ހަތަރު ކުދިން ތިބެ އެވެ. އެއީ މާލިކް ރާޒީއާ ސަފްވާން ރާޒީއާ އަބުދުހަފީޒްގެ އިތުރުން އައިޝަތު ރަޒާނާ އަބުދުލް ރައުފު އެވެ. ހިއްޗާ ގުރޫޕުން އެގޭތަކަށް ގޮސް އެކުދިންނާއި ބައްދަލުކޮށް ފޮޓޯ އެކަނި ނެގީއެއް ނޫނެވެ. އީދު ހަދިޔާއާއެކު އެކުދިން ތިބޭ ކޮޓަރިއަށްވަދެ އެކުދިންނަށް ބޮޑުބެރު ޖަހައިދީ ނަށައި އުފަލުގައި ބައިވެރިކޮށްދިނީ އެވެ. އަދި ކޮންމެ ކުއްޖަކަށް އެއްހާސް ރުފިޔާވެސް ހަދިޔާކޮށްފައި ވެއެވެ.

މިއީ މިފަދަ ހަރަކާތެެއް އެގުރޫން ހިންގި ދެވަނަ ފަހަރެވެ. އެގުރޫޕުން މިދިޔަ އަހަރުވެސް މި ހަރަކާތަށް ގިނަ ބައެއްގެ ތައުރީފް ލިބިގެން ގޮސްފައި ވެއެވެ. އެގުރޫޕުން ބުނީ ހާއްސަ އެހީއަށް ބޭނުން ވުމަކީ އީދު ކުޅިވަރުތަކުން އެކުދިން މަހުރޫމްވާން ޖެހޭ ކަަމެއް ކަމުގައި ނުދެކޭ ކަމަށެވެ. އެކުދިންނަކީވެސް ހަމަ ކޮންމެ ކުއްޖެއް ފަދައިން އީދު އުފަލުގައި ބައިވެރިވެވޭނެ ކުދިންނަށް ހެދުމަށްޓަކައި ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް އެގުރޫޕުން ބުންޏެވެ.

"އަސްލު ކުރިން ރާޥާފައި އޮތީ އެކުދީންނަށް ހާއްސަކޮށް ބޭރުގައި ވަކިން ބޮޑު ހަރަކާތެއް ބާއްވަން، ނަމަވެސް ބައެއް ކުދީންގެ ބަލި ހާލަތު ހުރި ގޮތުންނާއި މޫސުން ހުރި ގޮތުން ބޭނުންވި ގޮތަށް ހަރަކާތް ނުރޭޭވުނު، ދެން ނިންމީ އެކުދީންގެ ގެއަށްގޮސް އެކުދިންނާއި ހަމައަށް މި ހަރަކާތް ގެންގޮސް ދިނުން،" ހިއްޗާ ގުރޫޕުން ބުންޏެވެ.

ހިއްޗާއިން މިދިޔަ އަހަރުވެސް މި ހަރަކާ ހިންގުމުން ގިނަ ބައެއްގެ ތައުރީފް ލިބިފައިވާއިރު މިއަހަރުގެ ހަރަކާތް ހިންގުމަށް ރަށުގެ ރައްޔިތުންގެ ތަރުހީބު މިކަމަށް ވަރަށް ބޮޑަށް ލިބިގެން ގޮސްފައިވާ ކަމަށް އެގުރޫޕުން ބުންޏެވެ. ރަށުގެ ރައްޔިތުންގެ ތަރުހީބު މިކަމަށް ލިބިގެން ދިޔަކަމީ ހަރަކާތް އތުރަށް ފުރިހަމަ ވެގެންދިޔަ ކަމެއް ކަމަށްވެސް އެގުރޫޕުން ބުންޏެވެ.

ހިއްޗާ ބޮޑުބެރު ގްރޫޕުން މިއަހަރުވެސް ކުޑަރިކިލުގައި އީދު ފާހަގަކުރުމަށް ހަރަކާތްތަކެއް ރާވައި ދަނީ ހިންގަމުން ނެވެ. އޭގެ ތެރޭގައި މާލި ނެރުމާއި ފަންކޯޑި އަދި ކުޑަކުދިންގެ ހަވީރެއްވެސް ބޭއްވުމަށް ވަނީ އެގުރޫޕުން ރާވާފަ އެވެ

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްގެން ހިންގާ ހަރަކާތް ހިއްޗާ ގުރޫޕުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދިއުމަށް ރާވާ ކަމަށެވެ. އަދި މިކަމަކީ އެރަށުގެ އީދުގެ ސަގާފަތެއްގެ ގޮތުގައި ހެދުމަކީ އެގުރޫޕްގެ އެންމެ ބޮޑު އަމާޒުކަމަށް ހިއްޗާ ގުރޫޕުން މައުލޫމާތު ދެއެވެ. 2014 ވަނަ އަހަރު ވުޖޫދަށްއާ މި ގުރޫޕަކީ ޒުވާން އަންހެން އަދި ފިރިހެން ކުދިން ހިމެނޭ ގުރޫޕެކެވެ. މި ގުރޫޕުން ދަނީ ކޮންމެ އަހަރަކުވެސް އެރަށުގައި ސަގާފީ ކުޅިވަރުތައް އާލާ ކުރުމަށް އެކި ހަރަކާތްތައް ހިންގަމުން ނެވެ.