(14 ޖޫން 2018 އާ ގުޅޭ)
"ޖަސްޓް މޭކް މީ ޔޯސް ޑެވިލް... އައި ވޯންޓް ދެޓް" ލޯގަނޑަށް ބަލަން ހުރެ ނިމްރާ މަޑުމަޑުން ބުނެލިއެވެ.
"އައި ވޯންޓް ޔޫ ސްކާލެޓް... އައި ކާންޓް ހެލްޕް އިޓް... ގޯޑް... އައި ރިއަލީ ނީޑް އަ ކޯލްޑް ޝަވާ ނައު" މޫނުގައި ދެއަތް ހާކާލުމާއެކު އަރްސަލް ސޯފާއިން ތެދުވީ އޭނާގެ ކޮޓަރިއަށް ދާށެވެ. ހިތުގައި ހިނގަމުންދިޔަ އިޙްސާސްތަކަށް ސިކުނޑި އެއްބާރުލުން ދީ ހަށިގަނޑު ވެސް އެދުންތަކަށް ހޭލަނީކަން އަރްސަލްއަށް ޔަގީންވީއެވެ.
ފެންވަރައިގެން ނުކުމެ އެނދުގައި އަރްސަލް އޮށޯތީ ނިދޭތޯއެވެ. ލޯމަރައިގެން އޮވެއޮވެ ވެސް އެ ދެ ލޮލަށް ނިދި ސަވާރުވާ ގޮތެއްނުވިއެވެ. އެހެންވެ އެންމެފަހުން އެނދުން ތެދުވެ ގަޔަށް ޓީޝާޓު ހެޔޮވަރުކުރަމުން ކޮޓަރިން އަރްސަލް ނުކުތީއެވެ. ކޮޓަރިން ނުކުތުމާއެކު ފުރަތަމަ ވެސް ކަންފަތުގައި ޖެހުނީ ހުޅުވާފައި ހުރި ޓީވީގެ އަޑެވެ. ސިޓިންރޫމަށް ނުކުމެވުނު އިރު ސޯފާގައި ހަށިގަނޑު ދަމާލައިގެން ރާދިން އޮތްތަން ފެނުމުން އަރްސަލްއަށް ލިބުނީ ހައިރާންކަމެވެ. ރާދިންއަކީ އެއްވެސް ކަމަކާނުލާ ހޭލާ އުޅޭނޭ ޒުވާނެއްނޫންކަން އަރްސަލްއަށް އެނގެއެވެ. ލައިގެން ހުރި ސޯޓުގެ އަރިމަތީ ޖީބުން ފޯނު ނަގައި އަރްސަލް ގަޑިން ވީއިރެއް ބަލާލީ ދެނެވެ. ތިނެއްޖަހައި ހިނގައްޖެއެވެ. އަރްސަލް އައިސް ދެން ހުރި ދިގު ސޯފާގައި އޮށޯވެ ބޯދަށަށް ކުޝަންއެއް ލައްވާލާ ދެން ހުރި ކުޝަންތައް ސޯފާއިން ބޭރަށް އަޅާލިއެވެ.
"ކިހިނެއްވީ ނުނިދިގެން ތިއުޅެނީ" ރާދިންއަށް ކަމެއްވެއްޖެކަން ޔަގީންވާތީ އަރްސަލް ސުވާލުކުރިއެވެ.
"އަރްސަލް ވެސް ތި ނުކުތީ ނުނިދިގެންނު" ރާދިން ސޯފާގެ މަގަތަށް ވާގޮތަށް އަރިއަކަށް ޖެހިލައި އަރްސަލްއަށް ބަލާލިއެވެ. އަދި ޓީވީގެ ރިމޯޓު ނަގައި އަޑު މަޑުކޮށްލީ އެ ދެމެދުގައި ދެކެވޭ ވާހަކަ ސާފުކޮށް އިވޭނީ އޭރުންކަމަށްވީމައެވެ.
"އަހަރެންގެ ދިރިއުޅުންހެން، ރާދުގެ ދިރިއުޅުން ވެސް ހަލަބޮލިވީތަ؟" މިފަހަރު ވެސް އަރްސަލް ކުރީ ސުވާލެވެ.
"ކަމަކާ މެދު މާ ބޮޑަށް ވިސްނެނީ" ރާދިން ބުނެލިއެވެ.
"ރާދު... ކަމެއް ދިމާވީތަ؟ ދުރުދުރުން ނޫޅެ ބުނީމަ ދޯ އަހަންނަށް އެނގޭނީ" އަރްސަލް ބުންޏެވެ.
"އަހަންނަށް ކަމެއް ކުރެވުނީ" ރާދިން ބުނުމާއެކު އަރްސަލް ބޯ އަރިކޮށް ބަލާލައިފިއެވެ. ބަހެއްނުބުނެ އިރުކޮޅަކު ބަލަން އޮތުމަށްފަހު އަރްސަލް ހީނގަނެއްޖެއެވެ.
"ކިހިނެއްވީ؟ އަހަރެންވިއްޔާ ކަމެއް ނުވާނީތަ؟" ރާދިން ސުވާލުކުރިއެވެ.
"ނޯ ބްރޯ... ތީ އަބަދުވެސް ވަރަށް ހިފެހެއްޓުންތެރި މީހެއް. އަންހެންކުއްޖަކާ ރާދު ގާތްވުމަކީ ވުމަށްވުރެ ނުވާނޭކަމެއްކަން އަހަންނަށް އެނގޭ. ފެންނަހާ ކުއްޖެއް ކަމަކު ވެސް ނުދާނެ. ރާދުއަށް ޖެހޭނެ އެ އަންހެންކުއްޖާ ވަރަށް ޚާއްޞަވާން... އަނެއްކާ އަންހެންކުއްޖަކަށް ރާދު ހިތްކިޔައިފިނަމަ ދެން އެހެން ހުރިހާ އަންހެނުން އެ ހަރާންވީ، ކިޔައިދީބަލަ... ކިހިނެއް ކޮންއިރަކު ތިކަމެއް ހިނގީ... އަނެއްކާ ކިހާ ވަރެއްގެ ކަމެއް ކޮށްލައިގެން ތި އުޅެނީ... ކާކުކަން އެނގެން ވެސް ބޭނުން" ހިނިއައިސްފައި އަރްސަލް ވާހަކަދެއްކިއެވެ.
"އައި ކިސްޑް އާނާ" ބުނަން ނުބުނަން އުޅެފައި ވެސް ރާދިން ހާމަކުރިއެވެ.
"ވަޓް... އާނާ!... ކިހިނެއް ހިނގިކަމެއްތީ" އަރްސަލަށް ޤަބޫލުކުރަން އުނދަގޫވިއެވެ.
"އަހަންނަށް އާނާ ކަމުދޭ... ކޮންއިރަކުކަމެއް ބުނާކަށް ސީދާ ނޭނގޭ އެހެން ފީލްވާން ފެށީ. އެކަމަކު އެ ވާހަކަ އާނާ ގާތު ބުނާނޭ ގޮތެއް ނޭނގިގެން މިއުޅެނީ" ރާދިންގެ ސިކުނޑީގައި އުނދަގޫ ކުރަމުންދިޔަ ޚިޔާލުތައް ދުލާ ހަމައަށް އޭނާ ގެނައެވެ.
"އާނާ ކިހިނެއް ރިއެކްޓް ކުރީ ރާދު ކިސްކުރީމަ" އަރްސަލް އެހިއެވެ.
"ޝީ ވޯޒް ޝޮކްޑް... އެއްވެސް އެއްޗެއް ނުބުނޭ. އަހަންނަށް ވެސް ނޭނގެ އެކަހަލަ ކަމެއް އަހަރެން ކުރީ ކީއްވެކަމެއް. އެހާ ގާތުގައި ހުރެވުނީމަ އަހަންނަށް ވެސް އަހަރެންގެ އަމިއްލަ ނަފްސު ނުހިފެއްޓުނީ" ރާދިން ކުށްވެރި ގޮތަކަށް ބުނެލިއެވެ.
"ރާދު! ތި ހުރީ ހަމަރަނގަޅަށް ވެސް އާނާގެ ޖާދޫގައި ޖެހިފައި. އަންހެންކުއްޖަކު މާބޮޑަށް ކަމުދިއުމަކީ ދެމެދުގައި އޮންނަ ބެރިއާސްއާ މެދު ވިސްނޭކަމެއްނޫން... ކަމެއްވެ ނިމުނީމަ އެކަމާމެދު ވިސްނާލެވޭނީ. އަހަރެންގެ ނަޒަރުގައި ދެ މީހުން ރުހިގެން ހިނގާ އެއްވެސްކަމަކީ ގޯސްކަމެއްނޫން" އަރްސަލް ބުނެލިއެވެ.
"އޯ ކަމޯން އަރްސަލް... ތި ތިއަރީއަކީ އަރްސަލް އަމިއްލައަށް ގެންގުޅޭ ތިއަރީއެއް. ޔޫ ނޯ އައި ޑޯންޓް ވޯންޓް އިޓް. ދެ މީހުން ރުހުނަސް ކުރަން ނުވާނޭ ކަންތައްތައް ހުންނާނެ. އަހަރެން ބުނާކަށް ނުޖެހޭނެ އަރްސަލް ގާތު. އަހަރެން ބޭނުމެއްނޫން އަންހެންކުއްޖަކާ އެގޮތަށް ގުޅޭކަށް. ކައިވެނި އޮންނަނީ ކޮންމެވެސް ކަމެއްވެގެން ދޯ... އެއީ ހަމައެކަނި ދަރީން ހޯދަންވީމަ އޮންނަ ޕާމިޓް ކާޑެއްނޫން" ރާދިންގެ ބަދަލުނުވާނޭ ޚިޔާލު ހާމަކުރިއެވެ.
"ފައިން! ލީވް އިޓް!... ޓެލް މީ ވަޓް ޔޫ ވޯންޓް. އަހަރެން ކީއްކޮށްދޭންވީ. ހަޤީޤަތުގައި އަހަރެން ކަމެއްކޮށްދިނުމަށްވުރެ ރާދު އަމިއްލައަށް ތިކަމާ އުޅުން އެންމެ ރަނގަޅުވާނީ. އާނާދެކެ ލައިކްވާނަމަ އޭނާ ގާތު ރީތިކޮށް ބުނޭ" އަރްސަލް ޚިޔާލު ދިނެވެ.
"އާނާ ރިޖެކްޓް ކޮށްފިއްޔާ ދެނޯ... އިޓް ވިލް ބީ ވެރީ އޮކްވާޑް ދޯ އޭގެ ފަހުން. އަހަރެން ކުރިކަންތަކުން އާނާ ހިތްހަމަނުޖެހިފަ ހުރެދާނޭ ހީވަނީ... ހަޤީޤަތުގައި ވިސްނެނީ އެކަމާ" ރާދިން ކަންބޮޑުވާ ކަންތައް ހާމަކުރިއެވެ.
"އޮބްވިއަސްލީ އޮކްވާޑްވާނެ ދޯ... އަހަންނަށް ވެސް ބުނާކަށް ނޭނގެ އާނާ ރިއެކްޓުކުރާނޭ ގޮތެއް. ހުރިހާ އަންހެންކުދީންގެ ތެރެއިން ރާދުއަށް ތި ކަމުދިޔައީ އާނާ ވިއްޔާ. އެހެންވިޔަސް ތި ހޮވުން ގޯހެއްނޫން. ތި ދެ މީހުން ރިލޭޝަންޝިޕްއަކަށް ގޮސްފިއްޔާ މުއްތުބެގެ ރިއެކްޝަން ބަލަން އަހަރެން ބޭނުންވަނީ" އަރްސަލް މިހެންބުނެ ހީނގަތެވެ.
"މުއްތުބެ އެކަންޏެއްނޫން... ބައްޕަ ވެސް ރިއެކްޓުކުރާނެ... އެކަމަކު މިވަގުތު އެއިން މީހަކަށްވުރެ އާނާގެ ޚިޔާލު އެނގެން ބޭނުން. އަހަންނަށް ވެސް ނޭނގެ އަހަންނަށް އާނާ ކަމުދިޔައީ ކީއްވެކަމެއް. އެނގޭ ކުއްލިއަކަށްނޫންކަން... އާނާއާއެކު ގިނަ ވަގުތު ހޭދަކުރެވުނު ވަރަކަށް އަހަންނަށް އޭނާގެ ޠަބީޢަތް ކަމުދާން ފެށީ... އަރްސަލް! އަހަރެމެންނަށް މިހާރު އޮނަތިރީސް އަހަރުވީ... މިހާރު ދެން މީހަކާ އިންނަންވެއްޖެ. އަހަރެން އަނތްބަކު ބޭނުން... ދިރިއުޅުމެއް ފަށަން ބޭނުން. ޢާއިލާއާ ގުޅިގެން އުޅެން ބޭނުން" ރާދިންގެ ވާހަކައިގެ މިސްރާބު މަޑުމަޑުން ބަދަލުވިއެވެ.
"އަހަރެން ވެސް ތި ހުރިހާ ކަމެއް ބޭނުމޭ ބުނެފިއްޔާ އެއީ ލޫންގެ މައްޗަށް ވެވޭ ނާއިންސާފަކަށް ވެދާނެތަ؟" ޚިޔާލަކަށް ގެއްލި އޮވެ އަރްސަލް ބުނެލިއެވެ.
"ލޫން އަހަރެމެންނާ ވަކިވެގެން ހިނގައްޖެ. އެއީ ﷲގެ މިންވަރުފުޅު. އެ ފުރާނަ އެ ގެންދެވީ އޭގެ ވެރިފަރާތުން. ލޫންގެ މައްޗަށް ބުރަކަމެއްނުވޭ. އެއީ ވެސް ހަޔާތައް އައީ އުފާވެރިކަމެއް، ހިތްހަމަޖެހުމެއް، އެހެންވިޔަސް އެ އުފާވެރިކަން ވަގުތީ އުފާވެރިކަން ވުމަކީ އެކަމުގައި އަރްސަލް ކުރާނޭ ކަމެއްނޫން. އިންސާނުންނަކީ އެދުންތަކެއް ލައްވާފައިވާ ބައެއް. ދިރިއުޅުމުގައި ހުރިހާ ފަހަރަކު އެއްގޮތެއް މެދުވެރިއެއްނުވާނެ... ދިމާވެދާނޭ ހީކޮށްގެން ވެސް ނުވާނެ. ހުއްޓިފައި ހުރުމުގެ ބަދަލުގައި ކުރިއަށް ވެސް މީހާ ދާން ޖެހޭ. އެ ހަނދާންތައްވާނީ ސިކުނޑިއާއި ހިތުގައި ރައްކާކުރެވިފައި. އަރްސަލްއަށް ދިރިއުޅުމެއް ފަށަންވީ ވަގުތު ޖެހިއްޖެހެން ހީވަންޏާ އެއީ އެންމެ ރަނގަޅުވަގުތު. އެކަމައިގެން ކުރިއަށްދާންވީ... ތިމާ ބޭނުންވަނީ ކޮންކަމެއްކަން އަނެކާއަށް ބުނާކަށް ނޭނގޭނެ. އެކަމަކު ތިމާ ބޭނުންވާ ގޮތާއި މެދު އަނެކުންނާ މަޝްވަރާކޮށް އެ މީހުންގެ ޚިޔާލު ހޯދި ދާނެ" ރާދިން އެއްފަހަރާ އެތައް ވާހަކައެއް ދެއްކިއެވެ.
"ރާދު!... އަހަރެން... އަހަރެން މިހާރު ބޭނުން ބައްޕައާއި މަންމަގެ ދެމެދުގައި ހިނގައިދިޔަ ކަންކަން އޮޅުންފިލުވަން. އަހަންނަށް އެނގޭ ރާދު އަހަންނާއެކު ތިއުޅެނީ ބައްޕަ އެކަމަށް އެދިފައި އޮތުމުންކަން" އަރްސަލްގެ ދުލުން ބައްޕައޭ ބުނި އަޑާއިއެކު ރާދިންއަށް ލިބުނު ހައިރާންކަން އިތުރުވިއެވެ. އެ ދެމީހުން އެކުގައި އެތައް އަހަރެއް ފާއިތުވެ ހިނގައްޖެއެވެ. ބިލާލަށް އިޝާރާތްކުރާކަމުގައިވާނަމަ އަރްސަލް މުޅިން ވެސް ބުނާނީ އެ މީހާއެވެ. މި ނޫނީ ބިލާލުއަށް ބައްޕާއޭ ބުނެ އިޝާރާތްކޮށްފައެއްނުވެއެވެ. ރާދިން އެހާ ބޮޑަށް އަޖައިބުވީ އެހެންވެއެވެ.
"ހަލަފް ބުނި މަދުން ނަމަވެސް ބައްޕަ އެކަނި ހުރެ ރޯތަން ފެނެޔޭ. ގިނައިން ފެންނަނީ ސްޓަޑީގައި ރޯން އިންދައޭ... ރޮނީ އަތުގައި ހުރި ފޮޓޯތަކެއް ބަލަމުންނޭ. ބައްޕަ އެކަކަށް ވެސް އެކަންތައް އެނގެން ބޭނުންނުވާކަން އެނގޭ. ފަހަރެއްގައި އެއީ އަރްސަލްއާ ޚިއްޞާކުރަން ބައްޕަ ބޭނުންވާ ކަމަކަށް ވެސް ވެދާނެ. އަރްސަލް! ދަރީންނުވާނެ މައިންބަފައިންގެ ހިތުގައި ޖައްސައިގެން. މިއަދު ހަޤީޤަތުގައި ވަރަށް އުފާވެއްޖެ. ވަރަށް ހިތްހަމަޖެހިއްޖެ... އެޓްލީސްޓް ބައްޕައާ ވާހަކަދައްކަން އަރްސަލް ބޭނުންވީމަ... އަހަރެން ބައްޕަ ގާތު ބުނަންތަ އަރްސަލް ބައްދަލުކުރަން ބޭނުންވާ ވާހަކަ" ރާދިންއަށް ހިނިތުންވެވުނީ ބޭއިޚްތިޔާރުގައެވެ.
"ނޫން! އަދި އެއްވެސް އެއްޗެއް ބުނާނެކަމެއްނެތް. އަހަރެން އަމިއްލައަށް ބައްޕައާ ބައްދަލުކުރާނަން. އަހަރެން ބޭނުން އަހަންނަށް މި ފުރުޞަތު ގެއްލުމުގެ ކުރީން ހުރިހާ ކަމެއް ބައްޕަ ގާތުން އޮޅުން ފިލުވަން" އަރްސަލް ބުނެލިއެވެ.
"އަރްސަލް ވަރަށް ތަފާތުވެއްޖެ... އެކަމަކު ރަނގަޅު ބަދަލެއްތީ، އަހަންނަށް ހީވަނީ ރަނގަޅު ކުއްޖެއްގެ އަސަރުތައްހެން އަރްސަލްއަށް ތިކުރަނީ" ރާދިން މާނަފުން ގޮތަކަށް ބުނެލިއެވެ.
"އަހަންނަށް ވެސް އަހަރެންގެ މި ބަދަލު ކަމުދާން ފަށައިފި... ވެދާނެ ތިބުނާ ފަދަ ގޮތެއްވަނީކަމަށް" އަރްސަލްގެ ތުންފަތަށް ވެރިވި ހިނިތުންވުން ރާދިންއަށް ވެސް ފެނުނެވެ.
"ދިރިއުޅުމެއް ފަށަން ވިސްނުމުގައި ހުރިނަމަ އަހަރެން ބުނާނީ އެފަދައިން ޢަމަލުތައް ވެސް ބަހައްޓާށޭ. އައި ނޯ ޔޫ... ތީ ކިހާ ހިފިނުހުރެވޭ މީހެއްކަން އެނގޭ... ޚާއްޞަކޮށް މިފަހަކަށް އައިސް" ރާދިން ހިނިގަނޑެއް ޖަހާލިއެވެ.
"އެވްރިތިންގް އިޒް ޑިފަރެންޓް ނައު" އަރްސަލް ބުނެލިއެވެ. އެއަށްވުރެ އިތުރަށް އޭނާގެ ހިތުގައިވާ އެއްޗެއް ހާމައެއްނުކުރިއެވެ. ނަމަވެސް މޭގައި ފިރުމާލުމާއެކު އޭނާގެ ހިނިތުންވުން ފުޅާވެއްޖެއެވެ.
ދެ ޒުވާނުން ވާހަކައިގައި ތިބެފައި ރާދިން ގަޑި ބަލާލިއެވެ. ފަތިސް ނަމާދަށް ގޮވަން ގިނައިރެއް ނެތްކަން އެނގުމުން ރާދިން ސޯފާއިން ތެދުވިއެވެ. އަދި އަރްސަލް ގާތުގައި އެދުނީ ނަމާދަށް ދާން ތައްޔާރުވުމަށެވެ. އޭގެ އިރުކޮޅެއް ފަހުން އެޕާޓްމެންޓުން ނުކުތީ ދެ ޒުވާނުން އެކީގައެވެ.
* * * * *
ހެނދުނުގެ ނާސްތާ ކުރުމަށް ކާމޭޒު ދޮށުގައި ކީފާ އިންއިރު ކާތަށީގެ އިތުރުން އޭނާގެ ކައިރީ ޑައިރީއެއް ހުޅުވާފައި އޮތެވެ. އެއްއަތުގައި ފޯނު އޮތެވެ. ބަލަން އިނީ ކުރިއަށް ރޭވިފައި ހުރި ކަންކަމެވެ. އެ ހުރިހާ ކަމަށްވުރެ ވެސް ބޮޑަށް ވިސްނެމުންދިޔައީ އަރްސަލްއާ ބައްދަލުކުރުމުގެ ޚިޔާލެވެ.
"ނިއު އިއާ ވެސް ދިޔައީ... ހަލަފް އިންސްޓަގްރާމްކޮއްފަ ހުރި ފޮޓޯތަކުން އެނގޭ އެއީ އަރްސަލްމެންގޭ ޓެރެސްކަން. އެކަމަކު އަހަންނަށް އަންގާ ވެސް ނުލި. އޮފީހުން ނޫނީ މިހާރު ބައްދަލުކުރާނޭ ފުރުޞަތެއް ވެސް ނުދޭ... މިފަހަރު ދޫކޮށެއްނުލާނަން... އަހަރެން ބޭނުން އަރްސަލް.... ކޮންމެ ގޮތަކުން ވެސް ހޯދާނަން... އެންމެ ފޫހިވަނީ އެ އަންހެނާ އެ ގޭގައި ހުންނާތީ. ހަލަފްއާއި ރާދިން ވެސް ހާދަވަރަކުންނޭ އުޅެނީ އެ އަންހެނާއާ ހެދިގެން... ހުރިހާ ފިރިހެނުން މޮޔަވެގެން އުޅޭވަރުގެ އަންހެނެއް ވެސް ނޫން. އެކަމަކު އަހަންނަށް ކުރެވޭނީ ކޮންކަމެއް؟... ކޮންމެ ކަމެއް ކުރި ނަމަވެސް ކުރަން ޖެހޭނީ އަރްސަލްއަށް ނޭނގި. އެތަނުން އެކަކަށް ވެސް ނޭނގި" ކީފާ އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ. އަރްސަލްއާ ގާތްވާން ބޭނުންވިޔަސް އޭނާއަށް އެކަން ކާމިޔާބުވާ ގޮތެއް ނުވެއެވެ. ކާމިޔާބު ކުރުމަށް ނަގާނޭ ފިޔަވަޅެއް ވެސް އޭނާގެ ސިކުނޑިއަކަށް ނުވިސްނުނެވެ. ޔަގީނުން ވެސް އަރްސަލްގެ ސަމާލުކަމާއި އޭނާގެ ހިތް އަތުލެވޭނީ ބޮޑުކަމެއް ކޮށްގެންކަން ކީފާއަށް އެނގެއެވެ. އެކަމުގައި ޚުދު އޭނާގެ އަމިއްލަ ހަށިގަނޑު ގުރުބާން ކުރަން ޖެހުނަސް އަރްސަލްއަށް ޓަކައި އޭނާ އެއްވެސް ޖެހިލުމެއްނެތި އެކަން ކުރާން ހުރީ ތައްޔާރަށެވެ.
"އަރްސަލް ނުބުންޏަސް އަހަންނަށް އެގެއަށް ދެވޭނެ... ނުވަންނާށޭ ނޫނީ ނާންނާށޭ ބުނަންދެން ދެވޭނެއެއްނު، އަހަންނަކީ ވެސް އަންހެނެއް... އަހަންނަށް ނުކޮށްދެވޭނޭ ކަމެއް ވަކި އެ އަންހެނާއަކަށް ވެސް ކޮށެއް ނުދެވޭނެ" ސިކުނޑީގައި ހިނގައިގަތް ޚިޔާލާއެކު އެއްމިޔަކަނުން ކީފާއަށް ހިނިތުންވެވުނެވެ.
* * * * *
ރަކި ހިނިތުންވުމެއް ވެރިވެގެން ދިޔަ ނަމަވެސް ނިކަން އަވަހަށް އެ އަސަރު ޝިހާނާގެ މޫނުމަތިން ފޮރުވާލައިފިއެވެ. އޭނާއާއި ރާދިންގެ ދެމެދުގައި ހިނގައިދިޔަ ކަންތައް ސިކުނޑިން ނެރެއެއް ނުލެވުނެވެ. ރާދިންއާ ކުރިމަތިލާނޭ ހިތްވަރެއްނެތި ދެ ހަފްތާ ފާއިތުވެގެން ދިޔައީ އެއްވެސް ވަރަކަށް ޝިހާނާގެ ޚަބަރެއްނުވެއެވެ. ރާދިން ވާހަކައެއް ދައްކަން ބޭނުންވާ ކަމަށް ބުނެ ފޯނަށް މެސެޖު ކުރެއެވެ. އެ މެސެޖުތަކަށް ރައްދުދޭން ނުކެރިފައި ހުރީ ޝިހާނާއަށެވެ. ހިތުގައި ރާދިންއަށް ޓަކައި ޚާއްޞަކަމެއް ދެވިފައިވާކަން ޚުދު ޝިހާނާއަށް އެނގޭއިރު ވެސް މެއެވެ. އެ ހިތުގައި މީގެ ކުރީން ނުޖަހާ އައު ވިންދެއް އުފަންވެއްޖެއެވެ. ރާދިންގެ ސޫރަ ހިތާއި ސިކުނޑީގެ ލޯގަނޑަށް އެޅިގެންދާ ކޮންމެ ފަހަރަކު އިޙްސާސްތައް ހިފަހައްޓަން ޝިހާނާއަށް އުނދަގޫވެއްޖެއެވެ. ނަމަވެސް އެ ހުރިހާ ކަމަކަށް ހުރަސް އަޅާ ޚިޔާލެއް އޭނާގެ ސިކުނޑީގައި ވިއެވެ. އެކަމާ މަޝްވަރާ ކުރާނޭ މީހަކު ހުރިނަމައޭ ޝިހާނާގެ ހިތަށް އެރިއެވެ. އެކަމަކު އޭނާގެ އެފަދަ ގާތް ވާހަކައެއް ދައްކާނޭ އެކުވެރިއަކު އަދި ނެތެވެ. އެކުވެރިކަމަށް ބޭނުންވާ ކޮންމެ ފަހަރަކު އޭނާއަށް ދެވެނީ ރާދިންއާއި އަރްސަލްގެ ގާތަށެވެ. ޚާއްޞަކޮށް ރާދިންއާ ޚިއްޞާ ކުރެވިފައި ހުރި ވާހަކަތައް ގިނައެވެ.
"މޭބީ އައި ޝުޑް ޓޯކް ޓު ހާ... ނިމްގެ ހުރޭ އިތުބާރު ކުރެވޭ ކަހަލަ ސިފައެއް. އަނެއްކާ ރާދުއާއި އަރްސަލްއާ ވެސް އެހާ ކްލޯސް... ރާދުގެ ގޮތް ވެސް މިހާރު ނިމްއަށް އެނގިފަ ހުންނާނީ. ފަހަރެއްގައި ނިމްގެ ޚިޔާލެއް ހޯދަނިކޮށް ގޮތެއް ނިންމަން އެނގިދާނެ... އަހަރެން ވެސް ބޭނުންވަނީ ރާދުއަށް އާނއެކޭ ބުނަން" ޝިހާނާއަށް ވިސްނާލެވުނެވެ. އޭނާ ދެން ފޯނު ނެގީ ހަލަފްއަށް ގުޅުމަށެވެ. (ނުނިމޭ)