ކުޅިވަރު

ކޮސްޓަރިކާ އެންމެން ހައިރާން ކޮށްލަފާނެ

އެންމެފަހުން ބްރެޒިލްގައި ބޭއްވި ވޯލްޑްކަޕުގައި ގުރޫޕްގެ އެއް ވަނަ ހޯދައިގެން ކޮސްޓަރިކާ ކްއާޓާ ފައިނަލާ ހަމަޔަށް ދަތުރުކޮށް އެ ޓީމުން އެންމެން ހައިރާން ކޮށްލި އެވެ. އެ ފަހަރު ގުރޫޕްގެ އެއްވަނަ އެ ޓީމުން ހޯދީ، ވަރުގަދަ އިޓަލީ އާއި އުރުގުއޭ އަދި އިންގްލެންޑް ވެސް ފަހަތަށް ޖައްސާލު ލުމަށް ފަހު އެވެ.

ކްއާޓާ ފައިނަލުގައި، އެ ޓީމު ބަލިވީ ހޮލެންޑް އަތުން ޕެނަލްޓީ ޖަހައިގެންނެވެ. މިފަހަރު ގުރޫޕް "އީ" ގައި ކޮސްޓަރިކާއާއެކު ލައްވާލީ ވަރުގަދަ ބްރެޒިލް އާއި ސްވިޒަލޭންޑާއި ސާބިއާ އެވެ. ގުރޫޕްގެ ފޭވަރިޓަކީ ބްރެޒިލެވެ. ދެ ވަނަ ޓީމުގެ ގޮތުގައި ހިމެނިގެން ކޮސްޓަރިކާއަށް ދެވަނަ ބުރަށް ދިއުމަށް ބޮޑު އުންމީދެއް އެބައޮތެވެ.

ނަމަވެސް މުބާރާތުގެ ފުރަތަމަ މެޗު އަބަދުވެސް އުނދަގޫ ވާނެ ކަމަށް ކޯޗް އޮސްކާ ރަމިރޭޒް ބުންޏެވެ. ފުރަތަމަ މެޗުގައި، މިއަދު ރާއްޖޭ ގަޑިން 5:00 ގައި އެ ޓީމު ވާދަ ކުރާނީ ސާބިއާ އާ ދެކޮޅަށެވެ.

ރަމިރޭޒް އަކީ ކޮސްޓަރިކާ ފުރަތަމަ ވޯލްޑްކަޕުގެ ޓީމުގައި ހިމެނުނު، މިޑްފީލްޑަރެވެ. އިޓަލީގައި 1990 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގައި ކޮސްޓަރިކާ ކުޅުނު ހުރިހާ މެޗެއްގައި އޭނާ ވަނީ ފުލުކޮށް ކުޅެފަ އެވެ.

ރަމިރޭޒް ބުނީ، މެޗު ފަށާ ގޮތަކުން ސާބިއާއާ ދެކޮޅަށް ކުޅެން އުނދަގޫ ވާނެ ކަމަށް ބުނަން އެނގިދާނެ ކަމަށެވެ. ނަމަވެސް މެޗުގެ ފުރަތަމަ 20 މިނެޓް ފަސޭހަ ނުވާނެ ކަމަށް އޭނާ ބުންޏެވެ.

ކޮސްޓަރިކާ ޓީމު ޕްރޮފައިލް

"މެޗު ފެށީމަ އަހަރެމެން ބަލާނަން ކިހިނެއްތޯ ސާބިއާ ހިފަހައްޓަން އޮތް ގޮތަކީ، ފުރަތަމަ 20 މިނެޓް ތެރޭ އެމީހުން ވަރަށް ބޮޑަށް ޕްރެޝަރު ކުރާނެ، އަހަރެމެން ޓީމު ޖެހޭނެ ހާސް ކަމެއް ނެތި މެޗު އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރަން،" ރަމިރޭޒް ބުންޏެވެ.

"މެޗުގެ ގޭމް ލެވަލް އެއީ އަހަރެމެން ސަމާލުވާން ޖެހޭނެ ކަމެއް، އަހަރެމެން ނުވަތަ އެ ޓީމު ފުރަތަމަ ލަނޑު ޖަހައިފިނަމަ، ލަނޑު ވަންނަ ޓީމަކަށް އުނދަގޫ ވާނެ، އެ ވިސްނުމުން އަހަރެމެން ވެސް ޖެހޭނެ ސަމާލުވެ ތިބެން."

ސާބިއާގެ ކޯޗް މުލަޑެން ކްރަސްޓިޗަކީ، ސާބިއާ އެންޑް މޮންޓަނީގްރޯ ގޮތުގައި އޮތްއިރު 2006 ގެ ވޯލްޑްކަޕު ސްކޮޑްގައި ހިމެނުނު ކުޅުންތެރިޔެކެވެ. ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމުން، ގައުމީ ޓީމުގައި އޭނާ މަސައްކަތް ކުރަން ފެށީ ސާބިއާގެ ތަޖުރިބާކާރު ކޯޗް ސްލޮވޯލިބް މުސްލިން އާއެކު އެވެ. ކޮލިފައިންގައި ގުރޫޕް "ޑީ" ގެ އެއް ވަނައިގައި ސާބިއާ ވޯލްޑްކަޕަށް ކޮލިފައި ކޮށްދިން ނަމަވެސް ސްލޮވޯލިބް މުސްލިން އަށް ވަޒީފާ ގެއްލުނެވެ.

ސާބިއާ ޓީމު ޕްރޮފައިލް

އޭނާއާ މައްސަލަ އުފެދުނީ ސާބިއާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ސަލްވިސާ ކޮކޭޒާ އާއެވެ. މައްސަލައަކީ ޓީމު ކުޅޭ ސްޓައިލް އާއި ސްކޮޑަށް ކުޅުންތެރިން ނަގެމުގައި މުސްލިން ގެންގުޅޭ އުސޫލު އެސޯސިއޭޝަނަށް ކަމުނުދިއުމެވެ.

ސާބިއާގެ ކޯޗު ކަމަށް ކްރަސްޓިޗް ޕްރަމޯޓް ކުރި އެވެ. އޭނާ ބުނީ ވޯލްޑްކަޕުގައި ސާބިއާއަށް ކޯޗު ކޮށްދޭން ބެންޗުގައި އިނުމަކީ އޭނާއަށް ލިބޭ ބޮޑު ޝަރަފެއް ކަމަށެވެ. ސާބިއާގެ ކެޕްޓަން އެލެގެސެންޑާ ކޮލްރޯވް ބުނީ، ފެންވަރުގެ ގޮތުން އެ ޓީމުގެ ސްކޮޑް ރަނަގަޅު ކަމަށެވެ. އެ އޮތް ފެންވަރުގައި އެ ޓީމަށް ކުޅެވޭނަމަ، ވޯލްޑްކަޕުގައި އެދޭވޭ ކާމިޔާބެއް ސާބިއާއަށް ހޯދޭނެ ކަމަށެވެ.

"އަހަރެން ޒުވާން ކުޅުންތެރިންން ގާތު ބުނަން، ހަމަޖެހިގެން ކުޅޭށޭ، ސަބަބަކީ މިއީ ވަރަށް ރަނގަޅު ފުރުސަތެއް، ވޯލްޑްކަޕުގައި ސާބިއާ ތަމްސީލު ކުރަން ލިބުމަކީ ސްކޮޑްގެ 23 ކުޅުންތެރިންނަށް ވެސް ލިބޭ ބޮޑު ޝަރަފެއް."