ކޮސްޓަ ރިކާގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ސާބިއާއިން ތިން ޕޮއިންޓާއެކު ވޯލްޑްކަޕުގެ ފެށުން ރަނގަޅު ކޮށްފި އެވެ.
މެޗުގައި ހުރިހާ ގޮތަކުންވެސް ސާބިއާގެ ކުޅުން ރަނގަޅެވެ. ނަމަވެސް މެޗުގެ ފުރަތަމަ ފަށއިގެން ރަނގަޅު ޕާސްތަކެއް ޖަހައިގެން ކޮސްޓަރިކާ ކުޅެން ފެށި އެވެ. ފުރަތަމަ ފުރުސަތު ވެސް ތަނަވަސް ކުރީވެސް ކޮސްޓަރިކާއިންނެވެ. ކޯނަރަކުން ތަނަވަސްވި ބޯޅަ، މާކޯ އުރެނާ ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައި ދިނުމުން، ޖިއަންކާލޯ ގޮންޒާލޭޒް ބޮލުން ބޯޅައިގައި ކޯށްޕާލުމުން އެ ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.
މެޗުގެ 44 ވަނަ މިނެޓްގައި ސާބިއާއިން ކޮސްޓަރިކާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނެގި ބޯޅަ، ސާގޭ މިލަންކޮވިޗް ފޮނުވާލި ބައިސްކަލް ކިކު، ކޮސްޓަރިކާގެ ކީޕަރު ކޭލޯ ނާވަސް، ދިފާއު ކުރީ އެވެ. ނަމަވެސް އޭގެ މާ ކުރިން ލައިސްމަން ހުރީ މިލަންކޮވިޗް އޮފްސައިޑް ކަމަށް ދިދަ ނަގައިގެންނެވެ.
ސާބިއާގެ ލަނޑު ލިބުނު ހިލޭ ޖެހުމަކުން މެޗުގެ 56 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، އެލެގްޒެންޑާ ކޮލޮރޯވް އެވެ. އޭރިއާގެ ބޭރުން، އޭރިއާގެ ކަނާ ދިމާލުން ލިބުނު ހިލޭ ޖެހުން އޭނާ ގޯލް ތެރެއަށް ވައްދާލީ ގޯލްގެ ދަނޑިއާ ވަރަށް ކައިރިންނެވެ. އެ ބޯޅަ ސަލާމަތް ކުރަން، ރެއާލް މެޑްރިޑްގެ އެއް ވަނަ ކީޕަރުކަން ކުރަމުން އަންނަ ކޭލޯ ނާވަސް އަށް ކުރެވޭނެ ކަމެއް ނެތެވެ.
އޭގެ ކުރިން މެޗުގެ 50 ވަނަ މިނެޓްގައި ކޮލޮރޯވް އަށް އެލެގްޒެންޑާ މިޓްރޯވިޗަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތެއް ލިބިފަ އެވެ. ސާގޭ މިލަންކޮވިޗް ދިން ބޯޅަ މިޓްރޯވިޗަށް ލިބުނީ ކޮސްޓަ ރިކާގެ ޕެނަލްޓީ އޭރިއާ ރޮނގާ ހިސާބުންނެވެ. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލުމުން ނާވަސް ވަނީ އެބޯޅައަށް ހުރަސް އަޅާފަ އެވެ. ނާވަސް އަތުގައި ޖެހިފައި ދިޔަ ބޯޅަ އަށް ޑޫސަން ޓަޑިޗް އެރި ނަމަވެސް ގޮންޒާލޭޒް ވަނީ އެ ބޯޅައިގައި ފުންނާބުން ޖަހައި ކޯނަރަކަށް ބޭރު ކޮށްލާފަ އެވެ.
މެޗުގެ 76 ވަނަ މިނެޓްގައި، ކޮރޭޝިއާގެ އޭރިއާ އަރިމަތީގައި ހުރެފައި، މިޓްރޯވިޗް މަސައްކަތް ކުރީ ގޯލްކުރި މަތީގައި ހުރި ޓަޑިޗް އަށް ނަގައިދިނުމަށެވެ. އާދައިގެ ގޮތަކަށް މިޓްރޯވިޗް ނަގައިދިން ބޯޅަ ޓަޑިޗްއަށް ލިބުމުގެ ކީޕަރު ނާވަސް އަތުން ޖަހައި ދިފާއު ކުރީ އެވެ.
މެޗުގެ 87 މިޓްރޯވިޗަށް ލިބުނު ބޯޅަ ހިފައިގެން، އޭނާ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމުން، ގޮންޒާލޭޒް ވަނީ މިޓްރޯވިޗަށް ޗާޖު ކޮށްފަ އެވެ. މިޓްރޯވިޗް އޭރިއާ ތެރެއަށް ވެއްޓުމުން ސާބިއާގެ ބެންޗުން ޕެނަލްޓީއަކަށް އެޕީލް ކުރި ނަމަވެސް ރެފްރީ ނިންމީ ޕެނަލްޓީއެއް ނުދެ އެވެ.