ބްރެޒިލް ލީޑް ނަގާފައި ވަނިކޮށް ދެ ވަނަ ހާފުގައި ސްވިޒަލޭންޑުން ކާމިޔާބު ކުރި ލަނޑުން 1-1 ގެ ނަތީޖާ އަކުން ސްވިޒަލެންޑުން ބްރެޒިލް ހިފަހައްޓައިފި އެވެ.
މެޗުގައި ބްރެޒިލްގެ ފުރަތަމަ ހަމަލާ ފޮނުވާލަން ފުރުސަތު ލިބުނީ ޕައުލީނިއޯ އަށެވެ. މެޗުގެ 12 ވަނަ ޕެނަލްޓީ އޭރިއާ ތެރެއިން ފިލިޕޭ ކުޓީނިއޯ ދިން ބޯޅަ އޭނާ އަށް ލިބުނީ ސްވިޒަލެންޑްގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފަ އެވެ. މިސްރާބު ބަދަލު ވުމުން ޕައުލީނިއޯ އަށް ރަނގަޅަށް ފޮނުވާ ނުލެވުނެވެ. އޭނާ ފޮނުވާލި ބޯޅަ، ސްވިޒަލެންޑްގެ ކީޕަރު ޔެން ސޮމާ އަތުގައި ޖެހިފައި ގޯލް ރޮނގުމަތިން ގޮސް އެ ބޯޅަ ދިޔައީ ބޭރަށެވެ.
ބްރެޒިލްގެ ލަނޑު މެޗުގެ 20 ވަނަ މިނެޓްގައި ކްޓިނިއޯ ކާމިޔާބު ކުރީ އޭރިއާގެ ބޭރުން، އޭރިއާގެ ކަނާ ދިމާލުން ފޮނުވާލި ބާރު ބޯޅަ، ގޯލްގެ ދަނޑިގައި ޖައްސާލުމަށް ފަހު އެވެ. އެ ބޯޅަ ސަލާމަތް ކުރުމަށް ސްވިޒަލޭންޑްގެ ކީޕަރު ޔެން ސޮމާއަށް ކުރެވޭނެ ކަމެއް ނެތެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން، ބްރެޒިލްގެ ތިއާގޯ ސިލްވާ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ނޭމާ ނެގި ކޯނަރު ތިއާގޯ ސިލްވާ ބޮލުން ފޮނުވާލުމުން އެ ބޯޅަ ދިޔައީ، ހުރަސް ދަނޑި މަތިން ބޭރަށެވެ.
ފުރަތަމަ ހާފުގައި، ބްރެޒިލުގެ ޑިފެންސުން ދެއްކި ކުޅުމާ އެއްވަރާ ގާތަށްވެސް ދެ ވަނަ ހާފުގައި ޕާފޯމް ނުކުރެވުނެވެ. ނަތީޖާ އަކަށްވީ ސްވިޒަލެންޑަށްވެސް، ބްރެޒިލްގެ ގޯލަށް ބާރު ބޮޑުކުރަން ތަނަވަސް ފުރުސަތުތަކެއް ލިބުމެވެ.
ދެ ވަނަ ހާފުގައި ޝަކީރީ ވަނީ ކައުންޓަ އެޓޭކުގައި ތަނަވަސްވި ފުރުސަތުގައި ބްރެޒިލްގެ ފަހަތަށް ބާރު ބޮޑު ކޮށްފަ އެވެ. ސްވިޒަލޭންޑްގެ ލަނޑު މެޗުގެ 50 ވަނަ މިނެޓްގައި ޝަކީރީ ނެގި ކޯނަރު ބޮލުން ގޯލް ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކުރީ، ސްޓެފަން ޒޫބާ އެވެ.
އެ ލަނޑު ޖެހިއިރު، ކުޑަ އޭރިއާ ތެރޭގައި ޒުބާ މާކުކޮށްގެން ހުރި، ބްރެޒިލްގެ މިރަންޑާއަށް ހުރެވުނީ ޒޫބާއާ މެދު އެހާ ރަނގަޅަށް ސަމާލު ނުވެވި އެވެ.
ގެބްރިއަލް ޖެސޫސްގެ ބަދަލުގައި، ރޮބާޓޯ ފިރުމީނޯ ކުޅެން އަރައި، ބްރެޒިލްގެ ހަމަލާތައް ވަރުގަދަ ކުރުމުގައި މުހިންމު ދަުއުރެއް އަދާ ކުރި އެވެ. މެޗު 90 ވަނަ މިނެޓްގައި، ބްރެޒިލަށް ލިބުނު ހިލޭ ޖެހުން ނެމާ އޭރިއާ ތެރެއަށް ނަގައިދިނުމުން ފިރުމީނޯ ބޮލުން ފޮނުވާލި ބޯޅަ، ސްވިޒަލޭންޑްގެ ކީޕަރު ސޮމާ ދިފާއު ކުރީ ގޯލް ރޮނގުމަތިންނެވެ.
އޭގެ އެއް މިނެޓް ފަހުން ބްރެޒިލުން ނެގި ކޯނަރެއްގައި، މިރަންޑާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑިއާ ފޫޓެއްހައި ދުރުން ބޭރަށެވެ.