ކުޅިވަރު

ވަރުގަދަ ބްރެޒިލް ކަޓުވާލުމަށްފަހު، ބެލްޖިއަމް ސެމީއަށް

ވަރުގަދަ ބްރެޒިލްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ވޯލްޑްކަޕުގެ ސެމީ ފައިނަލަށް ބެލްޖިއަމް ދަތުރު ކޮށްފި އެވެ.

ވޯލްޑްކަޕުގެ ސެމީ ފައިނަލަށް މީގެ ކުރިން ވެސް ދަތުރު ކުރި، ބެލްޖިއަމް ސެމީ ފައިނަލަށް ދަތުރު ކުރުމުން، މިހާރު މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ގިނަ ބަޔަކު ބެލްޖިއަމްގެ ނަން ވެސް ފާހަގަ ކުރެ އެވެ.

ވޯލްޑްކަޕުގެ ސެމީ ފައިނަލަށް މީގެ ކުރިން، ބެލްޖިއަމް ދަތުރު ކުރީ، މެކްސިކޯގައި 1986 ވަނަ އަހަރު ބޭއްވި މުބާރާތުގަ އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި، ބްރެޒިލަށްވުރެ ރަނގަޅަށް ކުޅުނީވެސް، ބެލްޖިއަމް އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑަކީ، މެޗުގެ 13 ވަނަ މިނެޓްގައި ބްރެޒިލްގެ ފެނާންޑީނިއޯ އަތުން ބައިކޮޅަށް ވަން ލަނޑކެވެ.

ދެ ވަނަ ލަނޑަކީ، ރޮމެޔޫ ލުކާކޫ ތަނަވަސް ކޮށްދިން ފުރުސަތަކުން ކެވިން ޑި ބްރައިނާ ކާމިޔާބު ކުރި ލަނޑކެވެ. އެއީ މެޗުގެ 31 ވަނަ މިނެޓްގަ އެވެ.

ދެ ވަނަ ހާފުގައި، ބެކްޖިއަމުން މަސައްކަތް ކުރީ، އެޓީމު އަތުގައި އޮތް ލީޑް ހިފެހެއްޓުމަށެވެ. އެހެންވެ ޑިފެންސަށް ކުޅުންތެރިން އިތުރު ކުރި އެވެ. ދެ ވަނަ ހާފުގައި ބްރެޒިލުން ވަނީ ބެލްޖިއަމްގެ ގޯލަށް ފުލުފުލުގައި ހަމަލާ އުފައްދާފަ އެވެ.

ބްރެޒިލަށް ސުން ކަނޑުވާލަ ދިނީ 76 ވަނަ މިނެޓްގައި ފިލިޕޭ ކްޓީނިއޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ރެނޭ އޮގަސްޓޯ ބޮލުން ގޯލްތެރެއަށް ފޮނުވާލި ބޯޅައިންނެވެ.

ސެމީ ފައިނަލުގައި، ބެލްޖިއަމް ވާދަ ކުރާނީ ފުރަތަމަ ކްއާޓާ ފައިނަލު މެޗުގައި އުރުގުއޭ ބަލި ކުރި ފްރާންސާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގަޑިން 11:00 ގަ އެވެ.