ކުޅިވަރު

ބެލްޖިއަމް ތައްޔާރުވާނީ ބްރެޒިލްގެ ގަދަކަން އެނގިގެން

ބްރެޒިލް އާ ދެކޮޅަށް ވޯލްޑްކަޕުގެ ކްއާޓާ ފައިނަލުގައި މިރޭ ކުޅޭ މެޗަށް ބެލްޖިއަމް ތައްޔާރު ވާނީ، ބްރެޒިލް ޓީމުގެ ބޮޑު ކަމާއި ވަރުގަދަކަން އެނގިގެން ކަމަށް ބެލްޖިއަމްގެ ކޯޗް ރޮބާޓޯ މާޓިނޭޒް ބުނެފި އެވެ.

ބެލްޖިއަމްގެ ސްޓައިކަރު ރޮމެލޫ ލުކާކޫވެސް އަދި މާޓީނޭޒް ވެސް ގަބޫލު ކުރާ ގޮތުގައި ބްރެޒިލްއަކީ ފޭވަރިޓެކެވެ. ނަމަވެސް ބެލްޖިއަމްގެ ތާރީހްގައި ދެ ވަނަ ފަހަރަށް ސެމީ ފައިނަލަށް ދިއުމުގެ ގާބިލުކަން ހުރި ކަމަށް މާޓިނޭޒް ވެސް އަދި ލުކާކޫވެސް ބުންޏެވެ.

"މިއީ އަހަރެމެންނަށް ވަރަށް ވަރުގަދަ އަދި އުނދަގޫ މެޗެއް، އެ ހަގީގަތެއް ނުފޮރުވޭނެ، އެ ހަގީގަތް ގަބޫލު ނުކުރާނަމަ، އެއީ މުޅިން ރަނގަޅު މީހެއް ނޫން،" މާޓިނޭޒް ބުންޏެވެ. "އަހަރެމެން ކުރިން ތައްޔާރު ވާގޮތަށް އަހަރެމެން މިދަނީ ތައްޔާރު ވަމުން، މިދިޔަ ދެ އަހަރުން ފެށިގެން އަހަރެމެން މި އަންނަނީ މި ދަނޑިވަޅަށް މަސައްކަތް ކުރަމުން."

މާޓިނޭޒް ބުނީ ވޭތުވެދިޔަ ދެ އަހަރުން ފެށިގެން ބެލްޖިއަމް ތައްޔާރު ކުރަމުން ގެންދަނީ ޓީމެއްގެ ގޮތުގައި ކުޅޭނެ ގޮތަށް ކަމަށެވެ.

ބްރެޒިލްގެ ކޯޗް ޓީޓޭއަށް އެންމެ ގިނައިން ސުވާލު އަމާޒު ވަނީ ފޯވަޑް ނޭމާ އާ ބެހޭ ގޮތުންނެވެ. ޓީޓޭ ބުނީ، ވޯލްޑްކަޕުގައި އަދި މިހާތަނަށް ނޭމާގެ އަސްލު ކުޅުން ނުފެންނަ ކަމަށެވެ. ނަމަވެސް ޓީމެއްގެ ގޮތުގައި ކުޅޭއިރު ނޭމާގެ ޝާމިލުވުން ފެނިގެންދާ ކަމަށެވެ.

ބްރެޒިލްގެ ޑިފެންޑަރު ޑަނީލޯއަށް ވަނީ އޭނާއަށް ލިބުނު އަނިޔާއާ ގުޅިގެން މުބާރާތް ނިމިފަ އެވެ.