ކުޅިވަރު

މަލާމާތަކަށް ސަމާލުކަމެއް ނުދެން، ދާނީ ކުރިއަށް: ނޭމާ

އޭނާއަށް ކުރިމަތިވާ ފުރައްސާރަ އާއި މަލާމާތަކަށް ސަމާލުކަން ނުދޭނެ ކަމަށާއި ދާނީ ކުރިއަށް ކަމަށް ބްރެޒިލްގެ ފޯވަޑް ނޭމާ ޖޫނިއާ ބުނެފި އެވެ.

ދެ ވަނަ ބުރުގައި ރޭ މެކްސިކޯއާ ބްރެޒިލް ކުޅުނު މެޗަށް ފަހު، މެކްސިކޯގެ ކޯޗް ހުއާން ކާލޯސް އޮސޯރިއޯ ވަނީ ނުސީދާކޮށް، ނޭމާއަށް ފާޑު ކިޔާފަ އެވެ. އޯސޯރިއާގެ ފާޑު ކިޔުން އޮއްސާލީ ވަކި ކުޅުންތެރިޔެއްގެ ނަން ހާމަ ނުކޮށެވެ.

"އަހަންނަށް ހީވަނީ އެއީ ބްރެޒިލްގެ ފުޓްބޯޅައަށް ބޮޑު ލަދުވެތި ކަމެއް ހެން، އެއް ކުޅުންތެރިޔަކާ ހެދި އަހަރެމެންނަށް ވަރަށް ގިނަ ވަގުތު ތަކެއް ބޭކާރުވި، އަހަރެމެން ކުޅުން މެދު ކަނޑާލަން ޖެހޭނީ މާގިނައިން، އަހަންނަށް ހީވަނީ މިއީ ދުނިޔޭގެ ފުޓްބޯޅައަށް ނުރަނގަޅު މިސާލެހެން، އަދި މި މެޗު ބަލަން ތިބި ކުރިމަގުގެ ތަރިންނަށްވެސް ދެވޭ ނުރަނގަޅު މެސެޖެއް،" އޯސޯރިއޯ ބުންޏެވެ.

"ފުޓްބޯޅަ މިއީ ވަރުގަދަ ކުޅިވަރެއް، އަދި މިއީ ގިނަ މީހުންގެ ކުޅިވަރެއް އަހަންނަށް ހީވަނީ މިހާބޮޑު އެކްޓިންއެއް އޮވެގެން ނުވާނެ."

އޮސާރިއޯ ބުނީ، ވަގުތު ބޭކާރު ކޮށް އެކްޓް ދައްކަނީ ފޭކް ފައުލްތަކަށް ކަމަށެވެ.

އޯސޯރިއޯގެ ވާހަކަތަކާ ގުޅިގެން، ނޫސްވެރިންގެ ފަރާތުން ނޭމާއަށް ސުވާލު ކުރުމުން އޭނާ ބުނީ، މަލާމާތަށް އަދި ތައުރީފަށްވެސް އޭނާ ސަމާލުކަން ނުދޭ ކަމަށާއި އެތުލީޓެއްގެ އެޓިޓިޔުޑް ހުންނަން ޖެހޭ ގޮތަކީ އެއީ ކަމަށެވެ.

ރޭގެ މެޗުގައިވެސް ނޭމާ ވަނީ މެކްސިކޯގެ ކުޅުންތެރިޔަކު އޭނާގެ ފައިމައްޗަށް އެރުމުން ވަރަށް ބޮޑަށް ތަދުވެގެން އުޅުނުކަން ހާމަ ކޮށްފަ އެވެ. ނޭމާގެ ދިފާއުގައި ވާހަކަ ދެއްކީ ބްރެޒިލްގެ ކޯޗް ޓިޓޭ އެވެ.

"އަހަންނަށް ފެނުނު އެކަން ހިނގިގޮތް، ވީޑިއޯ ބަލާލާ، ވީޑިއޯ ނުބަލާ އެއްވެސް އެއްޗެކޭ ނުބުނެވޭނެ."

އިދކޮޅު ހާފު ތެރޭގައި، ނޭމާ މާގިނައިން ކޮށްޓަން އުޅޭތީ، ނޭމާއަށް ކުރިމަތިވާ ފާޑު ކިޔުންތަކާ ބެހޭގޮތުންވެސް ޓީޓޭ ވަނީ ޖަވާބު ދީފަ އެވެ. އޭނާ ބުނީ އިދިކޮޅު ހާފުގެ ތެރޭގައި ނޭމާ ކޮށްޓަން އުޅުމަކީ "ފާފައަކަށް ވާން ޖެހޭނެ ކަމެއް ނޫން" ކަމަށެވެ.

"އަހަރެން ބޭނުން އޭނާ އެކަން ކުރަން، އަހަރެން ވަރަށް ޝައުގުވެރިވޭ އޭނާ އެކަން ކުރާތީ."

ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް ނޭމާ އެވެ. ފުރަތަމަ ލަނޑު ޖެހުމުގެ އިތުރަށް އޭނާ ވަނީ ދެ ވަނަ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ. ކުއާޓާ ފައިނަލުގައި ބްރެޒިލް ވާދަ ކުރާނީ، ރޭ ޖަޕާން ބަލި ކުރި ބެލްޖިއަމް އާ ދެކޮޅަށެވެ.