ފްލެޓް ފޯމް ބަލައިގަންނަ ގަޑިތަކަށް ހައުސިން މިނިސްޓްރީން ބަދަލުތަކެއް ގެނެސްފި އެވެ.
އާންމުން ގެދޮރުވެރިކުރުމަށް ސަރުކާރުން ފަށާފައިވާ ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ 7000 ފްލެޓަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ މިމަހުގެ 3 ވަނަ ދުވަހު ހުޅުވާލާފަ އެވެ. އެކަމަށްޓަކައި ދަރުބާރުގޭގައި ކައުންޓަރު ބަހައްޓައި، ރަސްމީ ދުވަސްތަކުގައި މިނިސްޓްރީން ކަނޑައަޅާފައިވާ ވަކި ގަޑިތަކެއްގައި އެ ކައުންޓަރުތަކުން ފޯމް ބަލައިގަނެ އެވެ.
އީދު ޗުއްޓީ އަށްފަހު މާދަމާ ސަރުކާރު ހުޅުވާއިރު، ހައުސިން މިނިސްޓްރީން މާދަމާ އަނެއްކާވެސް ފްލެޓް ފޯމް ބަލައިގަންނަން ފަށާނެ އެވެ. ނަމަވެސް މިނިސްޓްރީން މިހާރު ވަނީ މާދަމާއިން ފެށިގެން ފޯމް ބަލައިގަންނަ ގަޑިތަކަށް ބަދަލު ގެންނަން ނިންމާފަ އެވެ. އެގޮތުން މާދަމާ އިން ފެށިގެން ދަރުބާރު ގޭގައި ހުރި ހައުސިންގެ ކައުންޓަރު ތަކުން ފްލެޓް ފޯމް ބަލައިގަންނާނީ ހެނދުނު 8:30 އިން މެންދުރު 12:00 އަށް، އަދި މެންދުރު 2:00 އިން ހަވީރު 6:00 އަށެވެ. ރޭގަނޑު ފޯމް ބަލައިގަންނާނީ 8:00 އިން 23:00 އަށެވެ.
ހައުސިންގެ މީޑިއާ ކޮންސަލްޓަންޓް އަހްމަދް ފަޒާލް "އަވަސް" އަށް ވިދާޅުވީ، މާދަމާއިން ފެށިގެން މިމަހުގެ ނިޔަލަށް ފްލެޓް ފޯމް ބަލައިގަންނަން ހަމަޖެހިފައިވަނީ އަލަށް ކަނޑައަޅާފައިވާ ގަޑިތަކުގަ އެވެ. ނަމަވެސް އަންނަ އާދީއްތަ ދުވަހުން އަނެއްކާވެސް ގަޑިތަކަަށް ބަދަލު ގެނެސް، މިއަށްވުރެ އިތުރު ގަޑިތަކުގައި ފޯމް ބަލައިގަތުމުގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ.
"ގަޑިތަށް އިތުރުކުރަން އަޅުގަނޑުމެން ނިންމާފައި މިވަނީ ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ދީ ފޯމް ހުށަހެޅުން ފަސޭހަ ކުރުމަށް،" ފަޒާލް ވިދާލުވި އެވެ.
ފްލެޓް ފޯމް ބަލައިގަންނަ ގަޑިތަކަށް ހައުސިން އިން ބަދަލު ގެނެސްފައިވާއިރު މިދިޔަ ހަފްތާގެ ނިޔަލަށް 1000 އަށް ވުރެ ގިނަ މީހުން ވަނީ ފޯމް ފުރިހަމަކޮށް މިނިސްޓްރީއަށް ހުށަހަޅާފަ އެވެ.
ހިޔާ" ފްލެޓްތަކަށް ފޯމް ހުށަހެޅުމުގެ ސުން ގަޑިއަކީ ޖުލައި 31 އެވެ.