ބޮލީވުޑް

ބައްޕައިންގެ ދުވަހު "ސަންޖޫ"ގެ އާ ވާހަކައެއް

މިހާރު އެންމެ އިންތިޒާރުކުރޭ ބޮލީވުޑް ފިލްމަކަށް ވާނީ މި މަހު 29 ގައި ރިލީޒްކުރާ ފިލްމު "ސަންޖޫ" އެވެ. ސަންޖޭ ދަތުގެ ހަޔާތުގައި ހިނގާފައިވާ ތަފާތު ކަންކަމުގެ މައްޗަށް ތައްޔާރުކޮށް ގެނެސްދޭ މި ފިލްމުގައި ސަންޖޭގެ ރޯލުން ފެނިގެންދަނީ ރަންބީރް ކަޕޫރް އެވެ.

ފިލްމުގެ ޓްރެއިލާ މިދިޔަ މަހު އާންމުކުރި ހިސާބުން ފެށިގެން ބެލުންތެރިން މި ފިލްމަށް ކުރަމުން އަންނަ އިންތިޒާރު ކޮޅުންލާ ހިސާބުގައި އޮއްވާ އަނެއްކާވެސް މި ވަނީ ފިލްމުގެ އާ ޓީޒާއެއް ދޫކޮށްލާފަ އެވެ. މިފަހަރުގެ ޓީޒާ ހާއްސަކުރީ އިއްޔެ ފާހަގަކުރި ބައްޕައިންގެ ދުވަހަށެވެ.

މި ޓީޒާގައި ސަންޖޭއާއި އޭނާގެ ބައްޕަގެ ދެމެދުގައި އޮތް ގުޅުން ދައްކުވައިދެ އެވެ. އަބަދުވެސް އޭނާއަށް ހިތްވަރުދިނުމަށް ބައްޕަ ހުންނާތީ ޝުކުރު އަދާކުރެ އެވެ. މި ފިލްމުގައި ސަންޖޭގެ ބައްޕަގެ ރޯލު ކުޅެނީ ޕަރޭޝް ރާވަލް އެވެ.

ބައްޕައިންގެ ދުވަހާއި ދިމާކޮށް އާންމުކުރި "ސަންޖޫ" ގެ ޕޯސްޓަރު.

މީގެ ކުރިން ސަންޖޭ ކުޅުނު ފިލްމު "މުންނާބާއީ އެމްބީބީއެސް" ގައިވެސް ސަންޖޭގެ ބައްޕަގެ ރޯލު ކުޅުނީ ޕަރޭޝް އެވެ. އެ ފިލްމުގެ މި ދެމީހުން އެކުގައި ފެނިގެންދާ ތަންކޮޅެއްވެސް މި ޓީޒާގައި ހިމަނާފައިވެ އެވެ.

ފިލްމުގެ ޑައިރެކްޓަރު ރާޖްކުމާރް ހިރާނީވެސް ވަނީ ބައްޕައިންގެ ދުވަހަށް ހާއްސަކޮށް ފިލްމުގެ އާ ޕޯސްޓަރެއް އާންމުކޮށްފަ އެވެ. މި ފިލްމުގެ ސްކްރިޕްޓުވެސް ތައްޔާރުކުރީ އޭނާ އެވެ. ފިލްމުގައި މުހިންމު ރޯލުތަކުން ސޯނަމް ކަޕޫރް އަހޫޖާ އާއި ވިކީ ކޯޝާލް، މަނީޝާ ކޮއިރަލާ، ދިއާ މިރްޒާ، ކަރިޝްމާ ތަންނާ، ޖިމް ސާބް އަދި ބޯމަން އިރާނީ ފެނިގެންދާނެ އެވެ.