ހަބަރު

ޑްރަގާއި ގޭންގް ހުއްޓުވަން ޓެގް އަޅުވައި ކުއްތާ އިތުރުކުރާނަން: އުމަރު

މަސްތުވާތަކެއްޗާއި ގޭންގް ކުށްތައްރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ ކަމަށާއި އެކަންކަން ހައްލުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާކަން އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

އުމަރުގެ ސަރުކާރެއްގެ ސިޔާސަތުތައް ހާމަ ކުރެއްވުމަށް ސިލްސިލާކޮށް ނެރުއްވާ ވީޑިއޯ މެސެޖްތަކުގެ ތެރެއިން މިއަދު އުމަރު ނެރުއްވީ މަސްތުވާތަކެއްޗާއި ގޭންގްތަކާ ބެހޭ ސިޔާސަތާ ގުޅޭ ވީޑިއޯ މެސެޖެވެ. އުމަރު ރިޔާސީ އިންތިހާބަށް ވާދަ ކުރައްވަން ނިންމަވާފައިވަނީ އަމިއްލަ ގޮތުންނެވެ.

ވީޑިއޯގައި އުމަރު ވިދާޅުވެފައިވަނީ، ހުރިހާ ކުށެއް ފެށިގެން އަންނަނީ މަސްތުވާތަކެތީގެ ސަބަބުން ކަމަށާއި އެކަން ހައްލުކުރުމުގެ ވާހަކަ ދައްކާތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ ކަމަށެވެ. ކޮންމެ ސަރުކާރަކުން ވެސް އެކަން ހުއްޓުވާނެ ކަމުގެ ވައުދުވާ ކަމަށާއި ނަމަވެސް ހައްލުނުވާ ކަމަށެވެ. އޭގެ ސަބަބުން ގައުމުގެ އަމާންކަން ގެއްލި އެތައް ގޭންގްތަކެއް އުފެދި މީހުން މެރުން އާންމުވެ ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި ތިބިކަން އުމަރު ފާހަގަކުރެއްވި އެވެ.

"މި ހިތާމައިން ގައުމު ސަލާމަތް ކުރަން އެންމެން ތެދުވަންޖެހޭ، އެހެން ނޫނީ ކޮންމެ އަހަރަކު އެތައް ޒުވާނުނެއް ދަނީ މަސްތުވާތަކެތީގެ މަޅީގަ ޖެހެމުން، އެތައް އާއިލާތަކެއް ދަނީ ގޮތް ހުސްވަމުން، އެތައް ދަރީންނެއް ދަނީ ޔަތީމުވަމުން، އެތައް މައިންނެއް ދަނީ ކަރުނަ އަޅާ ހިތާމަކުރަމުން، މިކަމަށް ނިމުމެއް ގެންނަން ޖެހޭ، މުޅި ރާއްޖެ މި ވަބާއިން ސަލާމަތް ކުރަން ޖެހޭ، މިއީ އާދައިގެ ސިޔާސީ ބޭފުޅަކަށް ހައްލު ކުރެވޭ ވަރަށްވުރެ މާ ފުން މާ ގިނަ ދުވަސްވެފައިވާ މައްސަލައެއް، ލިބެން އޮތް ވޯޓެއް ގެއްލިދާނެތީ ނުކޮށް ދޫކޮށްލާ ވަރުގެ ކަމެއް ނޫން،" އުމަރު ވިދާޅުވި އެވެ.

ޖަލުގައި އެތައް ބަޔަކު ތިބިއިރު އޭގެ ތެރޭގައި ގިނައީ މަސްތުވާތަކެތީގެ ކުށްތަކުގައި ޖަލަށްލާފައިވާ މީހުން ކަމަށާއި ރިހޭބިލިޓޭޝަން ސެންޓަރުން ޖާގަ ނުލިބި މިހާރު ވެސް ފަރުވާ ނުލިބި ގިނަ ބަޔަކު ކިޔޫގައި ތިބިކަން އުމަރު ފާހަގަކުރެއްވި އެވެ. މަސްތުވާތަކެތީގެ ޝިކާރަކައަށް ދިވެހި ޒުވާނުން ވެގެންދާތަން ބައްލަވަން އަތް އުރާލައިގެން ނުހުންނަވާނެ ކަމަށާއި އެކަމަށް ހައްލު ހޯދުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ފައްޓަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ރީހެބިލިޓޭޝަން ސެންޓަރުން ޖާގަ ނުލިބިގެން ފަރުވާ ނުލިބި ތިބި މީހުންނަށް އެއް އަހަރު ދުވަހުގެ ތެރޭ ޖަގާ ހޯދައިދީ ފަރުވާ ނިންމަން ފުރުސަތު ދޭނަން، ރިހެބިލިޓޭޝަން ނިންމާ މީހުންނަށް ވަޒީފާ ހޯދައިދީ އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތް އަޅުގަނޑު ހޯދައިދޭނަން، އެފަދަ މީހުންގެ އަނބިދަރީންނަށް ބޭނުންވާ އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭނަން،" އަމުރު ވިދާޅުވި އެވެ.

އުމަރު އިތުރަށް ވިދާޅުވީ، މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުން ބިރުވެރިކަމެއް ނެތި އުޅުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި އެމީހުންގެ ފަހަތުން ކޮންމެ ދުވަހަކު ގާނޫނު އަންނާނެ ކަމަށެވެ. ގާނޫނު ހުއްދަ ކުރާ އެންމެ މަތީ އަދަބު ދެއްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެއީ އޭނާ އިންތިހާބާ ދިމާކޮށްވެވަޑައިގަންނަވާ ހުސް ވައުދެއް ނޫންކަން ވެސް ފާހަގަކުރެއްވި އެވެ.

ފުލުހުން އަދި ކަސްޓަމްސްގެ މަސްތުވާތަކެއްޗާ ބެހޭ ޔުނިޓާއި ޑްރަގް އެޖެންސީއިން ކުރާ މަސައްކަތްތައް އެއް ކޮމާންޑެއްގެ ދަށުން ހިންގުމަށްޓަކައި ޑްރަގް އެންފޯސްމެންޓްގެ ނަމުގައި ހާއްސަ އިދާރާއެއް އުފައްދަވާނެ ކަމަށާއި އެ އިދާރާއަކީ ގާނޫނީ އިތުރު ބާރުތަކެއް ލިބޭ ފުލުހުންނާއި ކަސްޓަމްސްގެ ސަފުތަކާއެކުގައި މަސައްކަތް ކުރާނެ އިދާރާއަކަށް ހައްދަވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"ކުއްތާގެ ފައުޖު އިތުރުކޮށް، ރާއްޖެއަށް އެތެރެވާ ދޮރުތައް ކައިރީގައި ކުއްތާތައް ހަރަކާތްތެރިވަނީ، ދިރުވާލައިގެން މަސްތުވާތެކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ތުހުމަތު ކުރެވޭ މީހުންގެ ހަށިގަނޑު ޗެކްކުރުމަށް އެއާޕޯޓްތަކުގައި މެޝިން ބަހައްޓާނަން، ކޮންޓެއިނާތައް ޗެކްކުރާ މެޝިން ވައިގެ ބަނދަރުތަކުގައި ގާއިމުކުރެވޭނެ، ސްކޫލް ކުދިންނާއި ޒުވާނުން މި ވަބާއިން ސަލާމަތް ކުރުމަށްޓަކައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގާނަން،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ، ސްކޫލް ކުދިން ވަބާއިން ސަލާމަތް ކުރުމަށް ހާއްސަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށާއި އަހްލާގީ ގޮތުން އިތުރު އަޅާލުން ބޭނުންވާ ކަމަށް ސްކޫލަށް ފެންނަ ދަރިވަރުންނަށް ސްކޫލްގެ ބޭރުގައި ތަމްރީނު ޕްރޮގްރާމްތައް ހިންގާނެ ކަމަށެވެ. ކުށުގެ ވެށީގައި ތިބި ކުޑަކުދިން އަނބުރާ މުޖުތަމައުއަށް ގެނައުމަށް ފުލުހުންގެ ހާއްސަ ޓީމުތަކުން ކޭމްޕްތައް ހިންގާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

މަސްތުވާތަކެއްޗާއި ގޭންގްތަކުގައި އުޅޭ މީހުންނަށް އެކަމުން މިންޖުވެ މުޖުތަމައުއަށް އެނބުރު އައުމަށް ފުރުސަތު ދެއްވާނެ ކަމަށާއި އެ ފުރުސަތު ބޭނުން ނުހިފާ މީހުންގެ މައްޗަށް މޮނިކޮމް އަމުރު ހިންގަވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އުމަރު ހޯމް މިނިސްޓަރު ކަމުގައި ހުންނެވިއިރު ވެސް މޮނިކޮމް އަމުރު ނެރުއްވައި ގޭންގްތަކުގެ އިސް މީހުންގެ ފައިގައި ޓެގް އުޅުވި އެވެ. އޭނާ އިސްތިއުފާ ދެއްވީ ވެސް މޮނިކޮމް އަމުރާ ގުޅިގެން ސަރުކާރާ ދެމެދު ހިޔާލު ތަފާތުވެފައިވަނިކޮށެވެ. އުމަރުގެ އިސްތިއުފާއަށްފަހު މިހާތަނަށް މޮނިކޮމް އަމުރެއް ނެރެފައެއް ނުވެ އެވެ. އެ އަމުރުގެ ސަބަބުން ގޭންގްތައް ވަރަށް ކޮންޓްރޯލްވެގެން ދިޔަ އެވެ.