މެންޗެސްޓާ ޔުނައިޓަޑްގެ ކުރީގެ ފޯވާޑް، މިހާރު އެމެރިކާގެ ލޮސްއެންޖަލިސް ގެލެކްސީއަށް ކުޅެމުން އަންނަ، ޒަލްޓާން އިބްރަހިމޮވިޗަކީ، ސްވިޑެންގެ ތާރީހްގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާ އެވެ.
ކުލަބު ލެވަލްގައި، ގިނަ ކާމިޔާބުތަކެއް ހޯދާފައިވާ ޒަލްޓާން، ވަނީ ދެ އަހަރު ކުރިން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާފަ އެވެ. މިހާރު ކުރިއަށްދާ ވޯލްޑްކަޕަކީ އޭނާ ކުޅުން ހުއްޓާލުމަށް ފަހު، ސްވިޑެން ކުރިމަތިލާ ފުރަތަމަ ބޮޑު މުބާރާތެވެ. މި މުބާރާތުގެ ކުރިން އަޑުގަދަ ކޮށް ދެކެވުނު ވާހަކައެއް އެބައޮތެވެ. ޒަލްޓާން ސްވިޑެންގެ ގައުމީ ޓީމަށް އަލުން ގެންނަން އުޅޭ ވާހަކަ އެވެ. ނަމަވެސް ވޯލްޑްކަޕަށް ސްކޮޑް އިއުލާން ކުރަން ކައިރިވެފައި ވަނިކޮށް ސްވިޑެންގެ އެފްއޭއިން ވަނީ ޒަލްޓާން ގައުމީ ޓީމަށް ނުގެންނާނެ ކަމަށް އިއުލާން ކޮށްފަ އެވެ.
އެންމެ ބޮޑު ސަބަބަކީ، ޒަލްޓާން އިބްރޮހިމޮވިޗް ނެތަސް ސްވިޑެންގެ ސްކޮޑަށް އިތުބާރު އޮތުމެވެ. ކޮލިފައިންގައި އެ ޓީމު ނެރުނު ނަތީޖާއެވެ. ފްރާންސްގެ ފަހަތުން ގުރޫޕްގެ ދެވަނަ ހޯދައި، ޕްލޭއޮފްގައި ވަރުގަދަ އިޓަލީ ބަލިކޮށް ވޯލްޑްކަޕުން ޖާގަ ހޯދުމެވެ. ސްވިޑެންގެ މިހާރުގެ ކުޅުންތެރިން ކުރި މަސައްކަތަށް އިތުރު މީހަކު ބައިވެރިކުރަން ސްވިޑެންގެ އެފްއޭއިން ބޭނުންނުވީ އެވެ.
ވޯލްޑްކަޕުގައި ސްވިޑެން ކުޅޭ ފުރަތަމަ މެޗުގައި، މިއަދު އެ ޓީމު ވާދަ ކުރާނީ ދެކުނު ކޮރެއާ ދެކޮޅަށެވެ. އޭޝިއާގެ ފުޓްބޯޅައިގެ ގަދަ ބާރެވެ. އަމިއްލަ ގައުމުގައި ކުޅެ ވޯލްޑްކަޕުގެ ސެމީ ފައިނަލަށް ދަތުރު ކުރި އެވެ.
ސްވިޑެންގެ ކޯޗް ޔާނޭ އެންޑަސަން ބުނީ، ދެކުނު ކޮރެއާއަކީ ޓެކްނިކަލް ހުނަރު މުއްސަނދި ޓީމެއް ކަމަށާއި ވަރުގަދަ މެޗަކަށް ދެޓީމުގެ ކުރިމަތިލުން ވެގެންދާނެ ކަމަށެވެ.
"މުބާރާތަށް ތައްޔާރު ވުމަށް މި ޓީމުން ކުރި މަސައްކަތާ މެދު އަހަރެން ވަރަށް ހިތްހަމަޖެހޭ، ތައްޔާރީތައް ދިޔައީ ވަރަށް ރަނގަޅަށް،" އެންޑަސަން ބުންޏެވެ. "25 ދުވަސް ކުރިން އަހަރެމެން ސްކޮޑް އެއްކޮށްލައިގެން މަސައްކަތް ފަށައިފިން، އެކި ގޮތްގޮތަށް އަހަރެމެން ތައްޔާރު ވިން."
ދެކުނު ކޮރެއާގެ ކޯޗް، ޝިން ޓޭ ޔޮންގް ބުނީ ދެކުނު ކޮރެއާ އާއި ސްވިޑެންއަށް އެއް ޓީމު އަނެއް ޓީމަށް ނޭންގޭނު ނަމަވެސް އޭނޭގެ ޓީމުން މެޗަށް ވަރަށް ރަނގަޅަށް ތައްޔާރު ވެފައިވާ ކަމަށެވެ.
"މި ދެ ޓީމަކަށް [ދެކުނު ކޮރެއާ - ސްވިޑެން] އެއްބަޔަކު އަނެއްބަޔަކު އެހާ ރަނގަޅަކަށް ނޭނގެ، ނަމަވެސް އަހަރެމެން މިތިބީ (މިއަދު) ގެ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރު ވެގެން، އަހަރެމެން މެޗުން މޮޅުވާން ޖެހޭނެ،" އޭޝިއާގެ މޮރީނިއޯގެ ނަމުން މަޝްހޫރު ވެފައިވާ ޝިން ޓޭ ޔޮންގް ބުންޏެވެ.
"ބައެއް މީހުން ބުނޭ އަހަރެމެންގެ ޓީމަށް ކޮރެއާގެ ސަޕޯޓަރުންގެ ފަރާތުން ސަޕޯޓެއް ނެތޭ، ނަމަވެސް އަހަރެމެން މިދަނީ މެޗުން މޮޅުވާން ކުރަން ޖެހޭ މަސައްކަތް ކުރަމުން އަދި ކޮރެއާ ސަޕޯޓަރުންގެ ފަރާތުން އަހަރެމެންނަށް ސަޕޯޓް އެބައޮތް."
ކޮރެއާގެ ކެޕްޓަން، ކީ ސުންގް ޔުއިންގް ބުނީ، ކޮރެއާ ޓީމަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ، ވޯލްޑްކަޕު ކުޅެފައިވާ ގިނަ ކުޅުންތެރިން ސްކޮޑްގައި ތިބުން ކަމަށެވެ.