ކުޅިވަރު

ކޮރެއާ ބަލިކޮށް ސްވިޑެންއަށް ރަނގަޅު ފެށުމެއް

ދެކުނު ކޮރެއާގެ މައްޗަށް 1-0 ގެ ނަތީޖާއަކުން މޮޅުވެސް ސްވިޑެންއިން މޮޅަކުން މުބާރާތް ފަށައިފި އެވެ.

މެޗުގައި، ކޮރެއާގެ ޓީމުގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލަން ފުރުސަތު ލިބުނީ، ސްވިޑެންގެ ކެޕްޓަން އެންޑްރެސް ގްރޭންވިސްޓްށެވެ، ޕެނަލްޓީ އޭރިއާގެ ތެރެއިން އޭނާ ބޯޅަ ފޮނުވާލުމުގެ ކުރިން ކޮރެއާގެ ކިމް ޔޮންގް ވޫން ވަނީ އެ ބޯޅަ އޭނާ ޖަހަޖަހައި އޮތްްވާ ބޭރު ކޮށްލާފަ އެވެ.

ސްވިޑެންގެ ފުރަތަމަ ހަމަލާ މާކޯސް ބާގް ގޯލަށް ފޮނުވާލުމުން، ދެކުނު ކޮރެއާގެ ކީޕަރު ޗޯހުޔުންވޫ ވަނީ އެ ބޯޅަ ދިފާއުކޮށްފަ އެވެ.

މެޗުގެ 26 ވަނަ މިނެޓްގައި ކޯނަރަކުން ތަނަވަސްވި ބޯޅަ ބާގް ފޮނުވާލުމުން، މިފަހަރުވެސް ކިމް ޔޮންގް ވޫން ވަނީ އެބޯޅަ ދިފާއުކޮށް ބޭރުކޮށްލާފަ އެވެ.

ކޮރެއާގެ ރަނގަޅު ހަމަލާއެއްވެސް ފެނިގެންދިޔައީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 52 ވަނަ މިނެޓްގައި، ކޮރެއާއިން ތަނަވަސް އުފެއްދި ހަމަލާއެއް ކޫޖާ ޗޮއެލް ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދާގަނޑަށެވެ.

ސްވިޑެންގެ ލަނޑު ޖެހީ، ވީއޭއާރްގެ އެހީގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އެއްގައެވެ. އެ ޕެނަލްޓީ އަކީ ކޮރެއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ސްވިޑެންގެ ވިކްޓަން ކްލެސަން އަށް ކިމް މިން ވޫން ކުރި ޓެކުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ.

ޓެކްލު ކުރުމުން، މެޗުގެ ރެފްރީ އާޖެންޓީނާގެ ޖޮއެލް އެންޓޯނިއޯ އަގުލިއާ، އެންގީ ކުޅުން ކުރިއަށް ގެންދިއުމަށެވެ. ކޮރެއާ އިން ހަމަލާއެއް އުފައްދަން ކުރިއަށް އަރައި ތިއްބައި، ކުޅުން މެދު ކަނޑާލަން އެނގުމަށް ފަހު އޭނާ ނިންމީ ވީއޭރް މެދުވެރިކޮށް ބެލުމަށެވެ. ވީއޭއާރް މެދުވެރިކޮށް ބެލުމަށް ފަހު އޭނާ ނިންމީ ޕެނަލްޓީ ދިނުމަށެވެ.

މެޗުގެ 65 ވަނަ މިނެޓްގައި ޕެނަލްޓީން ސްވިޑެންގެ ލަނޑު ކާމިޔާބު ކުރީ، ކެޕްޓަން ގްރޭންވިސްޓެވެ.


މެޗުގެ އެންމެ ފަހު ވަގުތުގައި، ލަނޑެއް ޖެހުމަށް ރަނގަޅު ފުރުސަތެއް ކޮރެއާގެ ހުވާނގް ހީ ޗަން އަށް ލިބިގެން ދިޔަ އެވެ. އޭނާ ބޮލުން ފޮނުވާލި ބޯލަ ދިޔައީ ގޯލްގެ ދަނޑި މަތިން ބޭރަށެވެ.