ކުޅިވަރު

އޭޝިއާގެ މޮރީނިއޯ ހުރީ ކޮރެއާގައި

ދުނިޔޭގެ އެންމެ މޮޅު ކޯޗުން އުފެދެނީ ޔޫރަޕްގައެވެ. އެއީ ދުނިޔޭގެ ފުޓްބޯޅަ ދައްކާ ހަގީގަތެވެ. ދެކުނު އެމެރިކާއިން ވެސް ކޮންމެ ވެސް ވަރަކަށް މޮޅެތި ކޯޗުން އުފެދެ އެވެ. ހުނަރުވެރި ކޯޗުން އުފެއްދުމުގައި އެހެން ބައްރުތަކަށް ކާމިޔާބު ހޯދިފައެއް ނެތެވެ.

އެ ބަހުސަށް ޖަވާބު ހިފައިގެން، ވޯލްޑްކަޕަށް ނިކުންނަނީ، ދެކުނު ކޮރެއާގެ ކޯޗް ޝިން ޓޭ ޔަންގް އެވެ. އޭޝިއާގެ މޮރިނިއޯގެ ގޮތުގައި މަޝްހޫރުވެފައިވާ ކޯޗުގެ އެންމެ ހާއްސަ ކަމަކީ ކުޅުންތެރިން މޯޓިވޭޓް ކޮށްލުމެވެ.

ސީނިއާ ގައުމީ ޓީމުގެ ކޯޗުކަން އޭނާއާ ހަވާލު ކުރީ މިދިޔަ އަހަރު ޖުލައި މަހު އެވެ. އޭނާއާ ޓީމުގެ ކޯޗަކަށް ހަވާލު ކުރަން ކޮރެއާގެ އެފްއޭއިން ނިންމީ ޖަރުމަންގެ އުލިސް ޓިލައިކް ކޯޗު ކަމުން ވަކި ކުރުމަށް ފަހު އެވެ.

ކޯޗެއްގެ ގޮތުގައި އޭނާ ވަނީ އޮސްޓްރޭލިއާގެ "އޭ ލީގް" ގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ސީނިއާ ޓީމާ ހަވާލުވުމުގެ ކުރިން، ޝިން ހުރީ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށެވެ. އޭގެ ކުރިން 20 އަހަރުން ދަށުގެ ގައުމީ ޓީީމަށްވެސް އޭނާ ކޯޗު ކޮށްދިނެވެ.

ގައުމީ ޓީމާ އޭނާ ހަވާލު ވުމަށްފަހު ޓީމުން ދެއްކި ޕާފޯމަންސާމެދު ސަޕޯޓަރުން ހިތްހަމައެއް ނުޖެހުނެވެ. ނަމަވެސް އަމިއްލަ ދަނޑުގައި ކުޅެ އިރާންއާ އެއްވަރު ކުރި އެވެ.

ކޮރެއާގެ ސަޕޯޓަރުން ސުވާލަށް، ވޯލްޑްކަޕުގައި ޖަވާބު ހޯދައިދޭން އޭނާ ހުރީ ތައްޔާރަށެވެ.