ވޯލްޑްކަޕުގައި ޕެނަމާ މި ވާދަ ކުރަނީ މުޅިން އަލަށެވެ. ޕެސިފިކް ކަނޑާއި އެޓްލާންޓިކް ކަނޑާ ގުޅޭ ސަރަހައްދުގައި އޮންނަ ޕެނަމާގެ ތިން މިލިއަން މީހުންގެ އުންމީދު ގުޅިފައި ވަނީ، ބެލްޖިއަމްއާ ދެކޮޅަށް މިރޭ ކުޅޭ މެޗަށެވެ.
ވޯލްޑްކަޕަށް ޕެނަމާ ކޮލިފައިވުމުން، މުޅި ގައުމުގައި އުފާފާޅު ކުރުމަށް ޕަބްލިކް ބަންދު ދުވަހެއް ކަނޑައެޅި އެވެ. ވޯލްޑްކަޕުގެ ތާރީހްގައި ޕެނަމާ ކުޅޭ ފުރަތަމަ މެޗަށް މިރޭ ކުންނައިރު މުޅި ގައުމަށް އުފަލުން ރޮވޭނެ ކަމަށް އެ ޓީމުގެ ޑިފެންޑަރު ރޮމޯން ޓޯރޭޒް ބުންޏެވެ.
ވޯލްޑްކަޕުގައި، އެ ގައުމެއްގެ ގައުމީ ސަލާމް ކުޅެލަން ލިބޭ ވަގުތަކީ ކޮންމެ ގައުމަކަށްވެސް ހާއްސަ ވަގުތު ކޮޅެކެވެ. ރާއްޖޭގަޑިން މިރޭ 8:00 ގައި ބެލްޖިއަމް އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބާއްވާ ގައުމީ ސަލާމްގެ ވަގުތަކީ ޕެނަމާއަށް އެންމެ ހާއްސަ ވަގުތު ކޮޅަކަށް ވާނެ ކަމަށް އޭނާ ބުންޏެވެ.
"ޕެނަމާގެ ވަރަށް ގިނަ ބަޔަކަށް ރޮވޭނެ، އަހަންނަށް ހީވަނީ އަހަރެން ހިމެނޭނީ އެ މީހުންގެ ތެރޭގައި ހެން،" ރޯމަން ޓޯރޭޒް ބުންޏެވެ. "ސަބަބަކީ އެއީ ވަރަށް އިމޯޝަންލް ވަގުތުކޮޅަށް ވާނެ، ވޯލްޑްކަޕުގައި އެ ގައުމުގެ ގައުމީ ސަލާމަށް ހުއްޓި ތިބޭ ވަގުތަކީ ވަރަށް ތަފާތު އިހްސާސްތަކެއް ކުރެވޭ ވަގުތުކޮޅަކަށް ވާނެ،"
ބެލްޖިއަމް އަކީ ތަރިންގެ ގޮތުން ބަލާއިރު ޔޫރަޕްގެ ފުޓްބޯޅައިގެ ގަދަ ބާރެކެވެ. މިހާރު އެ ޓީމުގައި އޮތް ސްކޮޑަކީ އެ ގައުމުގެ ފުޓްބޯޅަ ތާރީހްގައި އުފެއްދި އެ ގައުމުގެ ރަން ޖީލެވެ.
ނަމަވެސް، ބެލްޖިއަމްގެ ކޯޗް ސްޕެއިންގެ ރޮބާޓޯ މާޓީނޭޒް ބުނީ، ވޯލްޑްކަޕުގައި ވަކި ޖީލަކަށް ވުމުން އިހްތިރާމެއް ނުލިބޭނެ ކަމަށާއި އިހްތިރާމް ލިބޭނީ ގުރޫޕް ސްޓޭޖުގައި ކުރިއަށް އޮތް ތިން މެޗުން ކުރާ މަސައްކަތަކުން ކަމަށެވެ.
"ވޯލްޑްކަޕުގައި ވަކި ޖީލަކަށް ވުމަކުން އިހްތިރާމެއް ނުލިބޭނެ، އިހްތިރާމް ލިބޭނީ ގުރޫޕް ސްތޭޖުގައި މިއޮތް ތިން މެޗުން ކުރާ މަސައްކަތަކުން،" މާޓީނޭޒް ބުންޏެވެ. "މުބާރާތުގައި ކުރިއަށް ދެވި އަހަރެމެންގެ ފެންވަރު ސާބިތު ކޮށްދެވޭ ފެންވަރަކުން އިހްތިރާމް ލިބޭނީ."