އެމެރިކާގެ ލެޖެންޑަރީ ގިޓަރިސްޓް، ބީބީ ކިންގް މަރުވެފައި ވަނީ މި މެއި މަހުގެ 14 ވަނަ ދުވަހު އެވެ. އުމުރުން 89 އަހަރުގެ ބްލޫސް ލެޖެންޑް މި ދުނިޔެއާ ވަކިވެގެން ދިޔައީ ނިދީގަ އެވެ.
އެއަށް ފަހު ޑޮކްޓަރުން އޭރު ބުނެފައި ވަނީ ބީބީ ކިންގް މަރުވެފައި ވަނީ ހަކުރު ބައްޔާ ގުޅުންހުރި މައްސަލަތަކެއްގައި ކުދި ސްޓްރޯކްތަކެއް ޖެހިގެން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ނަމަވެސް މި ހަފުތާގައި އޭނާގެ މަރުގެ ވާހަކަ އަށް މި ވަނީ ވަރުގަދަ ޓްވިސްޓެއް އައިސްފަ އެވެ. ކިންގް ދެ އަންހެން ދަރިން ކަމުގައިވާ ޕެޓީ ކިންގާއި ކެރެން ވިލިއަމްސް ބުނަނީ އެމީހުންގެ ބައްޕަގެ މަރަކީ ބަޔަކު މީހުން ރާވައިގެން ކުރި ކަމެއް ކަމެއްގެ ނަތީޖާ ކަމަށާއި ވިހަ ލައިގެން އޭނާ މަރާލީ ކަމަށެވެ.
މި މައްސަލާގައި އެމީހުން ތުހުމަތުގެ އިނގިލި ދިއްކޮށްފައި ވަނީ ބީބީ ކިންގްގެ ބިޒްނަސް މެނޭޖަރު، ލެވަރީން ޓޯނީ އަށެވެ.
މި ތުހުމަތާ ގުޅިގެން މި މައްސަލައިގެ ތަހުގީގަކަށް އަމުރުކޮށްފައިވާއިރު މެނޭޖަރުގެ ފަރާތުން ބުނަނީ ބީބީ ކިންގްގެ ދަރިން އެގޮތަށް އޭނާއާ ދެކޮޅަށް އެކި މައްސަލަތަކުގައި އިނގިލި ދިއްކުރުމަކީ އާކަމެއް ނޫން ކަމަށާއި މިފަހަރު ވެސް ކޯޓަށް ވައްދައިގެން އުޅެނީ ސާބިތުކޮށްނުދެވޭނެ މައްސަލައެއް ކަމަށެވެ.
ބީބީ ކިންގަށް އިހާނެތިކޮށް ހިތާ ކަމަށް ބުނެ މި އަހަރުގެ ކުރީކޮޅު ވެސް އޭނާގެ އަންހެން ދަރިން ގުޅިގެން ލެވަރީން ޓޯނީއާ ދެކޮޅަށް ކޯޓަކަށް މައްސަލައެއް ވެއްދި އެވެ. އެ މައްސަލަ ބޭރުކޮށްލީ ސާބިތުނުވެގެންނެވެ.
ބީބީ ކިންގަށް ވިހަލައިގެން އޭނާ މަރާލީ ކަމަށް ބުނެ މައްސަލަ ހޫނުކޮށްލާފައިވާއިރު އަންނަ ހުކުރު ދުވަހަކީ އޭނާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހެވެ. އޭނާ މަރާލި ކަމަށް ބުނާ މައްސަލައެއްގެ ތަހުގީގެއް ހިންގަން ހަމަޖެހިފައިވިޔަސް ޖަނާޒާ ފަސްނުކުރާނެކަން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.
ބީބީ ކިންގަކީ ދުނިޔެ ދުށް އެންމެ މޮޅު ގިޓަރިސްޓުންގެ ތެރެއިން އެކަކެވެ. އޭނާގެ އެންމެ މަޝްހޫރު ލަވަތަކަކީ "ދަ ތްރިލްސް ގޯން" އާއި "ތްރީ އޮކްލޮކް ބްލޫސް" އަދި "ޑާލިން ޔޫ ނޯ އައި ލަވް ޔޫ" އެވެ.
މަރުވިއިރު އޭނާގެ 11 ކުދިން ދުނިޔޭގައި އެބަތިއްބެވެ. ދެ ކައިވެންޏެއް ކޮށްގެންނާއި އެޑޮޕްޓްކޮށްގެން އޭނާ އަށް 15 ކުދިން ލިބިފައިވެ އެވެ.