ކުޅިވަރު

ލުކާކޫގެ ދެ ލަނޑުން ބެލްޖިއަމްއަށް ރަނގަޅު ފެށުމެއް

ވޯލްޑްކަޕުގައި މުޅިން އަލަށް ވާދަ ކުރާ ޕެނަމާ ކޮޅަށް ރޮމެލޫ ލުކާކޫ ޖެހި ދެ ލަނޑާއެކު 3-0 ން މޮޅުވެ ބެލްޖިއަމުން ވޯލްޑް ކަޕުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ފުރަތަމަ ހާފުގައިވެސް ބެލްޖިއަމުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ޕެނަމާގެ ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ. ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ، މެޗުގައި ބެލްޖިއަމްގެ ކެޕްޓަންކަން ކުރި އެޑެން ހަޒާޑް އަށެވެ.

މެޗުގެ 11 ވަނަ މިނެޓްގައި، ޕެނަމާގެ ޕެނަލްޓީި އޭރިއާ ތެރެއިން އެ ޓިމުގެ، ޑިފެންޑަރު ރޯމަން ޓޯރޯޒް، ކީޕަރަށް ދޭން އުޅުނު ބޯޅަށް، ކީޕަރު ޖެއިމީ ޕެނޭޑޯއަށް ބޯޅައަށް ނޭރެނިސް ހަޒާޑް އެބޯޅަ ހޯދި އެވެ. ގޯލަށް ފޮނުވާލަށް އޭނާ މަޑުމަޑުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތީ ދާގަނޑަށެވެ.

މެޗުގެ 20 ވަނަ ޑްރައިސް މާޓެންސް އޭރިއާ ތެރެއަށް ބޯޅަ ނަގައިދިނީ، ހުހަށް ހުރި ރޮމެލޫ ލުކާކޫއަށް ދިނުމަށެވެ. މާޓެންސް ދިން ބޯޅަ ލުކާކޫއަށް ލިބުމުންގެ ކުރިން ރޯމަން ޓޯރޭޒް ވަނީ އެ ބޯޅަ ކޯނަރަކަށް ބޭރު ކޮށްލާފަ އެވެ.

ޑިފެންސަށް ފައިބައިގެން ކުޅުނު، ޕެނަމާއަށް، ބެލްޖިއަމްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ބޯޅަ ގެންދެވުނީވެސް، މެޗުގެ 30 މިނެޓް ކުޅެވުނު ފަހުންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަޒާޑް ވަނީ، ޕެނަމާގެ ޑިފެންސްގެ ތެރެއިިން ގޯލަށް ބާރު ބޯޅައެއް ފޮނުވާލާފަ އެވެ. އެ ބޯޅަ ޕެނަމާގެ ކީޕަރު ޕެނޭޑޯ ސަލާމަތް ކުރީ ގޯލް ރޮނގުމަތިންނެވެ.

ދެ ވަނަ ހާފުގައި ފެނުނީ، ޕެނަމާގެ ޑިފެންސް މުޅިން ރޫޅިފައި އޮތްތަނެވެ. އޭގެ ބޭނުން ބެލްޖިއަމްގެ ކުޅުންތެރިން ވަރަށް ރަނގަޅަށް ހިފި އެވެ. ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނެޓްގައި މާޓެންސް ލަނޑު ޖަހައި ބެލްޖިއަމްއަށް ލީޑް ނަގައިދިނެވެ.

ޕެނަމާގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ ޑިފެންސްގައި ޖެހިފައި ބްލޮކްވި ބޯޅަ މާޓެންސް ގޯލްތެރެއަށް ފޮނުވާލީ ޕެނަމާގެ ކީޕަރު ޕެނޭޑޯ ބޯމަތިންނެވެ. އެ ވަގުތު އޭނާ ހުރީ ކުޑަކޮށް ކުރިއަށް ނިކުމެވެ.

ބެލްޖިއަމްގެ ދެ ވަނަ ލަނޑު، ލުކާކޫ ބޮލުން ކާމިޔާބު ކުރީ އޭރިއާގެ ބޭރުގައި ހުރެފައި ކެވިން ޑިބްރައިނާ ނަގައިދިން ބޯޅައިގައެވެ. އެ ވަގުތު ޕެނަމާގެ ޑިފެންސަށް ތިބެވުނީ ލުކާކޫ ރަނގަޅަށް މާކު ނުކޮށެވެ.

އެ ލަނޑު ޖެހުމުގައި ހަޒާޑް ދައުރު ފާހަގަ ކޮށްލަން ޖެހެ އެވެ. އޭރިއާގެ އަރިމަތިން އޭރިއާގެ ތެރެއަށް ވަދެ، އޭރިއާ ބޭރުގައި ހުރި ޑިބްރައިނާ އަށް ބޯޅަ ދިނީ ޕެނަމާގެ ދެ ކުޅުންތެރިން ބީޓްކޮށްލާފަ އެވެ.

ލުކާކޫ، ބެލްޖިއަމްގެ ތިން ވަނަ ލަނޑު 75 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ހަޒާޑް ދިން ފުރުސަތުގަ އެވެ. އޭރިއާގެ ކަނާދިމާލުން ވަދެ ލުކާކޫ، ޕެނަމާގެ ގޯލްތެރެއަށް ބޯޅަ ފޮނުވާލީ ބޯޅަ ދިފާއު ކުރަން އެރި ކީޕަރަށް އެއްވެސް ފުރުސަތެއް ނުދީ އެވެ.