ބޮލީވުޑް

3 ދުވަސް ތެރޭ "ރޭސް 3"އަށް 100 ކްރޯޑު

ފިތުރު އީދާ ދިމާކޮށް ސަލްމާން ޚާން ގެނެސްދިން ފިލްމު "ރޭސް 3"، އެންމެ ތިން ދުވަސް ތެރޭގައި 100 ކްރޯޑު ކުލަބަށް ވަދެފި އެވެ. މިއަހަރު ނިކުތް ބޮލީވުޑް ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އޯޕެނިންގެއްވެސް ލިބުނީ މި ފިލްމަށެވެ.

މިއަހަރު ރިލީޒްކުރި ބޮލީވުޑް ފިލްމުތަކުގެ ތެރެއިން ފަސް ފިލްމެއް ވަނީ 100 ކްރޯޑު ކުލަބަށް ވަދެފައިވެ އެވެ. އެ ފިލްމުތަކުގެ ތެރޭގައި ހިމެނެނީ އަހަރުގެ ފުރަތަމަ ފިލްމު "ޕަދްމާވަތް" އާއި ކޮމެޑީ ފިލްމު "ސޯނޫ ކޭ ޓިއްޓޫ ކީ ސުވިޓީ" އާއި އަޖޭ ދޭވްގަންގެ އެކްޝަން ފިލްމު "ރެއިޑް" އާއި ޓައިގާ ޝްރޮފްގެ "ބާގީ 2" އަދި އާލިޔާ ބަޓްގެ "ރާޒީ" އެވެ.

"ރޭސް 3" ގެ ކުރިން އަހަރުގެ އެންމެ އޯޕެނިންގެއް އޮތީ "ބާގީ 2" ގެ އަތުގަ އެވެ. މި ފިލްމަކީ އެންމެ ތިން ދުވަސް ތެރޭގައި 100 ކްރޯޑު ކުލަބަށް ވަތް ސަލްމާންގެ ހަތަރު ވަނަ ފިލްމެވެ. މީގެ ކުރިން ތިން ދުވަސް ތެރޭގައި 100 ކްރޯޑު ހޯދި ސަލްމާންގެ ފިލްމުތަކަކީ "ބަޖްރަންގީ ބައިޖާން"، "ޓައިގާ ޒިންދާ ހޭ" އަދި "ސުލްތާން" އެވެ.

ޓްރޭޑް އެނަލިސްޓުން ލަފާކުރާ ގޮތުގައި މިއަދު ނޫނީ މާދަމާ މި ފިލްމު 200 ކްރޯޑު ކުލަބަށްވެސް ވަންނާނެ އެވެ.

ކްރައިމް ތްރިލާ މި ފިލްމަކީ އާއިލާއެއްގެ ތެރޭގައި ޖެހޭ ތަފާތު މައްސަލަތަކެއް ސަބަބުން އެމީހުންގެ މެދުގައި ހިނގާ ޖަރީމާތަކެއް ދައްކުވައިދޭ ފިލްމެކެވެ.

ރެމޯ ޑި ސޫޒާ ޑައިރެކްޓުކުރި މި ފިލްމުގައި މުހިންމު ރޯލުތަކުން ސަލްމާންއާއެކު ޖެކޮލިން ފެނާންޑޭޒް، ބޮބީ ޑިއޯލް، ޑެއިޒީ ޝާގް، ސާގިބް ސަލީމް އަދި ފްރެޑީ ދާރޫވާލާ ފެނިގެންދެ އެވެ.

މާލެއާއި ހުޅުމާލެ ޝުވެކް ސިނަމާގައިވެސް މި ފިލްމު މިހާރު އަންނަނީ ދައްކަމުންނެވެ.