ބޮލީވުޑް

އަހަރުތަކަކަށްފަހު ޝާހްރުކް އާއި އަމީތާބް އެއް ފިލްމަކުން

ގިނަ ފިލްމުތަކެއް އެކުގައި ކުޅެފައިވާ ބޮލީވުޑްގެ ދެ ރަސްގެފާނުން ކަމަށްވާ ޝާރުކް ޚާން އާއި އަމީތާބް ބައްޗަން ގިނަ އަހަރުތަކަކަށްފަހު އެކުގައި ފިލްމެއްގެ މަސައްކަތްކުރަން އެއްބަސްވެއްޖެ އެވެ.

މި ފިލްމަކީ ޑައިރެކްޓަރު ސުޖޯޝް ޖޯޝީގެ ތްރިލާ ފިލްމު "ބަދްލާ" އިންނެވެ. ފިލްމުގައި ލީޑުން ފެނިގެންދާނީ އަމީތާބް އެވެ. ފިލްމު ޕްރޮޑިއުސްކުރަނީ ޝާރުކް އެވެ.

މި ފިލްމަކީ ސްޕެނިޝް ފިލްމެއްގެ ރީމޭކްއެކެވެ. މި ފިލްމުގައި އިތުރު ތަރިއަކަށް ފެނިގެންދާނެ ކަމަށް އަދި ކަށަވަރުވެފައި ވަނީ ތާޕްސީ ޕަންނޫ އެކަންޏެވެ. ތާޕްސީ ވަނީ މީގެ ކުރިން އަމީތާބްއާއެކު އެހެން ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ ކާމިޔާބު ފިލްމް "ޕިންކް" އެވެ.

މި ފިލްމާއި ބެހޭގޮތުން ވާހަކަދައްކަމުން ޑައިރެކްޓަރު ސުޖޯޝް ބުނީ، "އަމީތާބް ކަހަލަ އެކްޓަރެއް ލިބިއްޖެއްޔާ އެއީ ކޮންމެ ޑައިރެކްޓަރަކަށްވެސް ލިބޭނެ ބޮޑު އުފަލެއް. އަމީތާބް ޑައިރެކްޓުކުރަން ވަރަށް ކެތްމަދުވެފައި މިހުރީ. އަދި ތާޕްސީއާއެކު މަސައްކަތްކުރަންވެސް ވަރަށް ބޭނުންވެފައި މިހުރީ،" ކަމަށެވެ.

ޝާރުކް މި ފިލްމު ޕްރޮޑިއުސްކުރާތީ އަދި އިތުރަށް އުފާވާކަމަށްވެސް ސުޖޯޝް ބުންޏެވެ.

ސުޖޯޝް އިތުރަށް ބުނީ، "އަމީތާބްއާއި ޝާރުކް އަދި ތާޕްސީއާއެކު ހިޔެއްނުވޭ ދެން މިއަށްވުރެ ފުރިހަމަ ޓީމެއް އަހަންނަށް ލިބޭނެހެން. ޝާރުކް ފިލްމު ޕްރޮޑިއުސްކުރިޔަސް ފިލްމުގައި އޭނާ ކޮންމެސް ހިސާބަކުން ފެންނަޖެހޭނެ،" ކަމަށެވެ.

މީގެ ކުރިން ޝާރުކް އާއި އަމީތާބް އެކުގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި "ކަބި ހުށީ ކަބީ ގަމް" އާއި "މޮހަައްބަތޭން" ފަދަ ފިލްމުތަކަކީ އެންމެ މަޝްހޫރުވި ފިލްމުތަކެވެ.