ކުޅިވަރު

ފްލައިޓްގައި އަލިފާން ރޯވިނަމަވެސް ސައުދީ ޓީމަށް ކަމެއްނުވޭ

މާދަމާ ރޭ އުރުގުއޭ އާ ދެކޮޅަށް ސައުދީ އަރަބިއްޔާ ކުޅެން ހަމަޖެހިފައިވާ މެޗަށް ރަޝިއާގެ ރޮސްޓޯވް ނާ ޑޮނޫ ސިޓީއަށް ދަތުރު ކުރަމުން ދަނިކޮށް ސައުދީ ޓީމު ގެ މަތިންދާ ބޯޓް އިންޖީނުގައި އަލިފާން ރޯވި ނަމަވެސް ސަލާމަތުން ލޭންޑްކޮށްފި އެވެ.

ވޯލްޑްކަޕުގައި ސައުދީ ކުޅުނު ފުރަތަމަ މެޗު، ރަޝިއާ އާ ދެކޮޅަށް ކުޅުނީ މޮސްކޯގައެވެ. މޮސްކޯގައި ތިބުމަށް ފަހު ރޮސްޓޯވް ސިޓީއަށް ދަތުރު ކުރަމުން ދަނިކޮށް، ބޯޓްގެ އިންޖީނުގައި އަލިފާން ރޯވީ ބޯޓް ޖައްސަން ކައިރިވެފައި ވަނިކޮށެވެ.

ސައުދީގެ ފުޓްބޯޅަ ޓީމުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ، ކުޅުންތެރިންަނަށް ސަލާމަތުން ދަތުރު ކުރެވުނު ކަމަށާއި ހުރިހާ ކުޅުންތެރިންވެސް ތިބީ ހަމަޖެހިގެން ކަމަށެވެ.

ސައުދީ އާއި އުރުގުއޭ ކުޅޭ މެޗު އޮންނާނީ މާދަމާ ރޭ 8:00 ގަ އެވެ. ސައުދީ ކުޅުނު ފުރަތަމަ މެޗުގައި ރަޝީއާ އަތުން އެ ޓީމު ބަލިވީ 5-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.