މިދިޔަ އާދިއްތަ ދުވަހު ޖަޕާންގެ އޮސަކާއަށް އައި ބާރު ބިންހެލުމުގައި އެ ސިޓީއަށް ލިބުނު ގެއްލުންތަކުން، އޭގެ އަސަރު ޖަޕާންގެ ކުޅުންތެރިންނަށްވެސް ކޮށްފައިވާ ކަމަށް ވޯލްޑްކަޕުގައި މިރޭ ކޮލަމްބިއާ އާ ދެކޮޅަށް ނިކުންނަ ޖަޕާންގެ އަކިރާ ނިޝީނޯ ބުނެފި އެވެ.
އޮސަކާއަށް އައި 6.9 މެގްނެޓިޔުޑްގެ ބިންހެލުމާ ގުޅިގެން ދެ މީހުން މަރުވެ 200 މީހުން ޒަހަމް ވިއެވެ.
"ބިން ހެލުމުގެ ޚަބަރު ލިބުމުން ބައެއް ކުޅުންތެރިންނަށް ލިބުނީ ޝޮކެއް، އަދި ކުޅުންތެރިންމެދުގައި ވަަރަށް ބޮޑު ކަންބޮޑުވުމެއް އުފެދުނު އެ ކުޅުންތެރިން އާއިލާތަކަށް ކުރިމަތިވި ގެއްލުންތަކާ މެދު އެ ކުޅުންތެރިން ވަރަށް ބޮޑަށް ހާސްވި،" ނިޝީނޯ ބުންޏެވެ.
"އެމީހުން ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައި، އެހެންވެ ކުޅުންތެރިންނަށް ނަފުސާނީ ގޮތްގޮތުން އަސަރުކޮށްފައި ވުމަކީ އަހަރެންގެ އެންމެ ބޮޑު ކަންބޮޑުވުން، ނަމަވެސް އަަހަރެމެން ޓީމުގެ ސްޓާފުން މިދަނީ ކުޅުންތެރިންނަށް ހިތްވަރު ހޯދައި ދެމުން."
ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގެ ގުރޫޕް ސްޓޭޖުގައި ކޮލްމަބިއާ ވަނީ ބްރެޒިލް 4-1 ން ބަލި ކޮށްފަ އެވެ. ނަމަވެސް ޖަޕާންގެ ޑިފެންޑަރު މަކާޓޯ ހަސޭބޭ ބުނީ، މިފަހަރު ޖަޕާން ޓީމު އޮތީ ބޯޑު އިތުބާރާއެކު ކަމަށެވެ.
ޖަޕާންއާ ދެކޮޅަށް ނިކުންނަ އިރު ކޮލަމްބިއާ އަށް އޮތް އެންމެ ބޮޑު ކަންބޮޑު ވަުމަކީ އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ހަމޭސް ރޮޑްރިގޭޒްގެ ފިޓްނަސްއާ މެދު އުފެދިފައިވާ ކަންބޮޑު ވުމެވެ.
ހަތަރު އަހަރު ކުރިން ބޭއްވި ވޯލްޑްކަޕުގެ ކްއާޓާ ފައިނަލަށް ކޮލަމްބިއާ ގެންގޮސް ދިނުމުގައި ހަމޭސް ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. އެ މުބާރާތުގައި ހަ ގޯލް ޖަހައިގެން އެ ފަހަރުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރަން ބޫޓް ހޯދީވެސް ހަމޭސް އެވެ.
ކޮލަމްބިއާގެ ކޯޗް ހޯސޭ ޕެކާ މަން ބުނީ، މިއަދުގެ އެންމެ ފަހު ވަގުތާ ހަމަޔަށްވެސް ހަމޭސް އަށް ކުޅެވޭނެތޯ އޭނާ ބަލާނެ ކަމަށެވެ.