ކުޅިވަރު

ޖަޕާނަށް ހިތްދަތި ނިމުމެއް، ބެލްޖިއަމް ކްއާޓާއަށް

ފަހަތުން އަރައި ޖަޕާންގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ބެލްޖިއަމް ކްއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ފުރަތަމަ ހާފުގައި، ބެލްޖިއަމުން ގިނަ ހަމަލާތަކެއް އުފެއްދިނަމަވެސް، އެ ޓީމުގެ އަސްލު ކުޅުން ދައްކާ ނުލެވުނެވެ. ފުރަތަމަ ހާފުގައި ޖަޕާނަށް ލިބުނު ކައުންޓަ އެޓޭކްގައި ޖަޕާނުން ވަނީ ބެލްޖިއަމްގެ ފަހަތަށް ބާރު ބޮޑު ކޮށްފަ އެވެ.

ދެ ވަނަ ހާފު ޖަޕާނުން ފެށީ، ތަފާތު ރޫހެއްގައެވެ. ދެ ވަނަ ހާފުގެ ފުރަތަމަ 10 މިނެޓް ތެރޭގައި ޖަޕާނުން ދެ ލަނޑު ޖަހައި، ލީޑް ފުޅާ ކުރި އެވެ.

ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓްގައި، ޖަޕާން ވަނީ ލީޑް ނަގާފަ އެވެ. ޝްބަޝާކީ ދިން ބޯޅައަކުން ލަނޑު ކާމިޔާބު ކުރީ ހަރަގޫޗީ އެވެ. ހަރަގޫޗީ އެ ލަނޑު ކާމިޔާބު ކުރީ، ބެލްޖިއަމްގެ ޑިފެންސްވެސް ބީޓް ކޮށްލުމަށް ފަހު އެވެ.

ޖަޕާންގެ ފުރަތަމަ ލަނޑަށް ފަހު، ބެލްޖިއަމުން ކުޅުން ފަށައިގެން އުފެއްދި ފުރަތަމަ ހަމަލާ ލަނޑަކަށް ބަދަލުކޮށްލުމާ ވަރަށް ގާތަށް ދެވުނެވެ. އެޑެން ހަޒާޑް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.

ލީޑް ނެގިތާ ހަތަރު މިނެޓް ތެރޭ، ޖަޕާނުން ލީޑް ފުޅާ ކުރި އެވެ. ޝިންޖީ ކަގާވާ ދިން ބޯޅަ އޭރިއާ ބޭރުން އިނޫއީ ފޮނުވާލީ ބެލްޖިއަމްގެ ގޯލްގެ ކަނަށެވެ.

ދެ ލަނޑުގެ ލީޑްގެ މައްޗަށް ކުރި ހޯދަން ބެލްޖިއަމަށް އުނދަގޫ ވާނެ ކަމަށް ބެލެވުނު ނަމަވެސް، އެ ޓީމުން ގެނައި ބަދަލު ތަކުން ބެލްޖިއަމްގެ އެޓޭކުތައް ވަރުގަދަ ވެގެން ދިޔަ އެވެ.

ބެލްޖިއަމްގެ ފުރަތަމަ ލަނޑު މެޗުގެ 69 ވަނަ މިނެޓްގައި ކާމިޔާބު ކޮށް އެޓީމަށް އުންމިދެއް ހޯދައިދިނީ ވާޓޮންގެން އެވެ. އޭނާ ބޮލުން ގޯލްތެރެއަށް ބޯޅަ އޮއްސާލީ އޭރިއާގެ އަރިމަތީގައު ހުރެފައެވެ.

ވޯލްޑްކަޕުގެ ތާރީހްގައި 1970 ގެ ފަހުން، ނޮކައުޓް މެޗެއްގައި، ދެ ލަނޑުގެ ލީޑެއް ނެގިފައެއް ނުވެ އެވެ. މީގެ ކުރިން ވޯލްޑްކަޕުގައި ނަކޮއުޓް މެޗެއްގައި ދެ ލަނޑުގެ ލީޑެއްގެ މައްޗަށް ކުރި ހޯދުނީ ހުޅަނގު ޖަރުމަނަށެވެ. އިންގެލެންޑުން ދެ ލަނޑިގެ ލީޑެއް ނަގާފައި ވަނިކޮށް ހުޅަނގު ޖަރުމަނުން ވަނީ ނަތީޖާ އަނބުރާލާފަ އެވެ.

ބެލްޖިއަމް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ، މެޗުގެ 74 ވަނަ މިނެޓްގައި، ހަޒާޑް ނަގައިދިން ބޯޅަ ބޮލުން ގޯލްތެރެއަށް ފޮނުވާލައިގެން މަރުއާން ފެލޭނީ އެވެ.

ވޯލްޑްކަޕުގެ ކްއާޓާ ފައިނަލަށް ދިއުމަށް ޖަޕާން ކުރި އުންމިދަށް ހުރަސް އެޅުނީ، ބެލްޖިއަމް މޮޅުކޮށް ދިން، ލަނޑު އެންމެ ފަހު ވަގުތުގައި އުފެއްދި ކައުންޓަ އެޓޭކްގައި ޗާޑްލީ އެވެ.