ކުޅިވަރު

ޕެނަލްޓީ ޖަހަން ޖަޕާން ޓީމު ޕްރެކްޓިސް ނުކުރޭ

ޖަޕާން ޓީމުގެ ޕްރެކްޓިހުގައި ޓީމުގެ ކުޅުންތެރިން ޕެނަލްޓީ ޖައްސަން ފަރިތަ ނުކުރާ ކަމަށް، އެ ޓީމުގެ ކޯޗް އަކީރާ ނިށީނޯ ބުނެފި އެވެ.

ނިށީނޯ، ބުނީ ޕްރެކްޓިހުގައި ޕެނަލްޓީ ޖަހަން ފަރިތަ ކުރަން ޖެހޭ ސަބަބެއް އޭނާއަށް ނުފެންނަ ކަމަށެވެ. އަދި ޕްރްކެޓިހުގައި ޕެނަލްޓީ ޖަހާނަމަ ކުޅުންތެރިންގެ ވިސްނުމުގައި ހުންނާނީ ޕެނަލްޓީއަށް ދިއުން ކަމަށް ޖަޕާންގެ އެފްއޭގެ ޓެކްނިކަލް ޑައިރެކްޓަރުކަންވެސް ކުރި ނިށީނޯ ބުންޏެވެ.

އޭނާ ދެކޭގޮތުގައި ޕެނަލްޓީ ޖެހުމަކީ ރިސްކެކެވެ. ވޯލްޑްކަޕު ކްއާޓާ ފައިނަލަށް ދާން އެންމެ ފަހުން ޖަޕާނަށް ފުރުސަތު ލިބުނީ، ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގަ އެވެ. ޕެނަލްޓީ ޖަހައިގެން ޖަޕާން ކެޓީ ޕެރަގުއޭ އަތުންނެވެ. އެ މެޗުގައި ޖަޕާނަށް ފުރުސަތު ގެއްލުނީ ޔޫޗީ ކަމޯނޯ ޖެހި ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ. އޭނާ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

"ތަފާތު ވިސްނުންތަކުން ވާހަކަ ދެއްކިދާނެ ކަމެއް މީ، ޕެނަލްޓީ ޝޫޓްއައުޓަށް ދިއުމަކީ ކުޅުންތެރިންނަށް ހާއްސަކަން ކުރިމަތިވެދާނެ ކަމެއް، އެހެންވެ އަހަންނަކަށް ނުފެނޭ ކުޅުންތެރިންނަށް ހާސްކަން ކުރިމަތިވާ ކަމެއް ކުރާކަށް." ނިށީނޯ ބުންޏެވެ.

އޭނާ ބުނީ ޕެނަލްޓީ ޖަހަން ތައްޔާރުވުމަށް ވުރެ މެންޓަލީ ކުޅުންތެރިން ތައްޔާރު ކުރުން މުހިންމު ކަމަށެވެ.

ޖަޕާނާ ދެކޮޅަށް މިރޭ ނިކުންނަ، ބެލްޖިއަމްގެ ކޯޗް މާޓިނޭޒް ބުނީ، ޖަޕާނާ ދެކޮޅަށް ނިކުންނަނީ އެ ޓީމާ ދެކޮޅަށް ކުޅެން އުނދަގޫ ވާނެކަން ދެނެގެން ކަމަށައި މުޅި ޓީމު އޮތީ އެކަމަށް ތައްޔާރު ވެގެން ކަމަށެވެ.

ބެލްޖިއމަްގެ ކެޕްޓަން އެޑެން ހަޒާޑް ބުނީ، މެންޓަލީ ކުޅުންތެރިން ތިބީ ވަރަށް ރަނގަޅަށް ތައްޔާރު ވެގެން ކަމަށެވެ. އަދި މެޗުގެ ކުރީ ކޮޅު ލީޑް ނަގައިފިނަ ބެލްޖިއަމްއަށް އެޑްވާންޓޭޖް ލިބޭނެ ކަމަށް ޗެލްސީގެ ފޯވަޑް ބުންޏެވެ.