ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ސެމީ ފައިނަލާ ހަމަޔަށް އައި ބެލްޖިއަމްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ވޯލްޑްކަޕުގެ ފައިނަލަށް ފްރާންސް ދަތުރު ކޮށްފި އެވެ.
ފުރަތަމަ ހާފުގައި، ވަރުގަދައަށް ކުޅުނީ ބެލްޖިއަމް އެވެ. ގޯލަށް ފޮނުވާލި ހަމަލާތަކުގައި ވެސް ކުރީގައި އުޅޭނީ ބެލްޖިއަމް އެވެ. މެޗުގެ ފުރަތަމަ ހާފުގައި، ނެގި ކޯނަރަކުން ބެލްޖިއަމުން ވަނީ ފްރާންސްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފަ އެވެ. ނަމަވެސް އެ ބޯޅަ ހުޝިޔާރު ކަމާއެކު ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ދިފާއު ކުރި އެވެ.
ބެލްޖިއަމްގެ ކީޕަރު ކޯޓްއާ ވެސް ވަނީ ފުރަތަމަ ހާފުގައި ރަނގަޅު ސޭވްތަކެއް ކޮށްފަ އެވެ. ފްރާންސްގެ ޑިފެންޑަރު ބެންޖަމިން ޕަވާޑްއަށް ލިބުނު ހުސް ފުރުސަތު ކޯޓްއާ ވަނީ އޭނާގެ ފައިން ދިފާއުކޮށް ކޯނަރަކަށް ބޭރު ކޮށްލާފަ އެވެ.
ދެ ވަނަ ހާފު ފެށުނީންސުރެ، ފްރާންސުން ބޮޑަށް އިސްކަން ދިނީ، ޑިފެންސަށެވެ. އެ ޓީމުން ލަނޑު ޖެހީ ލިބުނު ކޯނަރަކުން ތަނަވަސްވި ބޯޅައިންނެވެ. މެޗުގެ 51 ވަނަ މިނެޓްގައި، އެންޓްއާން ގްރީޒްމަން ނެގި ކޯނަރު ބޮލުން ގޯލްތެރެއަށް ފޮނުވާލައިގެން ފްރާންސަށް ލަނޑު ޖަހައިދިނީ، ޑިފެންޑަރު ސެމިއުލް އުމްޓިޓީ އެވެ.
ކޮޅަށް ލަނޑު ވަނުމަށް ފަހު، ބެލްޖިއަމްގެ ހަމަލާތައް ވަރުގަދަ ކުރި އެވެ. އެ ޓީމުން ވަނީ ހުރަސްތަކުން ފްރާންސްގެ ގޯލް ފޫއަޅުވާލަން މަސައްކަތް ކޮށްފަ އެވެ.
މެޗުގެ 60 ވަނަ މިނެޓްގައި މޫސާ ޑެމްބެލޭގެ ބަދަލުގައި މާޓަންސް ކުޅެން އަރައި، އަރިމަތިން ނުރައްކާތެރި ހުރަސްތަކެއް ފްރާންސްގެ އޭރިއާ ތެރެއަށް ނަގައިދީފަ އެވެ. ނަމަވެސް ބެލްޖިއަމްގެ ޓޮޕް ސްޓައިކަރު ރޮމެޔޫ ލުކާކޫއަށް އެ ބޯޅަތައް ބޭނުމެއް ނުކުރެވުނެވެ.
ދެ ވަނަ ހާފުގައިވެސް، ފްރާންސްގެ ކީޕަރު ލޮރިސް ވަނީ ނުރައްކާތެރި ބޯޅައެއް ސޭވްތަކެއް ކޮށްފަ އެވެ. ކައުންޓަ އެޓޭކު ފުރުސަތުތަކުގައި ފްރާންސުންވެސް ނުރައްކާތެރި ހަމަލާތަކެއް އުފެއްދި އެވެ. އެ ޓީމުގެ އޮލިވާ ޖިރޫޑަށް ވަނީ ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެން ގޮސްފަ އެވެ.
މިއަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅޭ، ފައިނަލުގައި ފްރާންސް ވާދަ ކުރާނީ، ސެމީ ފައިނަލު ދެ ވަނަ މެޗުގައި މާދަމާ ރޭ، ކޮރޭޝިއާ އާއި އިންގްލެންޑް ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ބެލްޖިއަމްއަށް އޮތީ ތިން ވަނަ ހޮވާ މެޗެވެ. ތިން ވަނަ ހޮވާ މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭގަ އެވެ. ތިން ވަނަ ހޮވާ މެޗުގައި ބެލްޖިއަމްއާ ވާދަ ކުރާނީ މާދަމާރޭގެ މެޗުން ބަލިވާ ޓީމަކާ ދެކޮލަށެވެ.