އަމިއްލަ ގައުމުގައި 1998 ވަނަ އަހަރުގެ ވޯލްޑްކަޕު ފްރާންސް ކާމިޔާބު ކުރިިިއރު، ތިއަރީ އޮންރީ އަކީ އެ ސްކޮޑްގައި ހިމެނުނު ޒުވާން ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާ އެވެ. ޖެހިގެން އައި 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކުރި ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކަށްވީ އޭނާ އެވެ.
ފްރާންސްގެ ވޯލްޑްކަޕު ކާމިޔާބު ކުރި ސްކޮޑްގައި ހިމެނުނު އޮންރީ، މިރޭ ނުކުންނާނީ ފްރާންސާ ދެކޮޅަށެވެ. ވޯލްޑްކަޕު ސެމީ ފައިނަލުގައި، ފްރާންސާ ދެކޮޅަށް މިއަދު ނުކުންނަ ބެލްޖިއަމްގެ ބެންޗުގައި އޮންރީ އިންނާނެ އެވެ.
ފްރާންސްގެ ގައުމީ ޓީމަށް އޮންރީ ކުޅުނު ދުވަސްވަރު ފްރާންސާ އެންމެ ވާދަވެރިކޮށް އޮތީ ބްރެޒިލް އެވެ. ކުޅުންތެރިޔެއްގެ ގޮތުގައި އޮންރީ ވަނީ، ވޯލްޑްކަޕުގައި ބްރެޒިލްގެ އުންމީދުތަކަށް ދެ ފަހަރަށް ފެނަށް ދުއްވާލާފަ އެވެ.
ފުރަތަމަ 1998 ގެ ފައިނަލުގަ އެވެ. އޭގެ ފަހުން، ޖަރުމަންގައި 2006 ވަނަ އަހަރު ވޯލްޑްކަޕުގެ ކްއާޓާ ފައިނަލުގައި، ބްރެޒިލް ބަލި ކުރުމަށް އެ ޓީމު ކޮޅަށް ލަނޑު ޖެހީވެސް އޮންރީ އެވެ. މިފަހަރުގެ ވޯލްޑްކަޕުގެ ކްއާޓާ ފައިނަލުގައި ބެލްޖިއަމްގެ ބެންޗުގައި ހުރެގެން ބްރެޒިލް ބަލި ކުރުމަށް ހެންރީ ވަނީ އެހީތެރި ވެފަ އެވެ. ބްރެޒިލް ކޮޅަށް ލަނޑު ޖެހި ކުޅުންތެރިންނަކީ ހެންރީ ތަމްރީން ކުރާ ކުޅުންތެރިންނެވެ.
ބްރެޒިލް ބަލިކޮށް ސެމީ ފައިނަލަށް އައިސް، ސެމީ ފައިނަލުގައި މި ޖެހުނީ އޭނާގެ އަމިއްލަ ގައުމު ފްރާންސާ ދެކޮޅަށެވެ. މިކަމާ ބެހޭގޮތުން ފްރަންސްގެ ފުޓްބޯޅައިގެ މުހިންމު ފަރާތްތަކުން ވަނީ ވާހަކަ ދައްކާފަ އެވެ.
އާސެނަލްއަށް ގިނަ ކާމިޔާބުތަކެއް ހޯދައިދިން، އޮންރީ އާ ބެހޭގޮތުން، އާސެނަލްގެ ކުރިގެ ކޯޗް ފްރާންސްގެ އާސެން ވެންގާ ބުނީ ކޯޗެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ޓަކައި ފްރާންސާ ދެކޮޅަށް ކުޅޭ މެޗަކީ، އޮންރީއަށް ވަރަށް މުހިންމު މެޗަކަށް ވާނެ ކަމަށެވެ.
"މިއީ އޭނާ އަށް ލިބޭ ފުރުސަތެއް އެއްވެސް ޕްރެޝަރު ހޭންޑްލްކޮށްގެން ކުރިއަށްދާން ދަސް ކުރަން." ވެންގާ ބުންޏެވެ.
ފްރާންސްގެ ކޯޗް ޑިޑިއޭ ޑެޝޯމްޕް ބުނީ، އެހެން ޓީމެއްގެ ބެންޗުގައި އިނދެ ފްރާންސާ ދެކޮޅަށް ނކުންނަން ޖެހޭއިރު، ކޮންމެވެސް ވަރެއްގެ އުނދަގުލެއް އޮންރީއަށް އިހްސާސް ކުރެވޭނެ ކަމަށެވެ.
ފްރާންސްގެ ފޯވަޑް އޮލިވާ ޖިރޫޑް ގާތުގައި، އޮންރީއާ ބެހޭގޮތުން ސުވާލު ކުރުމުން އޭނާ ވާހަކަ ދެއްކީ މަޖާ ރާގެއްގަ އެވެ. އޭނާ ބުނީ، އޮންރީ އިހްތިޔާރު ކޮށްގެން ހުރީ ރަނގަޅު ފަޅިއެއް ނޫން ކަމަށެވެ.