ކުޅިވަރު

ބަލިވިޔަސް ޖަޕާން ދެވަނަ ބުރަށް ގެންގޮސްދިނީ ފެއާޕްލޭ ރޫލް

ޕޮލެންޑްގެ އަތުން 1-0 ބަލިވި ނަމަވެސް ފެއާޕްލޭ ގަވާއިދުގެ ދަށުން ގުރޫޕް "އެޗް" ގެ ދެ ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ދަތުރު ކޮށްފި އެވެ.

މިރޭ ކޮލަމްބިއާ އަތުން ސެނެގާލްވެސް ވަނީ ބަލި ވެފަ އެވެ. ސެނެގާލް އާއި ޖަޕާނަށް ލިބުނު ޕޮއިންޓާއި ޖެހި ލަނޑުގެ އަދަދާއި ޕޮއިންޓްގެ ގޮތުންވެސް އެއްވަރެވެ. ފެއާޕްލޭ ގަވާއިދުގެ ދަށުން ބަލަނީ މުބާރާތުގައި ދައްކާ، ކާޑު ނިސްބަތަށެވެ.

އެއީ ސެނެގާލްއަށް ވުރެ މަދުން ޖަޕާނަށް ރީނދޫ ކާޑު ދައްކާފައި ވުމުންނެވެ. ސެނެގާލްއަށް ވަނީ ހަ ރީނދޫ ކާޑު ދައްކާފަ އެވެ. ޖަޕާނަށް ހަތަރު ކާޑެވެ.

ދެ ވަނަ ބުރުގައި ޖަޕާން ވާދަ ކުރާނީ ގުރޫޕް "ޖީ" ގެ އެއް ވަނަ ޓީމާ ދެކޮޅަށެވެ. އެ ގުރޫޕްގެ އެއް ވަނަ ޓީމު ގެ މަގާމު ޔަގީން ވާނީ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބެލްޖިއަމް އާއި އިންގްލެންޑް ކުޅޭ މެޗުންނެވެ. މިވަގުތު ފައިދާގޯލްގެ އެހީގައި އެއްވަނައިގައި އޮތީ، އިންގްލެންޑެވެ.

ގުރޫޕްގެ އެއް ވަނަ ހޯދި ކޮލަމްބިއާ ވާދަ ކުރާނީ ގުރޫޕް "ޖީ" ގެ ދެ ވަނަ ޓީމާ ދެކޮޅަށެވެ.

ދެ ވަނަ ބުރުގައި ޖަޕާން ކުޅޭ މެޗު އޮންނާނީ ހޯމަ ދުވަހުގެ ރޭ 11:00 ގަ އެވެ. ކޮލަމްބިއާ ކުޅޭ މެޗު އޮންނާނީ މި އަންނަ އަންގާރަ ދުވަހުގެ ރޭ 11:00 ގަ އެވެ.

ޖަޕާން މެޗުން ބަލިވީ، މެޗުގެ 59 ވަނަ މިނެޓްގައި ރަފޭލް ކުރުޒުވާ ތަނަވަސް ކޮށްދިން ފުރުސަތަކުން ޔެން ބެޑްނާކް ކާމިޔާބު ކުރި ލަނޑުންނެވެ.