ޕޮލެންޑްގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ކޮލަމްބިއާއިން ދެ ވަނަ ބުރަށް ދިއުމުގެ ރޭހުގެ ތެރެއަށް ވަދެއްޖެ އެވެ.
ދެ ޓީމު ވެސް މެޗަށް ނިކުތީ، ފުރަތަމަ މެޗުން ބަލިވެފައި ވުމުން އެކަމުން އަރައިގަތުމަށެވެ. ސަލާމަތް ނުވެވިއްޖެނަމަ މުބާރާތުން ކަޓާނެ ކަން ދެ ޓީމަށްވެސް އެނގެއެވެ. މެޗުން ޕޮލެންޑް ބަލިވުމުން، މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު އެ ޓީމަށް ވަނީ ބަންދު ވެފަ އެވެ. އަށް އަހަރުގެ މެދުކެނޑުމަކަށް ފަހު ވޯލްޑްކަޕަށް އައި ޕޮލެންޑަށް މިފަހަރުވެސް ފުރުސަތު ގެއްލުނީ އެވެ.
ވޯލްޑްކަޕު ގުރޫޕް ސްޓޭޖު ފަހަނައަޅާއި ޕޮލެންޑަށް އެންމެފަހުން ދެވުނީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި މުބާރާތުގަ އެވެ. އޭގެ ކުރިން ސްޕެއިންގައި 1982 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގެ ސެމީ ފައިނަލަށް ދަތުރު ކުރި އެވެ.
ކޮލަމްބިއާއިން ފުރަތަމަ ހާފު ނިންމާލީވެސް ލީޑަކާއެކު އެވެ. ހަމޭސް ރޮޑްރިގޭޒް ޕޮލެންޑްގެ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ބޮލުން ގޯލްތެރެއަށް ފޮނުވާލައިގެން ޔެރީ މިނާ ލަނޑު ޖެހީ މެޗުގެ 40 ވަނަ މިނެޓްގަ އެވެ.
ދެ ވަނަ ހާފުގައި، ޕޮލެންޑުން މަސައްކަތް ކުރީ ޓީމު ކުރިއަށް ޖެހިގެން ނަތީޖާ ހަމަހަމަ ކުރުމަށެވެ. އެހެންވެ މުޅި ޓީމު ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. އޭގެ ބޭނުން ކޮލަމްބިއާ ކުޅުންތެރިން ހިފީ ވަރަށް ރަނގަޅަށެވެ.
ކޮލަމްބިއާއިން ފަހު ހާފުގައި ކާމިޔާބު ކުރި ދެ ލަނޑަކީވެސް، ޕޮލެންޑްގެ ކުޅުންތެރިން ކުރިއަށް ޖެހިގެން ތިބި ވަގުތު ކައުންޓަ އެޓޭކު ފުރުސަތުތަކުގައި ކާމިޔާބު ކުރި ލަނޑުތަކެވެ.
ދެ ވަނަ ލަނޑު، މެޗުގެ 70 ވަނަ މިނެޓްގައި ރަޑަމެލް ފަލަކާއޯ ކާމިޔާބު ކުރީ، ހުއާން ކްއެންޓޭރޯ ދިން ބޯޅައެއްގަ އެވެ. އެވަގުތު ޕޮލެންޑްގެ ފަހަތުގައި ހުރީ އެންމެ ޑިފެންޑަރެކެވެ. ފަލާކޯއާގެ ސްޕީޑް ބޭނުންކޮށްގެން ބޯޅަ ހިފައިގެން ދުވެފައި ގޮސް ގޯލް ތެރެއަށް ބޯޅަ ފޮނުވާލީ ޕޮލެންޑްގެ ކީޕަރަށް ވެސް ފުރުސަތު ނުދީ އެވެ.
ކޮލަމްބިއާގެ ތިން ވަނަ ލަނޑު، ހުއާން ކްއެޑްރާޑޯ ކާމިޔާބު ކުރީ، ހަމޭސް ރޮޑްރިގޭޒް ދިން ބޯޅައެއްގަ އެވެ. އެއީ މެޗުގެ 75 ވަނަ މިނެޓްގަ އެވެ. މެޗުގެ ފަހު ދިހަ މިނެޓް ތެރޭގައި، ޕޮލެންޑްގެ ކެޕްޓަން ރޮބަޓް ލެވަންޑޯސްކީ ފޮނުވާލީ ބޯޅަ، ކޮލަމްބިއާގެ ކީޕަރު ޑޭވިޑް އޮސްޕީނާ ވަނީ އަތުން ޖަހައި ކޯނަރަކަށް ބޭރު ކޮށްލާފަ އެވެ. އެ ބޯޅައަށް އޮސްޕީނާ މަސައްކަތް ކުރިއިރުވެސް އޭނާ އަށް ހުރީ ކޮންމެވެސް ވަރެއްގެ އަނިޔާއެއް ވެފަ އެވެ.
މި މޮޅާއެކު، ކޮލަމްބިއާ އަށް ވަނީ ދެ ވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ލިބިފަ އެވެ. ގުރުޕްގެ ފަހު މެޗުގައި ސެނެގާލް އާ ދެކޮޅަށް ކުޅޭ މެޗުން މޮޅު ވެއްޖެނަމަ، ކޮލަމްބިއާ ދެ ވަނަ ބުރަށް ދާނެ އެވެ.