ކުޅިވަރު

ޕޮލެންޑް ބަލިކޮށް ސެނެގާލްއަށް ތާރީހީ މޮޅެއް

ޕޮލެންޑްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ސެނެގާލްގެ ފުރަތަމަ ވޯލްޑްކަޕުގައި 2002 ވަނަ އަހަރު އެ ޓީމުން ހޯދި ތާރީހީ މޮޅަށް ފަހުވެސް މިފަހަރުގެ ވޯލްޑްކަޕުގައިވެސް މޮޅަކުން ފަށައިފި އެވެ.

ދެކުނު ކޮރެއާ އާއި ޖަޕާންގައި 2002 ވަނަ އަހަރު، ބޭއްވި ވޯލްޑްކަޕު ސެނެގާލުން ފެށީ އޭގެ ކުރީގެ ޗެމްޕިއަން ފްރާންސްގެ މައްޗަށް 1-0 ން ހޯދި މޮޅާ އެކު އެވެ. ސޯޅަ އަހަރު ފަހުން އަލުން ވޯލްޑަކަޕަށް އައިސް އެ ޓީމުން ވަނީ އަނެއްކާވެސް މޮޅަކުން ފަށާފަ އެވެ. އޭރު ހޯދި ކާމިޔާބުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ އޭރު ޓީމުގެ ކެޕްޓަން މިހާރު އެ ޓީމުގެ ކޯޗް އުލިއު ސީސޭ އެވެ.

މެޗު ފަށައިގެން ޕޮލެންޑުން، ސެނެގާލް ކޮޅަށް ބާރު ބޮޑު ކުރި ނަމަވެސް، ފަހުން ސެނެގާލުން ވަނީ މެޗުގެ ކޮންޓްރޯލު ހޯދައި މެޗުގެ ޓެމްޕޯ ހަމަޔަކަށް އަޅުވާފަ އެވެ. މެދުތެރެއިން އުފައްދަމުން ދިޔަ ޕާސްތަކުން، ފުރަތަމަ ހާފުގައި ބޮޑަށް ފާހަގަ ކުރެވުނީ، ސެނެގާލްގެ ހަމަލާ ތެކެވެ.

ސެނެގާލްގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 38 ވަނަ މިނެޓްގަ އެވެ. އެ ލަނޑަކީ ޕޮލެންޑްގެ ތިއާގޯ ސަޔޮނިކް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ސެނެގާލްގެ އިދުރީސަ ގޭއީ ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ސަޔޮނިކް ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޮސް ވަނީ ގޯލްގެ ތެރެއަށެވެ.

އެހެންވެ އެ ބޯޅަ ގޯލް ތެރެއަށް ވަދެގެން ދިޔައިރުވެސް، ޕޮލެންޑްގެ ކީޕަރު ސްޓޭންޝްނޭ އަށް ހުރީ ހަރާކާތް ކުރާނީ ކޮން ފަރާތަކަަށް ކަމަށްވެސް ނޭންގިފަ އެވެ.

ދެ ވަނަ ހާފުގައި، ޕޮލެންޑްގެ މުޅި ޓީމު ކުރިއަށް ޖެހިގެން ހަމަލާ އުފައްދަމުން ދިޔަ ނަމަވެސް ސެނެގާލްގެ ކީޕަރު ކާދިމް އެންޑާއި ބަލަހައްޓަމުން ދިޔަ ގޯލް ފޫއަޅުވާ ނުލެވުނެވެ.

މެޗުގެ 50 ވަނަ މިނެޓްގައި، ޕޮލެންޑަށް ވަނީ ސެނެގާލްގެ އޭރިއާގެ ބޭރުން ނުރައްކާ ހިސާބަކުން ހިލޭ ޖެހުމެއް ލިބިފަ އެވެ. ކެޕްޓަން ރޮބަޓް ލެވަންޑޮސްކީ ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ކީޕަރު އެންޑާއި ދިފާއު ކުރީ ގޯލަށް ވަދެވަދެ އޮއްވަ އެވެ.

ސެނެގާލްގެ ދެ ވަނަ ލަނޑު އެމް ނިޔާންގް ކާމިޔާބު ކުރީ، ޕެލެންޑުން ހަމަލާ އުފައްދަން ކުރިއަށް އަރާ ތިބި ވަގުތު ކައުންޓަ އެޓޭކުގައި ލިބުނު ފުރުސަތެއްގަ އެވެ. ޕޮލެންޑުން އުފެއްދި ހަމަލާއެއް، ސެނެގާލްގެ ޑިފެންސުން ބްލޮކް ކުރުމުން ރީބައުންސް ބޯޅަ ނިއަންގް އަށް ދިނުމުން ބޯޅަ ހިފައިގެން ޕޮލްންޑްގެ ހާފުގެ ތެރެއަށް އަރައި، ބޯޅަ ދިފާއު ކުރަން ޕެނަލްޓީ އޭރިއާ ބޭރަށް ނިކުތް ޕޮލެންޑްގެ ކީޕަރު ކަޓުވާލުމަށް ފަހު ނިއާންގް ބޯޅަ ފޮނުވާލީ ހުހަށް ގޯލް ތެރެއަށެވެ. އެއީ މެޗުގެ 60 ވަނަ މިނެޓްގަ އެވެ.

ޕޮލެންޑުން އުފެއްދި ހަމަލާތައް ދިފާއު ކުރުމުގައި ސެނެގާލްގެ ޑިފެންސުން އެންމެ މުހިންމު ދައުރެއް އަދާ ކުރީ ކަލިޑޯ ކުލުބާލޭ އެވެ. މެޗުގެ 85 ވަނަ މިނެޓްގައި ޕޮލެންޑަށް ސުން ކަނޑުވާލަ ދިނީ ގްރެގޯޒް ކްރިކޯވިއާކް ކާމިޔާބު ކުރި ލަނޑުންނެވެ.