ކުޅިވަރު

ސެނެގާލް ބަލިކޮށް ގުރޫޕްގެ އެއްވަނަ ކޮލަމްބިއާއަށް

ސެނެގާލްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ގުރޫޕް "އެޗް" ގެ އެއް ވަނައިގައި ކޮލަމްބިއާ ދެ ވަނަ ބުރަށް ދަތުރު ކޮށްފި އެވެ.

ޕޮލެންޑް އަތުން ބަލިވި ނަމަވެސް ޖަޕާން ވަނީ ދެ ވަނަ މަގާމާއެކު ދެ ވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. ސެނެގާލް އާއި ޖަޕާނަށް ލިބުނު ޕޮއިންޓާއި ޖެހި ލަނޑުގެ އަދަދާއި ޕޮއިންޓްގެ ގޮތުންވެސް އެއްވަރެވެ. ޖަޕާން ދެ ވަނަ ބުރަށް ދަތުރު ކުރީ ފެއާޕްލޭ ރޫލްސްގެ ދަށުންނެވެ. އެއީ ސެނެގާލްއަށް ވުރެ މަދުން ޖަޕާނަށް ރީނދޫ ކާޑު ދައްކާފައި ވުމުންނެވެ. ސެނެގާލްއަށް ވަނީ ހަ ރީނދޫ ކާޑު ދައްކާފަ އެވެ. ޖަޕާނަށް ހަތަރު ކާޑެވެ.

ދެ ވަނަ ބުރުގައި ކޮލަމްބިއާ ވާދަ ކުރާނީ ގުރޫޕް "ޖީ" ގެ ދެ ވަނަ ޓީމާ ދެކޮޅަށެވެ. ޖަޕާން ވާދަ ކުރާނީ ގުރޫޕް "ޖީ" ގެ އެއް ވަނަ ޓީމާ ދެކޮޅަށެވެ. އެ ގުރޫޕްގެ އެއް ވަނަ ޓީމު ގެ މަގާމު ޔަގީން ވާނީ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބެލްޖިއަމް އާއި އިންގްލެންޑް ކުޅޭ މެޗުންނެވެ. މިވަގުތު ފައިދާގޯލްގެ އެހީގައި އެއްވަނައިގައި އޮތީ، އިންގްލެންޑެވެ.

ދެ ވަނަ ބުރުގައި ކޮލަމްބިއާ ކުޅޭ މެޗު އޮންނާނީ މި އަންނަ އަންގާރަ ދުވަހުގެ ރޭ 11:00 ގަ އެވެ. ޖަޕާން ކުޅޭ މެޗު އޮންނާނީ ހޯމަ ދުވަހުގެ ރޭ 11:00 ގަ އެވެ.

މެޗުގައި ކޮލަމްބިއާގެ ސްޓާ ޕްލޭއާ ހަމޭސް ރޮްޑްރިގޭޒްއަށް އަނިޔާ ވެގެން ބަދަލު ކުރަން ޖެހުމުން، ފުރަތަމަ ހާފުގައި ކޮލަމްބިއާއަށް އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ނަމަވެސް ދެ ވަނަ ހާފުގައި ސެނެގާލްއަށް އަށް ވުރެ ރަނގަޅަށް ކުޅުނީ ކޮލަމްބިއާ އެވެ.

ފުރަތަމަ ހާފުގައި، ކޮލަމްބިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ސެނެގާލްގެ ސެޑިއޯ މާނޭއަށް ކޮލަމްބިއާގެ ޑިފެންޑަރުން ޗާޖު ކުރި އެވެ. މެޗުގެ ރެފްރީ ދެއްކީ ޕެނަލްޓީއެއް ކަމަށެވެ. ފަހުން ވީއޭއާރް ބެލުމަށް ފަހު އޭނާ ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ.

މެޗު އެއްވަރު ކޮށްލައިގެންވެސް، ސެނެގާލްއަށް ދެ ވަނަ ބުރަށް ދެވެން އޮތެވެ. ކޮލަމްބިއާއަށް މޮޅުވުން ނޫން އެހެން ގޮތެއް ނެތެވެ. ހުއާން ކްއެންޓްރާއޯގެ ކޯނަރު ތަކުން ކޮލަމްބިއާއިން ދިޔައީ ސެނެގާލްގެ ގޯލަށް ބާރު ބޮޑު ކުރަމުންނެވެ.

ސެނެގާލްގެ ލަނޑު މެޗުގެ 74 ވަނަ މިނެޓްގައި ޔެރީ މިނާ ބޮލުން ކާމިޔާބު ކުރީވެސް ކްއެންޓްރާއޯ ނެގި ކޯނަރުންނެވެ.

ލަނޑަށް ފަހު ސެނެގާލުން ވަނީ ބަދަލުތައް ގެނެސް، އެޓޭކު ވަރުގަދަ ކުރުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެ ބަދަލުތަކުން ސެނެގާލްއަށް ފައިދާއެއް ނުލިބުނެވެ.