ކުޅިވަރު

މާނޭ ހުއްޓުވައިގެން ޖަޕާނަށް ޖަވާބެއް ނުހޯދޭނެ

ސެނެގާލްގެ ލިވަޕޫލް ފޯވަޑް ސެޑިއޯ މާނޭ، އެކަނި ހުއްޓުވައިގެން، މެޗުން ޖަޕާން ހޯދަން ބޭނުންވާ ޖަވާބު އެ ޓީމަށް ނުހޯދޭނެ ކަމަށް ޓީމުގެ ކޯޗް އަކީރާ ނިޝާނޯ ބުނެފި އެވެ.

ޖަޕާނާއި، ސެނެގާލް މިއަދު ވާދަ ކުރާ މެޗު ފޯރި ގަދަ ވާނެ އެވެ. އެއީ އެ ދެ ޓީމުވެސް ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައި ވުމުން، މިއަދު ކޮންމެ ޓީމެއް މޮޅު ވިޔަސް އެ ޓީމަކަށް ދެ ވަނަ ބުރުގެ ޖާގަ ގާތްގަނޑަކަށް ޔަގީން ވާނެތީ އެވެ.

މެޗުގެ ކުރިން، ނިޝާނޯ ބުނީ، ޖަޕާނުން އެންމެ ބޮޑަށް ސަމާލު ވާން ޖެހޭ ކުޅުންތެރިޔަކީ މާނޭ ކަމަށާއި ނަމަވެސް މާނޭ އެކަނި ހުއްޓުވައިގެން ނުފުދޭނެ ކަމަށެވެ. މި މެޗު ވެގެންދާނީ މާނޭ އާއި ޖަޕާންގެ ޑިފެންޑަރު މާޔާ ޔޮޝިޑާގެ ކުރިމަތިލުމަކަށެވެ. އެ ދެ ކުޅުންތެރިންނަކީ ކުރިން ސައުތު ހެމްޓަންގައި އެއްކޮށް ކުޅުނު ދެ ކުޅުންތެރިންނެވެ.

ނިޝާނޯ ބުނީ، ޖަޕާންގެ ޑިފެންސް އޮތީ، ސެނެގާލްގެ މުޅި އެޓޭކް ހުއްޓުވަން ތައްޔާރު ވެގެން ކަމަށެވެ.

"އޭނާ [ސެޑިއޯ މާނޭ] ހުއްޓުވުމަކީ ކުރެވިދާނެ ކަމެއް، ނަމަވެސް އޭނާ އެކަނި ހުއްޓުވައިގެން މި ކަމެއް ނުވާނެ،" ނިޝާނޯ ބުންޏެވެ. "އޭނާގެ ނުފޫޒު އެ ޓީމުގެ އެހެން ކުޅުންތެރިންނަށް އޮންނާނެ މިއީ އަހަރެމެން ކަންބޮޑުވާ ކަމެއް."

ސެނެގާލްގެ ކޯޗް އުލިއު ސީސޭ ބުނީ، އޭނާގެ ޓީމު މެޗަށް ނިކުންނަނީ، މިފަހަރުގެ ވޯލްޑްކަޕަކީ، މިހާރުގެ ޖީލަށް ކުޅެން ލިބޭނެ އެންމެ ފަހު ވޯލްޑްކަޕުގައި ދެކިގެންކަމަށެވެ. އެހެންވެ ކުޅުންތެރިން ތިބީ ލިބިފައި އޮތް ފުރުސަތު ބޭނުން ކުރަން ތައްޔާރު ވެގެން ކަމަށް އޭނާ ބުންޏެވެ.

ސީސޭ، އަކީ ސެނެގާލްގެ ފުޓްބޯޅައިގެ ރަން ޖީލުގެ ގޮތުގައި ބަލާ ޓީމުގެ ކެޕްޓަނެވެ. ޖަޕާނާއި ދެކުނު ކޮރެއާގައި 2002 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގެ ކްއާޓާ ފައިނަލަށް އެ ޓީމު ދަތުރު ކުރި އެވެ. މިއީ އޭގެ ފަހުން އެ ޓީމު ވޯލްޑްކަޕަށް ދިޔަ ފުރަތަމަ ފަހަރެވެ.

އޭނާ ގަބޫލު ކުރާ ގޮތުގައި، މިހާރު ސެނެގާލްގައި އޮތް ޓީމަކީ، ސެނެގާލްގެ ރަން ޖީލެވެ. ނަމަވެސް އޭނާ ބުނީ 2002 ވަނަ އަހަރުގެ ވޯލްޑްކަޕުގައި ހޯދި ކާމިޔާބަށް ވުރެ ބޮޑު ކާމިޔާބެއް މިހާރުގެ ޖީލަށް ހޯދޭނީ އެއަށްވުރެ ބުރަކޮށް މަސައްކަތް ކޮށްގެން ކަމަށެވެ.