ކުޅިވަރު

ޕޮލެންޑަށް ގެއްލޭ އެއްޗެއް ނެތް، ޖަޕާން ޖެހިލުން ވެއްޖެ

މިރޭ، ޖަޕާނާ ދެކޮޅަށް ނުކުންނަ ޕޮލެންޑަށް މުބާރާތުން އިތުރަށް ގެއްލޭނެ އެއްޗެއް ނެތެވެ. މޮޅުވިޔަސް މުބާރާތުގައި ކުރިއަށް ދިއުމުގެ ދޮރެ އަލަކުން ޕޮލެންޑަކަށް ނުހުޅުވޭނެ އެވެ. އެހެންވެ މިރޭ އެ ޓީމުން ކުޅެނީ އެއްވެސް ޕްރެޝަރެއް ނެތި އެވެ. ރޭ ޖަރުމަނާ ދެކޮޅަށް ދެކުނު ކޮރެއާ ކުޅުނުހެނެވެ.

ޕްރެޝަރު އޮތީ، ޖަޕާނަށެވެ. ލަނޑުގެ ތަފާތުން މި ވަގުތު ގުރޫޕްގެ އެއް ވަނައިގައި ޖަޕާން އޮތަސް، ސެނެގާލް އާއި ކޮލަމްބިއާ މިރޭ ކުޅޭ މެޗުގެ ނަތީޖާއަށްވާ ގޮތަކުން ޖަޕާނަށް ފުރުސަތު ގެއްލުމުގެ ބިރު އެބައޮތެވެ.

ޖަޕާން މެޗަށް ނިކުންނަނީ އެ ހުރިހާ ކަމެއް ބޮލުގައި ބަހައްޓައިގެންނެވެ. ހަމައެއާއެކު ޕޮލެންޑްގެ ސްކޮޑް ވަރުގަދަ ކަމުން އޮތް ޖެހިލުންވުން ވެސް ޖަޕާނަށް އެބައޮތެވެ. ޖަޕާންގެ ކޯޗް އަކީރާ ނިޝީނޯ ބުނީ ޕެލެންޑްގެ ކެޕްޓަން ރޮބަޓް ލެވަންޑޮސްކީ އަކީ ވޯލްޑް ކްލާސް ސްޓައިކަރެއް ކަމަށާއި ޖަޕާންގެ ޑިފެންސުން ވަރަށް ބޮޑަށް ސާމަލުވާން ޖެހޭ ކަމަށެވެ.

"އަހަންނަށް ޔަގީން ޕޮލެންޑް ކުޅޭނީ އެމީހުންގެ އެންމެ ފަހުރުގައިކަން، ލެވަންޑޮސްކީ އަކީ ވޯލްޑް ކްލާސް ފެންވަރުގައި މާކު ކުރަންޖެހޭ ކުޅުންތެރިޔެއް. އަހަންނަށް ޔަގީން އޭނާ އަައިސް އަހަރެމެންނަށް ވަރަށް އުނދަގޫ ކުރާނެކަން."

މެޗު އެއް ވަރު ކޮށްލައިގެން ނަމަވެސް ޖަޕާނަށް ދެ ވަނަ ބުރަށް ދެވޭނެ އެވެ. ވޯލްޑްކަޕުގައި ޖަޕާން ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ޓަކަށީ އިނުއީ އެވެ. ނަޝީނޯ ބުނީ އިނުއީ ޕާފޯމް ކުރަމުން ދަނީ ހީވެސް ނުކުރާ މޮޅަށް ކަމަށެވެ.

ޖަޕާނާއި ޕޮލެންޑް ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން އިރުއޮއްސި 7:00 ގަ އެވެ. ހަމަ އެގަޑީގައި އެގުރޫޕްގެ އަނެއް ދެ ޓީމު ކަމަށްވާ ކޮލަމްބިއާ އާއި ސެނެގާލް ވެސް ވާދަ ކުރާނެ އެވެ.