ކުޅިވަރު

ޕޮލެންޑް - ކޮލަމްބިއާ: ދެ ޓީމަށްވެސް މަރުގެ މެޗެއް

ގުރޫޕް އެޗްގައި، މިރޭ ޕޮލެންޑާއި، ކޮލަމްބިއާ މެޗު ވެގެންދާނީ ދެ ޓީމުވެސް ސަމާލު ވާން ޖެހޭނެ މެޗަކަށެވެ. މުބާރާތުގެ ކުރިން ގިނަ ބަޔަކު ފާހަގަ ކުރީ، އެ ގޫރޫޕްގެ ފޭވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ލާފާ ކުރީ ޕޮލެންޑާއި ކޮލަމްބިއާ އެވެ. ނަމަވެސް އެ ދެޓީމުގެ މައްޗަށް ކުރި ހޯދީ ޖަޕާނާއި ސެނެގާލް އެވެ.

ޕޮލެންޑާ، ކޮލަމްބިއާ މިރޭ ކުޅޭ މެޗުން ކޮންމެ ޓީމެއް ބަލިވި ނަމަވެސް އެ ޓީމެއް ކަޓާނެ އެވެ. މިރޭގެ މެޗަށް ނިކުންނައިރު، ކޮލަމްބިއާއަށް އޮތް ހިތްހަމަ ޖެހުމަކީ، އެ ޓީމުގެ ތަރި އަދި މިދިޔަ ވޯލްޑްކަޕުގެ ރަން ބޫޓް ހޯދި، ހަމޭސް ރޮޑްރިގޭޒް މުޅިން ފިޓުވެފައި ވުމެވެ. ގުރޫޕްގެ ފުރަތަމަ މެޗުގައި ޖަޕާނާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 އިން ހަމޭސްއަށް ފުރުސަތު ދީފައެއް ނުވެއެވެ.

"ހަމޭސް ރޮޑްރިގޭޒް މިހާރު ހުރީ 100 ޕަސަންޓްގައި،" ކޮލަމްބިއާގެ ކޯޗް ހޯސޭ ޕެކާމަން ބުންޏެވެ. "ހަމޭސް ދަނީ ޓްރެއިނިންގައި ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފަ، އަދި އޭނާ ވަނީ އެންމެ ފަހު މެޗުގައި ކޮންމެވެސް ވަރަށް ކުޅެފައި، އެކަމުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑަށް އިތުބާރު ލިބިގެންދާނެ."

ޕެކާމަން ބުނީ، ކޮލަމްބިއާއަށް ކުރިއަށް ދެވޭނީ ގިނަކަންތައްތަކެއް ރަނގަޅު ކޮށްގެން ކަމަށެވެ.

ޕޮލެންޑްގެ ކޯޗް، އެޑަމް ނަވަލްކާ ބުނީ، ކޮލަމްބިއާ ބަލި ކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އޭނާގެ ޓީމަށް އެބައޮތް ކަމަށެވެ. ނަމަވެސް ކޮލަމްބިއާ އާދެކޮޅަށް ކުޅެން އުނދަގޫ ވާނެ ކަން، ނަވްލްކާ ފާހަގަ ކުރި އެވެ.

"ކޮލަމްބިއާ އަކީ ވަރަށް މޮޅު ކޯޗެއް ހުރި ވަރަށް ވަރުގަދަ ޓީމެއް، އެއް ކުޅުންތެރިންތަކެއް ގިނަ ދުވަސްވަންދެން އެ ޓީމުގައި ދަނީ ކުޅެމުން، އަދި ވަރަށް ކުރިންސުރެވެސް ޓެކްޓިކަލީ ތައްޔާރުވެގެން އޮތް ޓީމެއް،" 2014 ވަނަ އަހަރު ކްއާޓާ ފައިނަލަށް ދަތުރު ކުރި ކޮލަމްބިއާ އާ ބެހޭގޮތުން ޕޮލެންޑްގެ ކޯޗް ނަވަލްކާ ބުންޏެވެ.

"އެ ޓީމު މިފަހަރު މުބާރާތަށްވެސް އައީ ފޭވަރިޓެއްގެ ގޮތުގައި، އެހެންވެ އަހަރެން އުންމީދު ކުރަނީ ވަރުގަދަ މެޗަކަށް ވާނެ ކަމަށް، ފިޒިކަލީވެސް ވަރުގަދަ މެޗަކަށް ވާނެ، ނަމަވެސް އަހަރެންގެ ޓީމާ މެދު އަހަރެން މާބޮޑަށް އިތުބާރު ކުރަން އަހަންނަށް ޔަގީން އަހަރެމެންނަށް މެޗުން މޮޅު ވެވޭނެ ކަން."