ހަބަރު

ކެނެޑާގެ ޖަމިއްޔާއެއްގެ ޑިމޮކްރަސީ މަންދޫބަކަށް މަހުލޫފް

Jun 19, 2018
7

ކެނެޑާގެ އިންސްޓިޓިއުޝަނެއް ކަމަށްވާ މޮންޓްރިއަލް އިންސްޓިޓިއުޓް ފޯ ޖިނެސައިޑް އެންޑް ހިއުމަން ރައިޓްސް ސްޓަޑީޒް، މިގްސް ގެ ޑިމޮކްރަސީ މަންދޫބަކަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ހަމަޖައްސައިފި އެވެ.

މިގްސް އިން ބުނީ، އަހުމަދު މަހުލޫފަކީ އިންސާނީ ހައްގުތަކަށާއި ޑިމޮކްރަސީ ގެނައުމަށް މަސައްކަތް ކުރަމުންދާ ފަރާތެއް ކަމަށާއި އޭނާއަށް ނުހައްގުން ކުރަމުންދާ ދައުވާތަކުގައި މިގްސްއިން އޭނާއާ އެކު ވާނެ ކަމަށެވެ.

މިގްސްގެ އެގްޒެކެޓިވް ޑިރެކްޓަރު ކައިލް މެތިއު ވިދާޅުވީ، މަހުލޫފަކީ ޑެމޮކްރަސީއާ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް އަޑު އުފުލަމުންދާ ވަރުގަދަ ސިޔާސީ ފަރާތެއް ކަމަށެވެ. އަދި ވިދާޅުވީ، މިގްސް އިން އޭނާގެ މިނިވަން ކަމަށާއި ރާއްޖޭގައި ޑެމޮކްރަސީ ގާއިމް ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

މިގްސް އިން ބުނީ، 2007 ވަނަ އަހަރުން ފެށިގެން މަހުލޫފަކީ މަޖިލިސް މެންބަރެއް ކަމަށެވެ. އަދި 2010 ވަނަ އަހަރުން ފެށިގެން ސުލްހަވެރި ކަމާއެކު މުޒާހަރާ ކުރަމުން ދަނިކޮށް މިހާތަނަށް އޭނާ 25 ފަހަރަށް ޖަލަށް ލާފައިވާ ކަމަށެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމަށްބުނެ 11 މަހަށް ޖަލަށްލާފައިވާކަން ވެސް މިގްސް އިން ފާހަގަ ކޮށްފައި ވެއެވެ.

މަހުލޫފް މިއަހަރުވެސް ޖަލުގައި ދުވަސްތައް ހޭދަކުރަން ޖެހުނު ކަމަށްބުނެ މިގްސްއިން ބުނީ، އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒްމްގެ ދައުވާއާ އެހެނިހެން ދައުވާގެ ސަބަބުން 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަައުން އެކަށީގެންވާ ކަމަށެވެ.

މަހުލޫފަކީ ޒަމީރުގެ ގައިދީއެއް ކަމަށާއި އޭނާ ވަގުތުން މިނިވަންކޮށް ދޫކޮށްލުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިންވެސް މީގެ ކުރިން ވަނީ ގޮވާލާފަ އެވެ. އަދި މަހުލޫފުގެ އަގު ވަޒަންކޮށް ޕާލިމެންޓޭރިއަންސް ފޯ ގްލޮބަލް އެކްޝަންއިން ވަނީ މިއަހަރުގެ ޑިފެންޑަ އޮފް ޑިމޮކްރަސީ އެވޯޑު ވެސް އޭނާ އަށް ދީފަ އެވެ.