ކުޅިވަރު

ސަލާހް ފިޓް ވެއްޖެ، އޭނާ ހުއްޓުވާނެ ގޮތް ރަޝިއާއަށް އެނގޭ

މިރޭ ރަޝިއާ ދެކޮލަށް މިސްރު ކުޅޭ މެޗުގައި، މިސްރުގެ ތަރި މުހައްމަދު ސަލާހް ފެންނާނެ ކަމަށާއި އޭނާ ފިޓް ވެއްޖެ ކަަމަށް މިސްރުގެ ކޯޗް ހެކްޓާ ކުޕާ ބުނެފި އެވެ.

ވޯލްޑްކަޕުގައި މިސްރު ކުޅުނު ފުރަތަމަ މެޗުގައި، ސަލާހް ކުޅެފައެއް ނުވެ އެވެ. އުރުގުއޭ އާ ދެކޮލަށް ކުޅުނު އެ މެޗުން މިސްރު ބަލިވީ 1-0 ންނެވެ.

"ސަލާހް ފިޓް ވެއްޖެ،" ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ކޫޕާ ބުންޏެވެ. "އަހަރެން އުންމިދު ކުރަނީ މެޗު ކުޅެންވެސް އޭނާ ފިޓް ވާނެ ކަމަށް، އޭނާ އަކީ މި ޓީމުގެ މުހިންމު ހަތިޔާރެއް."

ނަމަވެސް ކޫޕާ ބުނީ އޭނާ މިދެނީ ގެރެންޓީއެއް ނޫން ކަމަށާއި، އުންމީދު ކުރަނީ މެޗުން ފެންނާނެ ކަމަށް ކަމަށެވެ.

މިސްރު ޓީމު ޕްރޮފައިލް

"އަހަރެން މި ދެނީ އޭނާ މެޗު ގެރެންޓީވި ވާހަކައެއް ނޫން، ނަަމަވެސް އޭނާ އަކީ އަހަރެމެންނަށް އޮފެންސިވް މުހިންމު ހަތިޔާރެއް، އަހަރެން މި ބުނަނީ އޭނާ މެޗުގައި ނެތުމުން އެކަން އަހަރެމެން ޓީމުން ވަރަށް ބޮޑަށް ދައްކާ، އެހެންވެ އަހަރެމެން އެބަޖެހޭ ބަދަލުގައި ރަނގަޅު ކުޅުންތެރިން ހޯދަން."

ރަޝިއާ ޓީމު ޕްރޮފައިލް

ރަޝިއާ މެޗަށް ނިކުންނަނީ، ބޮޑު އިތުބާރަކާ އެކު އެވެ. ފުރަތަމަ މެޗުގައި ސައުދީ އަތުން 5-0 ލިބުނު މޮޅާ އެކު ފައިދާ ލަނޑުގެ ކުރިގައިވެސް އޮތީ ރަޝިއާ އެވެ. އެ ޓީމުގެ ކޯޗް ސްޓަނިލާވް ޗެރިޗޭސޮވް ބުނީ ސަލާހް ހުއްޓުވަންވީ ގޮތް އޭނާގެ ޓީމަށް އެނގޭ ކަމަށެވެ.

"އަހަރެމެންނަށް އެނގޭ މިކަން ކުރަން ޖެހޭނެ ގޮތް، (މިއަދު) ގެ މެޗުގައި ފެނިގެންދާނެ އަހަރެމެން އޭނާ ހުއްޓުވާނެ ގޮތް."