ކުޅިވަރު

ޕެނަލްޓީގައި ރަޝިއާ ބަލިކޮށް ކޮރޭޝިއާ ސެމީއަށް

ކުއާޓާ ފައިނަލުގައި މުބާރާތް ބާއްވާ ގައުމު ރަޝިއާ ދެކޮޅަށް ޕެނަލްޓީޖަހައި 4-3 މޮޅުވެ، ވޯލްޑްކަޕުގެ ސެމީ ފައިނަލަށް ކޮރޭޝިއާ ދަތުރު ކޮށްފި އެވެ.

ޕެނަލްޓީ ޖަހަން ޖެހުނީ މެޗުގެ ފުރިހަމަ ވަގުތު 1-1 އެއްވަރުވެ އިތުރަށް ކުޅުނު 15 މިނެޓްގެ ދެހާފު ނިމުނު އިރު 2-2 ން އެއްވަރު ވެފައި ވުމުންނެވެ.

ކުރީގެ ޔޫގޮސްލޭވިއާ ރޫޅި، އުފަންވި ކުދިކުދި ގައުމުތަކުގެ ތެރެއިން، ކޮރޭޝިއާއަށް، ފީފާގެ މެންބަރުކަން ލިބުނީ 1993 ވަނަ އަހަރު އެވެ. އެ އަހަރު އެ ފުރުސަތު ލިބުމުން، ޖެހިގެން އައި އަހަރު އެމެރިކާގައި ބޭއްވި ވޯލްޑްކަޕުގައި ވާދަ ކުރާކަށް ކޮރޭޝިއާއަށް ފުރުސަތެއް ނުލިބުނެވެ.

އެ ޓީމުގެ އެންމެ ފުރަތަމަ ވޯލްޑްކަޕަކަށްވީ، ފްރާންސްގައި 1998 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕެވެ. އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރި އެވެ. ސެމީ ފައިނަލުގައި އެ އަހަރުގެ ޗެމްޕިއަން ފްރާންސް އަތުން ބަލިވިޔަސް ތިން ވަނަ ހޮވި މެޗުގައި ހޮލެންޑް ބަލިކޮށް ތިން ވަނަ މަގާމު ގެންދިޔަ އެވެ.

މިއީ އޭގެ ފަހުން، އެ ޓީމަށް ގުރޫޕް ފަހަނައަޅައި ދެވުނު ފުރަތަމަ ފަހަރެވެ. މެޗުގައި ފުރަތަމަ ލީޑް ނެގީ އަމިއްލަ ގައުމުގައި ކުޅެމުން ދިޔަ ރަޝިއާއިންނެވެ.

އެ ޓީމުގެ ލަނޑު މެޗުގެ 31 ވަނަ މިނެޓްގައި އާޓެން ޒޫބާ ދިން ބޯޅައަކުން ކާމިޔާބު ކުރީ، ޑެނިޝް ޗެރިޝޭވް އެވެ. ޗެރިޝޭވް އެބޯޅަ ފޮނުވާލިއިރު ކޮރޭޝިއާގެ ކީޕަރު ޑެނިއަލް ޝްބަޝިޗް ހުރީ ތަންކޮޅެއް ކުރިއަށް ނިކުމެއެވެ. އެހެންވެ ބޯޅަ ގޯލަށް ވަނީ އޭނާގެ ބޯމަތިން ގޮހެވެ.

ކޮރޭޝިއާ ނަތީޖާ ހަމަހަމަ ކުރުމަށް ބޭނުންވީ، އަށް މިނެޓެއްހާއިރުއެވެ. މެޗުގެ 39 ވަނަ މިނެޓްގައި، މާރިއޯ މަންޒޫކިޗް ޕެނަލްޓީ އޭރިއާގެ ތެރެއަށް ވަދެފައި، ވަރަށް ބަލާލާފައި އޭރިއާގެ ތެރެއަށް އެރި ކްރަމަރިޗަށް ބޯޅަ ދިނުމުން އޭނާ ވަނީ ބޮލުން ގޯލްތެރެއަށް ވައްދާލާފަ އެވެ.

ދެ ވަނަ ހާފުގައި، ގިނަ ހަމަލާތައް އުފެއްދީ ކޮރޭޝިއާއިންނެވެ. ނަމަވެސް ކައުންޓަ އެޓޭކް ފުރުސަތަުތަކުގައި ރަޝިއާއިންވެސް ވަނީ ފުރުސަތުތައް އުފައްދާފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ނިމެން ކައިރވެފައި ވަނިކޮށް ކޮރޭޝިއާއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ، އެ ޓީމުގެ ގޯލްކީޕަރު ޝްބަޝިޗް ކަހާލައިގެން ވެއްޓި އޭނާ އަށް އަނިޔާވުމެވެ. އޭރު އެ ޓީމުގެ ތިން ބަދަލުވެސް ވަނީ ހަމަވެފަ އެވެ. ނަމަވެސް އަނިޔާގައި ހުރެ މެޗު ނިމެންދެން ކުޅުން ކުރިއަށް ގެންދިޔަ އެވެ. އަދި އޭނާ ވަނީ ރަޝިއާއިން ފޮނުވާލި ބޯޅައެއްވެސް ދިފާއު ކޮށްފަ އެވެ.

ފީފާގެ މިހާރު ގަވާއިދުގައިވާ ގޮތުން އިތުރު ވަގުތަށް ހިނގައްޖެނަމަ އިތުރު އެއްބަދަލު ކުރެވޭނެ އެވެ. ޝްބަޝިޗްގެ ބަދަލުގައި ދެ ވަނަ ކީޕަރަށް ފުރުސަތު ދޭނެ ކަމަށް ބެލެވުނު ނަމަވެސް އެކްސްޓްރާޓައިމް ނިމެންދެން ކުޅުން ކުރިއަށް ގެންދިޔަ އެވެ.

އެކްސްޓްރާ ޓައިމް

އެކްސްޓްރާޓައިމްގެ ފުރަތަމަ ހާފުގައި ކޮރޭޝިއާިއން ނެގި ކޯނަރު، ކެޕްޓަން ލުކަ މޮޑްރިޗް ނަގައިދިނުމުން، ވީޑާ ބޮލުން ފޮނުވާލައިގެން ކޮރޭޝިއާއިން ލީޑް ނެގި އެވެ. އެއީ މެޗުގެ 100 ވަނަ މިނެޓްގައެވެ.

ރަޝިއާއިން އަލުން ނަތީޖާ ހަމަހަމަ ކުރީ، ދެ ވަނަ ހާފުގައެވެ. މެޗުގެ 115 ވަނަ މިނެޓްގައި ކޮރޭޝިއާގެ ޕެނަލްޓީ އޭރިއާގެ ކަނާދިމާލުން ރަޝިއާ ލިބުނު ހިލޭޖުހުން އެލަން ޒަގޮއޭވް، ނަގައިދިނުމުން، މާރިއޯ ފެނާންޑޭޒް ބޮލުން ފޮނުވާލައިގެން، ކޮރޭޝިއާއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

ޕެނަލްޓީ ޝޫޓްއައުޓް

ޕެނަލްޓީ ޝޫޓްއައުޓާ، ޝްބަޝިޗް ކުރިމަތިލީ ކުރިމަތިވި އަނިޔާގައި ހުރެގެންނެވެ. ނަމަވެސް އޭނާ ވަނީ ރަޝިއާގެ ފުރަތަމަ ޕެނަލްޓީ ފީޑާ ސްމަލޯވް ފޮނުވާލުމުން ދިފާއު ކޮށްފަ އެވެ. އޭނާގެ އިތުރުން ރަޝިއާއަށް އިތުރު ވަގުތުގައި ނަތީޖާ ހަމަހަމަ ކޮށްދިން މާރިއޯ ފެނާންޑޭޒް ފޮނުވާލި ޕެނަލތީވެސް ކާމިޔާބުވާ ގޮތެއް ނުވި އެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލްދަނޑި ކައިރިން ލާފައި ބޭރަށެވެ.

ކޮރޭޝިއާއިން ޖެހި ޕެނަލްޓީގެ ތެރެއިން މަޓާއޯ ކޮވަސޮވިޗް ފޮނުވާލި، ޕެނަލްޓީ ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެ ޕެނަލްޓީ، ރަޝިއާގެ ކީޕަރު އީގޯ އަކިން ފީވް ވަނީ ދިފާއު ކޮށްފަ އެވެ. ކެޕްޓަން ލުކަ މޮޑްރިޗް ފޮނުވާލި ޕެނަލްޓީ ގޯލަށް ވަނީ އަކިންފީވް އަތުގައި ޖެހި ރީބައުންސް ވެގެން ގޮހެވެ. ކޮރޭޝިއާ މޮޅުކޮށްދިން ޕެނަލްތީ ކާމިޔާބު ކުރީ އީވާން ރެކިޓިޗް އެވެ.

ސެމީ ފައިނަލުގައި ކޮރޭޝިއާ ވާދަ ކުރާނީ، ސްވިޑެން ބަލިކޮށް ސެމީ ފައިނަލަށް ދިޔަ އިންގްލެންޑާ ދެކޮޅަށެވެ. އެއީ ދެ ވަނަ ސެމީ ފައިނަލު މެޗެވެ. އެ މެޗު އޮންނާނީ އަންނަ ބުދަދުވަހުގެ ރޭ ރާއްޖޭގަޑިން ރޭގަނޑު 11:00 ގަ އެވެ.

އަންގާރަ ދުވަހު ކުޅޭ ފުރަތަމަ ސެމީ ފައިނަލުގައި ވާދަ ކުރާނީ، ބެލްޖިއަމް އާއި ފްރާންސެވެ.