ޓީމުގެ ތަރި މުހައްމަދު ސަލާހް ވޯލްޑްކަޕުގައި ކުޅުނު ފުރަތަމަ މެޗުން ރަޝިއާ އަތުން 3-1 ން ބަލިވެ، މިސްރު މުބާރާތުން ގާތްގަނޑަކަށް ކެޓުމަކާ ގާތަށް ހިނގައްޖެ އެވެ.
މި މޮޅާއެކު، މުބާރާތް ބާއްވާ ގައުމު ރަޝިއާ ވަނީ ދެ ވަނަ ބުރަށް ދިއުމުގެ އުންމީދު ބޮޑު ކޮށްފަ އެވެ. ގޫރޫޕް "އޭ" ގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ ސައުދީ އަރައްބިއްޔާ އާއި އުރުގުއޭ ބައްދަލު ކުރާ މެޗުން، ސައުދީ ބަލި ވެއްޖެނަމަ ރަޝިއާއަށް ދެ ވަނަ ބުރު މުޅިން ޔަގީން ވާނެ އެވެ.
މިސްރު އުރުގުއޭ އާދެކޮޅަށް ކުޅުނު މެޗުގައި، ސަލާހް މުޅިން ފިޓް ނުވާތީ އެ މެޗުން އޭނާ އަށް ފުރުސަތު ދީފައެއް ނުވެ އެވެ. ރަޝިއާއާ ދެކޮޅަށް ކުޅޭ މެޗުން އޭނާ އަށް ފުރުސަތު ދޭނެ ކަމަށް، މިސްރުގެ ކޯޗް ހެކްޓާ ކޫޕާ އިއުލާން ކުރުމުން މެޗުގައި ތަރިއަކަށް ވާނެ ކަމަށް ބެލެވުނީ ސަލާހް އެވެ.
ނަމަވެސް، މިސްރުގެ ލަނޑު، ލިބުނު ޕެނަލްޓީ ޖެހުން ފިޔަވައި ރަޝިއާގެ ގޯލައާ އަމާޒުކޮށް ފޮނުވާލަން އޭނާ އަށް ލިބުނީ އެންމެ ބޯޅަ އެކެވެ. ރަޝިއާ ޓީމުގެ ދެ ޑިފެންޑަރުން އޭނާ އަށް ހުރަސް އަޅަން މަސައްކަތް ކުރަމުން ދިޔައިރު ސަލާހް ފޮނުވާލި ބޯޅަ ގޯލައާ އަމާޒުވާ ގޮތެއް ނުވި އެވެ.
މެޗަށް ނިކުތުމުގެ ކުރިން، ރަޝިއާގެ ކޯޗް ސްޓަނިސްލާވް ޗެރިޗޭސޮވް ބުނީ، ސަލާހް ހުއްޓުވާނެ ގޮތް އޭނާ އަށް އެނގޭ ކަމަށާއި މެޗުގައި ކުޅުންތެރިން އެކަން ކުރާނެ ކަމަށެވެ. އެކަން ކުރަން ރަޝިއާގެ ޓީމުން އެޅި ފިޔަވަޅަކީ މިސްރުގެ ޓީމުގެ މިޑްފީލްޑްގެ ތެރެއިން ސަލާހްއަށް ބޯލަ ދިނުން ހުއްޓުވުމެވެ.
ފުރަތަމަ ހާފުގައި، ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދީވެސް ރަޝިއާއިންނެވެ. ފުރަތަމަ މެޗެކޭ އެއްގޮތަށް އެ ޓީމުގެ އެންމެ މުހިންމު އުކުޅަކީ އަރިމަތިން ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދޭ ހުރަސްތަކުން ނުރައްކާ ކުރުމެވެ.
ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ، ރަޝިއާ ޓީމުގެ ޑެނިސް ޗެރިޝޭވް އަށެވެ. އޭރިއާގެ ބޭރުން އޭނާ އަށް ލިބުނު ބޯޅަ ބާރު ސްޕީޑް ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ހުރަސް ދަނޑިއާ ފޫޓެއްހައި މަތިން ބޭރަށެވެ.
ރަޝިއާއިން ތަފާތު ގެނައީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނެޓްގައި އެ ޓީމުން ވަނީ ލީޑް ނަގާފަ އެވެ. އެ ޓީމުގެ ލަނޑަކީ މިސްރުގެ ކެޕްޓަން އަހްމަދު ފާތިހް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ރަޝިއާ ޓީމުގެ ރޯމަން ޒޮބްނިން ފޮނުވާލި ހަމަލާ، ފާތިހް މަސައްކަތް ކުރީ ދިފާއު ކުރާށެވެ. ނަމަވެސް އޭނާގެ ފަހަތުގައި ޒޫބާ ވިއްދާފައި ހުރުމުން އޭނާއަށް އެ ބޯޅައިގައި ރަނގަޅަށް ނުޖެހުމުން މިސްރާބު ބަދަލުވެގެން ގޮސް އެ ބޯޅަ ވަނީ އަމިއްލަ ޓީމުގެ ގޯލްގެ ތެރެއަށެވެ.
ރަޝިއާ ޓީމުގެ ދެ ވަނަ ލަނޑު މެޗުގެ 59 ވަނަ މިނެޓްގައި ޑެނިޝް ޗެރިޝޭވް ކާމިޔާބު ކުރީ ބްރެޒިލަށް އުފަން މާރިއޯ ފެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުސަތެއްގަ އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު އޭގެ ތިން މިނެޓް ފަހުން ކާމިޔާބު ކުރީ އާޓެމް ޒޫބާ އެވެ.
މެޗުގެ 73 ވަނަ މިނެޓްގައި ސަލާހް ކާމިޔާބު ކުރި ޕެނަލްޓީ އަކީ ރަޝިއާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އޭނާ ބޯޅައިގައި ޖަހަަޖހައި އޮއްވާ ރަޝިއާގެ އިގްނާޝިވިކް ސަލާހްގެ އަތުގައި ހިފައްޓައި އޭރިއާ ތެރެއަށް ވައްޓާ ލުމުންނެވެ.
އެއީ 28 އަހަރު ފަހުން އެނބުރި ވޯލްޑަކަޕަށް އައިސް މިސްރު ކާމިޔާބު ކުރި ހަމައެކަނި ލަނޑެވެ.