ހަބަރު

ފާރިސްއާ އެއްކޮށް ފަސް ހެކިވެރިއެއް، މާދަމާ އަޑުއެހުންތައް ނިންމާލާނެ

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންއާ ދެކޮޅަށް އުފުލާފައިވާ ޝަހުސު އޮޅުވާޅުމުގެ ދައުވާގެ ޝަރީއަތުގައި އޭނާއާ އެއްކޮޅަށް ފަސް ހެކިވެރިއަކު މިއަދު ހެކި ބަސް ދީފި އެވެ.

ފާރިސްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަހްސު އޮޅުވައިލުމުގެ ދައުވާއަކީ ގަވައިދާ ހިލާފަށް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކުރެއްވި ކަމަށް އުފުލާފައިވާ ދައުވާ އެކެވެ.

މިއަދުގެ ޝަރީއަތުުގައި އޮތީ ދިފާއުން ހުށަހަޅާފައިވާ ހެކިވެރީންގެ ހެކިބަސް ނެގުމެވެ. މިއަދު ފަސް ފަރާތެއްގެ ހެކިބަސް ނަގާފައިވާއިރު އޭގެ ތެރޭގައި ޕީޕީއެމްގެ އިސް މަގާމްތައް ފުރުއްވާފައިވާ ތިން ފަރާތަކާއި ދެ ނޫސްވެރިން ހިމެނެ އެވެ. މިއަދުގެ އަޑުއެހުމުގައި ހެކިބަސްދިން ހުރިހާ ފަރާތުންވެސް ވަނީ ފްރެސްގައި ފާރިސް ޕީޕީއެމްގެ ދިދައާ ލޯގޯ ބޭނުންކޮށްފައިނުވާ ކަމަށް ބުނެ ހެކިބަސްދީފަ އެވެ.

މިއަދުގެ ޝަރީއަތުގެ އެންމެ ފުރަތަމަ ހެކިބަސްދީފައިވަނީ މައުމޫންގެ ފެކްޝަންގެ ނައިބު ރައީސްއެއް ކަމަށްވާ އައިމިނަތު ނާދިރާ އެވެ. ޕީޕީއެމްގެ ކައުންސިލް މެންބަރުކަންވެސް ކުރައްވާފައިވާ ނާދިރާ ވިދާޅުވީ، ފާރިސް ދެއްވި ޕްރެސް އަށް ދިޔަ ކަމަށާއި އެ ޕްރެސްއަށް ދިޔައީ ޕީޕީއެމްގެ މެންބަރެއްގެ ހައިސިއްޔަތުން ކަމަށެވެ. އަދި ޕްރެސްގައި އެމްޑީޕީގެ ޕާލިއަމެންޓްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބުދުﷲ ރިޔާޒާއި ފާރިސްގެ އިތުރުން އަދާލަތު ޕާޓީގެ ފަރާތުން އަނާރާ ނައީމް ބައިވެރިވެވަޑައިގެންނެވި ކަމަށް ނާދިރާ ވިދާޅުވި އެވެ.

ދިފާއީ ވަކީލް އިބްރާހިމް ޝަމީލް ވަނީ ފާރިސް ބައިވެރިވީ ކޮން ހައިސިއްޔަތަކުންތޯ އަދި އެ ޕްރެސްގައި އެއްވެސް ދިދައެއް ނުވަތަ ލޯގޯއެއް ބޭނުން ކުރެއްވިތޯ ސުވާލުކޮށްފަ އެވެ. ނާދިރާ ވިދާޅުވީ، ފާރިސް ތަމްސީލް ކުރީ ރައީސް މައުމޫން ކަމަށާއި އެއީ ރައީސް މައުމޫން ސޮއި ކުރައްވާފައިވާ އެގްރީމެންޓް މީޑިއާއާ ހިއްސާ ކުރުމަށް ކަމަށެވެ. އަދި އެ ޕްރެސްގައި ޕީޕީއެމްގެ ދިދައެއް އަދި ލޯގޯއެއް ފާރިސް ބޭނުން ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީލް ވަނީ ޕްރެސްގައި ފާރިސް ވާހަކަދެއްކެވިއިރު ޕީޕީއެމް ތަމްސީލްކުރާ ކަމަށް ވިދާޅުވިތޯ ސުވާލް ކުރައްވާފަ އެވެ. ނާދިރާ ވިދާޅުވީ، އެންމެ ފަހަރަކުވެސް އެގޮތަށް ވިދާޅުވެފައިނުވާ ކަމަށެވެ.

ޕީޕީއެމުން ފާރިސް ވަކި ކުރުމަށް ނިންމެވިތޯ ސުވާލް ކުރުމުން ނާދިރާ ވިދާޅުވީ، އެފަދަ ކަމެއް ޕާޓީން ނިންމެވިކަން އެނގިފައިނުވާ ކަމަށާއި ފާރިސްއާ ގުޅޭ މައްސަލައެއް ސުލޫކީ ކޮމިޓީއަށް ހުށަހަޅައި ބަލާފައިވެސްނުވާ ކަމަށެވެ.

ދައުލަތުގެ ވަކީލް ވަނީ އެ ޕްރެސް ބޭއްވިިއިރު ޕީޕީއެމާއި ހަވާލުވެ ހުންނެވި ފަރާތާއި އެ ޕްރެސްގައި ޕީޕީއެމްގެ ދިދަ ފަހަތުގައި ހުރިތޯ އާއި ޕީޕީއެމް ތަމްސީލް ކުރުމަށް އެހެން ފަރާތަކުން އެ ޕްރެސްގައި ބައިވެރިވެފައިވޭތޯ ސުވާލް ކުރައްވާފަ އެވެ.

އެސުވާލްތަކަށް ޖަވާބުދެއްވަމުން ނާދިރާ ވިދާޅުވީ، އެވަގުތު ޕީޕީއެމްގެ އެންމެ އިސްފަރާތަށް ހުންނެވީ ރައީސް މައުމޫން ކަމަށެވެ. އަދި އެ ޕްރެސްގައި ޕީޕީއެމް ތަމްސީލް ކުރުމަށް ބޭފުޅަކު ބައިވެރިވިކަން އެނގިފައިނުވާ ކަމަށާއި ފާރިސްގެ ފަހަތުގައި ދިދައެއް ހުރިކަން އެނގިފައިނުވާ ކަމަށެވެ.

ދައުލަތުގެ ވަކީލްގެ ސުވާލުތައް ނިމުމުން ދިފާއީ ވަކީލް ޝަމީލް ވަނީ، ޕީޕީއެމްގެ ދިދައާ ލޯގޯ އަސާސީ ގަވާއިދާ ހިލާފަށް ބޭނުން ކުރި ކަމުގެ ޝަކުވާ ކުރިން ހުށަހަޅާފައިވޭތޯ ސުވާލުކޮށްފަ އެވެ. ނާދިރާ ވިދާޅުވީ، ތޯރިގް އިބްރާހިމް އަމިއްލަ ގޮތުން ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާއަށް ކުރިމަތި ލައިގެން އުޅުއްވި އިރު ޕީޕީއެމްގެ ލޯގޯއާ ދިދަ ބޭނުން ކުރެއްވި ކަމުގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.

ދެވަނައަށް ހެކިބަސް ދީފައިވަނީ ޕީޕީއެމްގެ އިސް މަގާމްތައް ފުރުއްވާފައިވާ އަބުދުﷲ އަލީމެވެ. އޭނާ ވިދާޅުވީ، ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވީ ފާރިސް ކަމަށް ލިޔުންތަކުން އެނގޭ ކަމަށެވެ. ވަކީލް ޝަމީލް ވަނީ މުސްތަޝާރުގެ ބާރުތަަކަކީ ކޮބައިކަން ސުވާލު ކުރައްވާފަ އެވެ. އަލީމް ވިދާޅުވީ، ޕީޕީއެމްގެ މުސްތަޝާރަކީ ޕާޓީ ހިންގުމުގެ އެއްވެސް ދައުރެއް އޮންނަ ފަރާތެއް ނޫން ކަމަށެވެ.

ދިފާއީ ވަކީލް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އަލީމް ވިދާޅުވީ، ޕާޓީގެ ކޮންމެ މެންބަރަކަށްވެސް ޕާޓީގެ ދިދައާ ލޯގޯ ބޭނުން ކުރެވޭނެ ކަމަށާއި ފާރިސްއަށް ވެސް އެހައްގު ލިބިގެންވާ ކަމަށެވެ. އަލީމަކީ ޕީޕީއެމްގެ ޑެޕިއުޓީ ސެކެޓަރީ ޖެނެރަލްގެ މަގާމްވެސް ފުރުއްވާފައިވާ ފަރާތެކެވެ.

ދިފާއީ ވަކީލް ވަނީ ޕްރެސްގައި ފާރިސް ތަމްސީލް ކުރެއްވި ކޮން ފަރާތެއްތޯ އާއި ދިދަ އަދި ލޯގޯ އެއް ބޭނުން ކުރެއްވިތޯ ސުވާލު ކުރައްވާފަ އެވެ. އަލީމް ވިދާޅުވީ، އެއްވެސް ލޯގޯއެއް އަދި ދިދައެއް ފާރިސް ބޭނުންކޮށްފައިނުވާ ކަމަށެވެ. ފާރިސް ތަމްސީލް ކުރީ ރައީސް މައުމޫން ކަމަށާއި އެއީ ރައީސް މައުމޫން ސޮއި ކުރައްވާފައިވާ އެގްރީމަންޓެއް މީޑިއާ ހިއްސާ ކުރެއްވުމަށް ބޭއްވި ޕްރެސްއެއް ކަމަށް އަލީމް ވިދާޅުވި އެވެ.

ދިފާއީ ވަކީލް ވަނީ ފާރިސް ވަކިކުރަން ނިންމި ކަން އެނގިފައިވޭތޯއާ އެފަދަ މައްސަލައެއް ހުށަހެޅިފައިވެތޯ ސުވާލް ކޮށްފަ އެވެ. އަލީމް ވިދާޅުވީ، އެފަދަ މައްސަލައެއް ރަސްމީ ހައިސިއްޔަތަކުން ކޮށްފައިނުވާ ކަމަށާއި ނަމަވެސް ސުލޫކީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި ފާރިސް ވަކި ކުރެއްވުމަށް ނިންމެވި ކަމަށެވެ. އެކަން ކުރައްވާފައިވަނީ ޕާޓީއަށް އެންގުމަކާނުލައި ކަމަށާއި އެއީ ބާތިލް ބައްދަލުވުމެއް ކަމުން ޕާޓީން އަމަލު ކުރަން ނުޖެހޭނެ ކަމަށެވެ.

ތިން ވަނަ އަށް ހެކިބަސް ދީފައިވަނީ ޕީޕީއެމް އުފެއްދުމުގައި ހަރަކާތްތެރިވި ފަރާތެކެވެ. އޭނާވެސް ވަނީ ޕްރެސްގައި ޕީޕީއެމްގެ ދިދައާ ލޯގީ ފާރިސް ބޭނުން ނުކުރައްވާ ކަމަށް ހެކިބަސްދީފަ އެވެ. އަދި ފާރިސް ތަމްސީލް ކުރެއްވީ ރައީސް މައުމޫން ކަމަށް އޭނާ ބުންޏެވެ.

އިތުރަށް ހެކިބަސް ނަގާފައިވަނީ ދެ ނޫސްވެރިއެއްގެ އެވެ. އެއީ ސަންގު ޓީވީގެ ވީޑިއޯ ޖާނަލިސްޓު އަހުމަދު މުހައްމަދާއި އޭރު ރާއްޖެޓީވީގައި މަސައްކަތްކުރި ނޫސްވެރިޔާ އަޒްމޫން އަހުމަދުގެ އެވެ. އެ ދެ ނޫސްވެރިން ވެސް ވަނީ ފާރިސް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ނުކުރައްވާ ކަމަށް ބުނެފަ އެވެ. އަދި ފާރިސް ތަމްސީލް ކުރެއްވީ ރައީސް މަައުމޫން ކަމަށް ހެކިބަސްދީފަ އެވެ.

ދައުލަތުން ފަހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އޭގެ ތެރެއިން އެއް ނޫސްވެރިއަކު ވަނީ ފާރިސްގެ ފަހަތުގައި ޕީޕީއެމްގެ ދިދައެއް ހުރި ކަމަށް ބުނެފަ އެވެ. ނަމަވެސް އެއީ ރައީސް މައުމޫން ތަމްސީލް ކުރެއްވުމަށް ބަހައްޓާފައިވާ ދިދައެއްކަން ފާރިސް ޕްރެސްގައި ދެއްކެވި ވާހަކަފުޅުން ދޭހަވާ ކަމަށް އޭނާ ބުންޏެވެ.

މިއަދުގެ ޝަރީއަތް ފެށުމުގެ ކުރިން ދިފާއުން ވަނީ އިތުރު އަށް ފަރާތެއްގެ ހުކިބަސް ނެގުމަށް ހުށަހަޅުއްވާފަ އެވެ. އޭގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނަރަލް އާއިޝަތު ބިޝާމާއި ބަންޑާރަ ނައިބު މުހައްމަދު އަނިލްއާ ފުލުހުންގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒްގެ އިތުރުން ކުރީގެ ސީޕީ އަހުމަދު އަރީފް ހިމެނެ އެވެ.

ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ވަނީ އެކަށީގެންވާ ފަރާތްތަކުގެ ހެކިބަސް ނެގިފައިވާ ކަމަށާއި އިތުރަށް އެހެން ފަރާތެއްގެ ހެކިބަސް ނަގަން ނުޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މާދަމާ 1:30 ގައި މި މައްސަލައިގެ އެންމެ ފަހު އަޑުއެހުން، ހުލާސާ ބަޔާން އިއްވުން އޮންނާނެ ކަމަށް ވިދާޅުވެ މިއަދުގެ ޝަރީއަތް ވަނީ ނިންމާލައްވާފަ އެވެ.