ޖަޕާން އަތުން ކޮލަމްބިއާ 2-1 ބަލިވި މެޗުގައި، މިއަހަރުގެ ވޯލްޑްކަޕުގެ ފުރަތަމަ ރަތް ކާޑު ކޮލަމްބިއާގެ ކާލޯސް ސަންޗޭޒްއަށް ދައްކައިފި އެވެ.
މެޗު ފެށިގެން ތިން ވަނަ މިނެޓްގައި، ޖަޕާންގެ ޝިންޖީ ކަގާވާ، ކޮލަމްބިއާގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ކާލޯސް ސަންޗޭޒް ވަނީ ބޯޅައިގައި ގަސްތުގައި އޮތްލާފަ އެވެ. ގަސްތުގައި ބޯޅައިގައި އަތް ލުމުން މެޗުގެ ރެފްރީ ވަނީ ކާލޯސް ސަންޗޭޒް އަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.
ޖަޕާނަށް ލިބުނު ޕެނަލްޓީން، މެޗުގެ ހަ ވަނަ މިނެޓްގައި ލަނޑު ކާމިޔާބު ކުރީ ކަގާވާ އެވެ. އޭނާ ގޯލްތެރެއަށް ބޯޅަ ފޮނުވާލީ، ކޮލމްބިއާގެ ކީޕަރު ޑޭވިޑް އޮސްޕީނާއަށް ވެސް އޮޅުވާލުމަށް ފަހު އެވެ.
ކޮލަމްބިއާ އިން އެއް ކުޅުންތެރިޔަކު މަދުވި ނަމަވެސް، ފުރަތަމަ ހާފުގައި އެ ޓީމުން އެހާބޮޑަށް އެތަން ފެނިގެން ނުދިޔަ އެވެ. ކޮލަމްބިއާއިން ވަނީ ޖަޕާންގެ ފަހަތަށް ބާރު ބޮޑު ކޮށްފަ އެވެ.
ކޮލަމްބިއާގެ ލަނޑު މެޗުގެ 39 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކުރީ ހުއާން ކްއެންޓްރާއޯ އެވެ. ޖަޕާންގެ ޕެނަލްޓީ އޭރިއާގެ ކަނާ ދިމާލުން ލިބުނު ހިލޭ ޖެހުން، ތިރިތިރިން އޭނާ ފޮނުވާލި ބޯޅަ ގޯލް ތެރެއަށް ވަނެވެ. ޖަޕާންގެ ކީޕަރު އިޖީ ކަވަށިމާ އެބޯޅަ ނެރުނީ ގޯލް ލައިން އެތެރެއިންނެވެ. ގޯލް ލައިން އެތެރެއިން ބޯޅަ ނެރުމަށް ފަހު ކަވަށިމާ ވަނީ ގޯލަށް ބޯޅަ ނުވަންްނަ ކަމަށް އެޕީލްކޮށްފަ އެވެ. ނަމަވެސް ގޯލްލައިން ޓެކްނޮލަޖީން ދެއްކީ ގޯލްގެ ލައިން އެތެރެއަށް ބޯޅަ ވަދެފައިވާ ކަމަށެވެ.
ކޮލަމްބިއާއަށް މައްސަލަ ކުރިމަތިވީ، ދެ ވަނަ ހާފުގަ އެވެ. ޖަޕާނުން ވަނީ ދެ ވަނަ ހާފުގައި ރަނަގަޅު ހަމަލާތަކެއް ކޮލަމްބިއާގެ ގޯލަށް ފޮނުވާލާފަ އެވެ.
ޖަޕާންގެ މޮޅު ކޮށްދިން ލަނޑު މެޗުގެ 73 ވަނަ މިނެޓްގައި ޔުޔާ އޮސާކާ ކާމިޔާބު ކުރީ ހޮންޑާ ނަގައިދިން ބޯޅަ ބޮލުން ގޯލްތެރެއަށް ފޮނުވާލައިގެންނެވެ. މުޅި ކޮލަމްބިއާގެ ޓީމު ޑިފެންސްގައި ތިއްބައި އޮސާކޯ ގޯލްތެރެއަށް ފޮނުވާލީ އޭނާ ވެސް މާކު ކޮށްގެން ހުއްޓަ އެވެ.
ކޮލަމްބިއާގެ ތަރި ހަމޭސް ރޮޑްރިގޭޒް ކުޅެން ނިކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައެވެ. އޭނާ ކުޅެން ނިކުތުމުން ޖަޕާންގެ ފަހަތަށް ބާރު ބޮޑު ކުރި އެވެ. ޕެނަލްޓީ އޭރިއާގެ ތެރެއިން އޭނާ ފޮނުވާލި ބޯޅައަށް ހުރަސް އެޅީ ޖަޕާންގެ ޔޫތޯ ނަގަމޯޓާއެވެ. ހަމޭސް ބޯޅައިގައި ޖަހަޖަހައި އޮތްއްވައި ނަގަމޯޓޯ ވަނީ އެ ބޯޅައަށް ފައި ދިއްކޮށް ބޯޅަ ކޯނަރަކަށް ބޭރުކޮށްލާފަ އެވެ.