ރިޕޯޓް

ޓޫރިޒަމްގެ ރަނގަޅު ބަދަލު ބުނެދޭ ނަމްބަރުތައް!

Jun 20, 2018
6

ރާއްޖޭގެ ޓޫރިޒަމްގެ "އޮފް ސީޒަން" ކަމަށްވީ ނަމަވެސް ޓޫރިޒަމް މިނިސްޓްރީން އާއްމުކުރާ ތަފާސް ހިސާބުތަކުން ދައްކަނީ ޓޫރިސްޓުން އިތުރުވާ މިންވަރެވެ. ނަމަވެސް މި ހިސާބުތަކާމެދު ޝައްކު ކުރާ ބަޔަކުވެސް އެބަތިއްބެވެ. އެމީހުންގެ ނަޒަރުގައި މި ހިސާބުތައް ދިމަލެއް ނުވާނެ އެވެ. ޓޫރިޒަމް އޮތީ ވަރަށް ދަށުގަ އެވެ. އެހެންވެ ބަލައިލަން ޖެހެނީ ވޭތުވެދިޔަ ހަތަރު ވަރަކަށް އަހަރުގެ ތަފާސް ހިސާބު ތަކަށެވެ. ޓޫރިޒަމަށް އައި ބަދަލު އެނގެނީ މި ހިސާބުތަކުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ހަވާލާއިރު ފުރަތަމަ ބަލައިލަން ޖެހެނީ 2013 ވަނަ އަހަރަށެވެ. ޓޫރިޒަމްގެ ދަށް މޫސުން ނުވަތަ ދުވަސް ވަރަކީ އެޕްރީލް އަދި މެއި މަހެވެ. ދެހާސް ތޭރަ ވަނަ އަހަރުގެ މެއި މަހު 79،426 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މިއީ ދެހާސް ބާރަ ވަނަ އަހަރުގެ މެއި މަހު އައި 63،534 މީހުންނާ އަޅާ ބަލާއިރު 25 ޕަސެންޓް އިތުރު ވުމެކެވެ.

ދެން، އޮތީ 2014 ވަނަ އަހަރުގެ މެއި މަހެވެ. މި މަހު ރާއްޖެއަށް 91,296 މީހުން ވަނީ އައިސްފައިވެ އެވެ. މި އަދަދަކީ 2013 ވަނަ އަހަރު އައި 79,426 މީހުންނާ އަޅާ ބަލާއިރު 14.9 ޕަސެންޓް އިތުރު ވުމެކެވެ. އަދި 2015 ވަނަ އަހަރުގެ މެއި މަހު ރާއްޖެއަށް 95,389 މީހުން އައިސްފައިވެ އެވެ. މި އަދަދަކީ 2014 ވަނަ އަހަރު އައި 91,296 މީހުންނާ އަޅާ ބަލާއިރު 4.5 ޕަސެންޓް އިތުރުވުމެކެވެ. ނަމަވެސް މެއި މަހު އަންނަ ޓޫރިސްޓުންގެ އަދަދު ދަށަށް ދާން ފަށާފައިވަނީ 2016 ވަނަ އަހަރުން ފެށިގެންނެވެ.

ދެހާސް ސޯޅަވަނަ އަހަރުގެ މެއި މަހު ރާއްޖެއަށް 93,228 މީހުން އައިސްފައިވެ އެވެ. މި އަދަދަކީ އޭގެ ކުރީ އަހަރު އައި 95,389 އާ އަޅާ ބަލާއިރު 2.3 ޕަސެންޓުގެ ދަށްވުމެކެވެ. އަދި މިދިޔަ އަހަރު އައިސްފައިވަނީ 93,491 މީހުންނެވެ. މިއީ އޭގެ ކުރީ އަހަރު އައި 93,228 މީހުންނާ އަޅާބަލާއިރު 0.3 ޕަސެންޓުގެ ކުޑަ އިތުރުވުމެކެވެ. އަދި މިދިޔަ މަހުވެސް މިވަނީ އައި ޓޫރިސްޓުންގެ އަދަދު ދަށަށް ގޮސްފަ އެވެ.

ސުވާލަކީ މީގެ ހަތަރު ވަރަކަށް އަހަރާ އަޅާ ބަލާއިރު މި މުއްދަތުގައި ޓޫރިޒަމަށް މިވަރުގެ ވެއްޓުމެއް އައީ ކީއްވެގެން ހެއްޔެވެ؟

މީގެ މައިގަނޑު އެއް ސަބަބަކީ ސިޔާސީ ގޮތުން ގައުމު ހަލަބޮލިވުމެވެ. އަދި މި އަހަރު މިހާރު ޓޫރިޒަމްގެ ދަށްވުން ފާހަގަ ވެގެންދަނީ މި އަހަރުގެ ކުރީކޮޅު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އައި ކެންސަލޭޝަންގެ އަސަރެވެ. އޭރުވެސް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ދިޔައީ މި ދުވަސްވަރު ޓޫރިޒަމް ދަށްވާނެ ކަމަށް ބުނަމުންނެވެ. އަދި ސަރުކާރުން ވެސް ވަނީ އެކަމަށް ތައްޔާރު ވެސް ވެފަ އެވެ. ނަމަވެސް މަހެއްހާ ދުވަހަށް ދިގު ދައްމާލި ކުއްލި ނުރައްކަލުގެ ހާލަތާއެކު މިވަނީ މެއި މަހުގެ ޓޫރިޒަމް ވެއްޓިފަ އެވެ. އެކަމަކު ޖުމްލަ ނަމްބަރުން ދައްކަނީ ޓޫރިޒަމް ކުރިޔަށް ޖެހިފައިވާތީ އެވެ.