ސެޕްޓެމްބަރު 29، 2007 ވަނަ ދުވަހުގެ މެންދުރުފަހު މާލޭގެ ސަލްޓަން ޕާކްގައި ދިން ޓެރަރިސްޓް ހަމަލާއެއްގައި ބޮމެއް ގޮއްވާލައި ޓޫރިސްޓުންތަކެއް ޒަހަމްކޮށްލި އެވެ. ޓެރަރިސްޓް އެ ހާދިސާއިން އެންމެންގެ ހިތަށް ބިރުވެރިކަން ވަދެގެން ދިޔަ އެވެ. އެއީ ރާއްޖޭގެ ފަހުގެ ތާރީހުގައި އެގޮތަށް ބޮމެއް ނުވަތަ އައިޑީއެއް ހަދައި ގޮއްވާލި ފުރަތަމަ ދުވަހެވެ. ރާއްޖެއަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ "ހޮޓް ސްޕޮޓް" އެއް ކަމަށްވާ ސަލްޓަން ޕާކުގައި ގޮއްވާލި އައިޑީގެ ސަބަބުން 12 ޓޫރިސްޓަކު އެކި ވަރަށް ޒަހަމްވެފައި ވެއެވެ. އެ ހަމަލާ އަށް 14 އަހަރު ފުރިފައި ވަނިކޮށް އަނެއްކާ ވެސް އެފަދަ ޓެރަރިސްޓް ހަމަލާއެއް ރާއްޖޭގައި މިވަނީ ދީފަ އެވެ. މިފަހަރު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ގޮއްލާލި، ގޮވުމާއެކު އެ "ބޮމު" ގެ ބިރާއި އަޑު ވަނީ މުޅި ދުނިޔޭގެ ހުރިހާ ހިސާބަކަށް ފޯރާފަ އެވެ.
މި ހަމަލާގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ނުރަނގަޅު އަސަރެއް ކުރާނެ އެވެ. ކޮވިޑާ ހެދި މިހާރު ވެސް ހުއްޓިފައިވާ ރާއްޖޭގެ އިގްތިސޯދު އިތުރަށް ގަނޑުވާނެ އެވެ. ރައީސް ނަޝީދަށް ދިން ހަމަލާގައި ބޮޑެތި ޒަހަމްތައް ލިބި ވަޑައިގެންނެވި ނަމަވެސް އެ މަނިކުފާނު އަވަހާރަނުވެ އިރާދަކުރައްވައިގެން ސަލާމަތްވެ ވަޑައިގެންފި އެވެ. އެކަމަކު އެ ހަމަލާގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އޮތް ގެއްލުން ކުޑައެއް ނުވާނެ އެވެ. ރައީސް ނަޝީދަށް އަމާޒުކުރި ހަމަލާގެ އިކޮނޮމިކް އިމްޕެކްޓް ނުވަތަ "އިގްތިސޯދީ ޒަހަމް" ފަސޭހަ ވާން ދުވަސް ނަގާނެ އެވެ. އަދި މި ހަމަލާ އާއިރު މިހާރު ވެސް ކޮވިޑާ ހެދި ހާލާކުވެފައިވާ ރާއްޖޭގެ ޓޫރިޒަމް އިތުރަށް ދިމާ ދިމާއިން ވީދައިގެން ދާނެ އެވެ.
ރާއްޖެ މާކެޓު ކުރުމުގެ ޒިންމާ އުފުލާ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވި ގޮތުގައި މި ފަދަ ކޮންމެ ހަމަލާއަކުން ރާއްޖޭގެ ޓޫރިޒަމަށް ކުރާ އިމްޕެކްޓް ވަރަށް ބޮޑުވެ އެވެ.
"މީގައި ކުރަން ޖެހޭނެ ކަމަކީ މިކަމުން [ހަމަލާއިން] ކުރާނެ އިމްޕެކްޓް މިނިމައިޒް ކުރަން މަސައްކަތް ކުރުން،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމަަށް އަންނަ އަހަރު ބައި ގަރުނުވެ ރަންޔޫބީލް ފާހަގަ ކުރާނެ އެވެ. އެ މުނާސަބު އަހަރާއި ވަގުތުކޮޅާ ދިމާއަށް ރާއްޖެ ދަތުރު ކުރާއިރު ރާއްޖެ އަންނަން ތިބި މީހުން ބިރު ގަންނާނެ ކަންކަން ރާއްޖޭގެ ފަސްގަނޑުގައި ކުރިމަތިވެފައި ވެއެވެ. ނަމަވެސް ޓެރެރިސްޓް ހަމަލާތައް ދީ ޖާނު ގޮއްވާލައިގެން ބޮމުގެ ހަމަލާތައް ދޭ ހިސާބަށް ރާއްޖޭގެ ކަންކަން ގޯސްވެފައެއް ނުވެ އެވެ.
ފަހުގެ ތާރީހުގައި ރާއްޖޭގައި މިހާތަނަށް ހިންގި އެފަދަ ފުރަތަމަ ހާދިސާއަކީ ސަލްޓަން ޕާކް ބޮމުގެ ހާދިސާ އެވެ. އެފަދަ އަނެއް ހަމަލާއަކީ ރައީސް އަބްދުﷲ ޔާމީން އަވަހާރަ ކޮށްލަން ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި ބޮމެއް ގޮއްވާލުމެވެ. މި ދެ ހާދިސާ ވެސް ވީ ދުނިޔޭގައި ރާއްޖޭގެ ޓޫރިޒަމް ބްރޭންޑަށް އުނިކަން ގެނެސްދިން ދެ ހާދިސާއަށެވެ. ރާއްޖޭގެ އިމޭޖު ބަދަލުވި އެވެ. އިގްތިސޯދަށް ގެއްލުންވި އެވެ.
ދުނިޔޭގެ އެއް ނަމްބަރު ބްރޭންޑަށް ވާން އެއް ނަމްބަރު ޑެސްޓިނޭޝަންގެ ގޮތުގައި އޮންނަން ރާއްޖެއިން ދުނިޔެއަށް ވިއްކާ މަޝްހޫރު ކޮށްފައިވާ އެންމެ މުހިންމު އެއްޗަކީ "ސުލްހަވެރި" ކަމާއި "އަމާން" ކަމެވެ. ނަމަވެސް މި މަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއެކު ދުނިޔެ އިން ރާއްޖެއާމެދު ދެކޭ ގޮތާމެދު ބަދަލުތަކެއް އަންނާނެ އެވެ. އަދި އޭގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ރާއްޖޭގެ ޓޫރިޒަމް އަށެވެ.
ތަޖުރިބާކާރުން ގަބޫލު ކުރައްވާ ގޮތުގައި އެ ހަމަލާގެ އިގްތިސޯދީ އިމްޕެކްޓް ރާއްޖެއިން ފިލުވާލުމަކީ އެހާ ފަސޭހަ ކަމަށް ނުވާނެ އެވެ. މައިގަނޑު ސަބަބަކީ ހަމަލާގެ އަމާޒު ފަތް ގަނޑަކަށްވެ ވަޑައިގެންނެވި ބޭފުޅާ ޕްރޮފައިލެވެ. އެ މަނިކުފާނުގެ ޕޮރޮފައިލް ދުނިޔޭގައި ވަރަށް ބޮޑެވެ. އޭގެ ސަބަބުން ދުނިޔޭގެ މީޑިއާގައި އެ ވާހަކަތައް ގެނެސްދޭ ގޮތާއި މިންވަރު އެފަދަ އެހެން ހާދިސާތަކާ އަޅާބަލާއިރު އެތައް ތަނަކުން އިތުރުވެފައި ވުމެވެ.
ޓޫރިޒަމް ސިނާއަތުގައި އޮންނަ ލެޓްސްގް ކުންފުނީގެ ވެރިޔާ، މުހައްމަދު ރިޔާޒު ގަބޫލު ކުރައްވާ ގޮތުގައި އޮތް އެންމެ ބޮޑު ނުރައްކަލަކީ ޓެރަރިޒަމްގެ ބިރު އޮވެ ގިނަ ގައުމުތަކުން ރާއްޖެއަށް ދަތުރު ނުކުރަން ރެޑްނޯޓިސް ނެރެން ފެށުމެވެ.
"މިހާރު ރާއްޖެއަށް އެންމެ ގިނައިން މި އަންނަނީ ރަޝިއާ މީހުން. އެ މީހުން ދުނިޔޭގެ އެހެން ގައުމުތަކުގެ މީހުންނާ އަޅާ ބަލާއިރު ބިރު ކުޑަ ބައެއް. އެކަމަކު ޓެރެރިޒަމާއި ބޮން ގޮއްވުން ތަކުރާރު ވާނަމަ ގައުމުތަކުން ރެޑް ނޯޓިސް އިޝޫ ކުރާނެ، އެހެން ވާން ފަށައިިފިނަމަ އެއީ ބޮޑު މައްސަލައެއް،" ރިޔާޒު ވިދާޅުވި އެވެ.
އެންމެ ޓޫރިސްޓެއް މަދުވިޔައަސް އެންމެ ބޮޑު އިމްޕެކްޓެއް އަންނަނީ ޓޫރިޒަމް ސިނާއަތުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ. އިކޮނޮމިކް އިމްޕެކްޓުގެ ލޮޅުން އެންމެ އަވަހަށް ފޯރަނީ ވިޔަފާރީގެ 70 ޕަސެންޓް ހިއްސާ ކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ. ބޮމުގެ ހަމަލާއަށް ފަހު އެކަން މިހާރު ވެސް ޓޫރިޒަމުން ފާހަގަވާން ފަަށާފައި ވެއެވެ.
އެސްއެމްއީ ފެޑަރޭޝަންގެ ރައީސް އަބްދުއް ލަތީފު ވިދާޅުވި ގޮތުގައި ނަޝީދަށް ދިން ހަމަލާ އައީ ވެރިރަށް މާލޭގައި ކަމަށް ވުމީ ވަރަށް ގިނަ ޓޫރިސްޓުން ސުވާލު އުފައްދާނެ ކަމެކެވެ.
"ކެޕިޓަލް ސިޓީގެ މެދަށް މި ހަމަލާ މިއައީ. އަނެއްކާ ހަމަލާ އަމާޒުވީ ރައީސް ނަޝީދަށް، މިއީ މިކަން ބޮޑުވާނެ ސަބަބު! މީގެ ސަބަބުން ރާއްޖެ ގައުމުތަކުގެ ރެޑް ލިސްޓަށް ލަމުން ގެންދަނީ!" ލަތީފު ވިދާޅުވި އެވެ.
އެންމެ ދުވަސްވީ އެއް ޓުއާ އޮޕަރޭޓަރު ކަމަށްވާ ކެޕިޓަލް ޓްރެވަލްގެ ވެރިޔާ ޔޫސުފު ރިފްއަތު ވިދާޅުވި ގޮތުގައި ރާއްޖެއަކީ ސުލަހަވެރި އަދި އަމާން ތަނެއް ނޫންކަމުގެ އިހުސާސް ވާނަމަ އެއްވެސް މީހަކު އަންނާކަށް ބޭނުމެއް ނުވާނެ އެވެ.
"ރާއްޖެ އަންނަ ޓޫރިސްޓު މީހާގެ ސިކުނޑީގައި އޮންނާނެ ކޮންމެ ފަދަ ތަނެއްގައި ވެސް ބޮމެއް ގޮއްވާފާނެކަން، އެއީ ދަތުރުވެރިންގެ އޮންނާނެ ބިރުވެރި ކަމެއް، ރާއްޖޭގައި ނެތް ކަމަކީ އެއީ އެކަމަކު އެކަން މި ބަދަލުވަނީ" ރިފްއަތު ވިދާޅުވި އެވެ.
ދުނިޔޭގައި ރާއްޖެއަކީ އަމާން ތަނެއްގެ ގޮތުގައި މަގުބޫލުވެފައި އޮތުމުން ރާއްޖެ އަންނަން މުއްސަނދީންނާއި ހައި ޕްރޮޕައިލް މީހުނާއި މަޝްހޫރު މީހުން ބޭނުންވެ އެވެ. ރާއްޖެއަކީ އަމާން ތަނެއްގެ އިތުުރުން ރާއްޖެއަކީ އެމީހުންނަށް އެންމެ މަތީ ފެންވަަރަށް ޕްރައިވެސީ ވެސް ލިބޭ ތަނެއްގެ އިހުސާސް އޮވެ އެވެ. އެހެންވެ ކޮންމެ އަހަރަކު ހައި ޕްރޮޕައިލް އެތަށް ބަޔަކު ރާއްޖެ އާދެ އެވެ. ނަމަވެސް އެންމެ ފަހުގެ ބޮމުގެ ހަމަލާއާ ގުޅިގެން އެފަދަ ގިނަ ފަރާތްތަކެއް ތިބީ ސިހުމެއްގެ ތެރޭގަ އެވެ. އެކަން ދެމިގެން ދާނެ އެވެ.
ރާއްޖެއަށް ޕްރައިވެޓް ޖެޓުގައި އަންނަ ގިނަ ބަޔަކަށް ހިދުމަތްދޭ ސްކައިޓުއާސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޒިމް ވިދާޅުވި ގޮތުގައި ރައީސް ނަޝީދު އަވާހަރަ ކޮށްލަން ދިން ހަމަލާގެ ސަބަބުން ކެންސަލޭޝަން އަދި މަދެވެ. ނަމަވެސް ކަންބޮޑު ވެގެން ސުވާލު ކުރުން ގިނަ އެވެ.
ރައީސް ނަޝީދަށް އަމާޒު ކުރި ބޮމުގެ ވަރުގަދަ ހަމަލާގެ ސަބަބުން އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ގެއްލުމާއި ޒަހަމްތައް މިހާރު މުޅި ދުނިޔެ އަށް ވަނީ އެނގި ސާފުވެފަ އެވެ. އަދި އެ ހަމަލާ ގުޅިފައިވަނީ ދުނިޔޭގައި ހިންގާ އެފަދަ އެހެން ހާދިސާތެކޭ އެއް ވިސްނުމާ ކަން ވެސް ތަހުގީގުން މިހާތަނަށް ހާމަވެފައި ވެއެވެ.
ހަމަލާއާ ގުޅިގެން ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. މިއީ ރާއްޖޭގައި ނުހިނގާ ކަމަކަށް ހެދޭނެ ގޮތެއް ނެތެވެ. ދެން އޮތީ ނުކުންނާނެ އިމްޕެކްޓް ކުޑަ ކުރުމެވެ. އިކޮނޮމިކް އިމްޕެކްޓް ކުޑަ ކުރަން ކުރެވޭނީ ވެސް ކޮން ކަމެއް ހެއްޔެވެ؟
ގިނަ ފަހަރަށް ވިދާޅުވެވޭ ވާހަކަތަކުގެ ސަބަބުން އަބަދު ފާޑުކިޔުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމްގެ ޖިއޮގްރެފިކްލް އެޑްވާންޓޭޖުގެ މައުލޫމާތު ގެންދަވަނީ ބޭރަށް ދެއްވަމުންނެވެ.
"މިކަހަލަ ހައި ޕްރޮފައިލް ބޭފުޅަކަށް ކަމެއް ދިމާވީމަ އިންޕެކްޓް ވަރަށް ބޮޑުވާނެ. ދެން އޮތީ މިފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން އެންމެން ގުޅިގެން މަސައްކަތް ކުރުން. މިހާރު ވެސް މައުލޫމާތު ދެމުން ގެންދަނީ ފަތުރުވެރިކަމުގެ އިންފްރާސްޓްރަކްޗާ މި އޮންނަނީ ވަކިން ކަމަށް... މި ކަމެއް ދިމާވީ ކެޕިޓަލް ސިޓީގައޭ،" މައުސޫމް ވިދާޅުވި އެވެ.
ހަމަލާގެ ތަހުގީގު ކުރިޔަށްދާއިރު ދުނިޔެ ބަލައިގެން އޮތީ މި މަސައްކަތް ރާއްޖެއަށް ފުރިހަމަ ކުރެވޭ ގޮތެކެވެ. ބޭރުގެ ޓުއާ އޮޕަރޭޓަރުން މީހުން ފޮނުވުމުގެ ކުރިން ހޯދަން ބޭނުންވާ ޔަގީން ކަމަކަކީ އެއީ އެވެ. ކޮންމެ ގޮތަކަށް ކަން ހިނގިއަސް މިހަމަލާގެ އިމްޕެކްޓް ރާއްޖޭގެ އިގްތިސޯދުން ފިލައިގެންދާން ދުވަސް ތަކެއް ނަގާނެ އެވެ. އަދި މިކަންވާނީ ދިވެހިންގެ އެންމެންނަށް ކުރާނެ އަސަރަކަށެވެ.