އަލީ އަޝްފާގު (ދަގަނޑޭ)

ޓޮޓެންހަމްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ދަގަނޑޭ އަށް ޕޮޕޯފްގެ ހާއްސަ މެސެޖެއް

އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް ލިބުމުން އެކަމާ އެންމެ އުފާވި އެކަކީ ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު ވެލީޒާ ޕޮޕޯފް އެވެ. މި ފުރުސަތުގެ ބޭނުން ހިފައި، ޓޮޓެންހަމްއާ ދެކޮޅަށް ކުޅެ މެޗުައި ދަގަނޑޭ މޮޅު ކުޅުމެއް ދައްކާނެ ކަމަށް ޕޮޕޯފް އުންމީދުކުރެ އެވެ. އެހެންވެ އެ މެޗުގެ ކުރިން ޕޮޕޯފް ވަނީ ދަގަނޑޭ އަށް ހާއްސަ މެސެޖެއް ދީފަ އެވެ. މެޗުގެ ކުރިން ޕޮޕޯފް ދަގަނޑޭ އަށް މި މެސެޖް ދިނީ ދިވެހި ބަހުންނެވެ.

"ދަގޭ، ދަރިފުޅާ،" ގައުމީ ޓީމުގެ ތަމްރީނު ދަތުރުގައި މި ވަގުތު ދެކުނު ކޮރެއާގައި ހުރި ޕޮޕޯފް ޓީވީއެމް އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ. "ދެ ގޯލް ޖަހާފައި. ހެރީ ކޭންގެ ޖޯޒީ ހިފައިގެން، އިންޖަރީ ނުވެ މާލެ އައިސް، ގަތަރު މެޗު ކުޅެން ތައްޔާރުވޭ. ގުޑް ލަކް."

މި މެޗުގެ ކުރިން ދިން އިންޓަވިއުއެއްގައި ޕޮޕޯފް ބުނެފައިވަނީ މިއީ ދަގަނޑޭ އަށް ހައްގު ފުރުސަތެއް ކަމަށެވެ.

"އަޝްފާގަށް އިންގްލެންޑްގެ އެންމެ ބޮޑު އެއް ކްލަބާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ލިބުމުން އަހަރެން ވަރަށް އުފާވި. މިއީ އަޝްފާގަށް ހައްގު ފުރުސަތެއް،" ޕޮޕޯފް ބުންޏެެވެ. "އަޝްފާގްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެންނަނެ ކަމަށް އުންމީދުކުރަން. ދިވެހިން ފަހުރުވެރިވާ ފެންވަރުގެ ކުޅުމެއް އޭނާ ދައްކާނެ ކަމަށް އުންމީދުކުރަން."

ޕޮޕޯފް ބުނީ ދަގަނޑޭ ،29، އަކީ ދުނިޔޭގެ އެންމެ ބޮޑެތި ލީގުތަކުގައި ކުޅެވޭ ފެންވަރުގެ ކުޅުންތެރިއެއް ކަމަށް ގަބޫލްކުރާ ކަމަށެވެ.

"ނިއުގައި 2013 ވަނަ އަހަަރު އަހަރެން މަސައްކަތްކުރަން ފެށިއިރުންސުރެ ޔޫރަޕާއި އޭޝިއާގެ ބޮޑެތި ކްލަބުތަކުން އަޝްފާގަށް ފުރުސަތު ހޯދައިދޭން އަހަރެން މަސައްކަތްކުރިން. އަދި އޭގެ ފަހުން (އޮމާންގެ) ސުރް ސްޕޯޓްސް ކްލަބާއި (ތައިލޭންޑްގެ) ސުޕަންބުރީ އަށް އަހަރެން ކޯޗުކޮށްދިންއިރު ވެސް އަޝްފާގް ގެންނަން އަހަރެން މަސައްކަތްކުރިން،" ޕޮޕޯފް ބުންޏެވެ. "އެކަމަކު އޭރު އަޝްފާގް ބޭނުންވީ ރަނގަޅު ފުރުސަތެއް ލިބެންދެން މެލޭޝިއާގައި މަޑުކުރަން. މިހާރު މި އޮތީ އަޝްފާގަށް އޭނާގެ ހުނަރު ދައްކާލަން ރަނގަޅު ފުރުސަތެއް ލިބިފައި. މި މެޗު ބަލާ ކޮންމެ މީހަކަށް ވެސް އަޝްފާގްގެ ހުނަރު ފެންނަނެ ކަމަށް އުންމީދުކުރަން. އަޝްފާގަކީ އެންމެ ބޮޑެތި ލީގުތަކުގައި ކުޅެވޭ ފެންވަރުގެ ކުޅުންތެރިއެއް."

މެލެޝިއާ ލީގުން ހޮވާލެވޭ ޓީމާއި ޓޮޓެންހަމް ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު 1745ގަ އެވެ. މި މެޗު ޓީވީއެމް އާއި ދިޓީވީ އަދި ރާއްޖެ ޓީވީން ލައިވްކުރާނެ އެވެ.