ބޮލީވުޑް

ކަންގަނާއަށް އަނެއްކާވެސް އާނޫރާގް ބާސޫގެ ފިލްމެއް

މަޝްހޫރު ޑައިރެކްޓަރު އަނޫރާގް ބާސޫގެ ފިލްމަކުން ކަންގަނާ ރަނާއުތު ނުފެންނަތާ މިހާރު 12 އަހަރުވެއްޖެ އެވެ. އާނޫރާގަކީ ފިލްމު "ގޭންގް ސްޓާރް" އިން ކަންގަނާ ބޮލީވުޑަށް ތައާރަފުކޮށްދިން ޑައިރެކްޓަރެވެ. އަނޫރާގްގެ ފިލްމެއް ކަމަށްވާ "ލައިފް އިން މެޓްރޯ" އިންވެސް ކަންގަނާ ފެނިގެންދިޔަ އެވެ.

އޭގެ އަހަރުތަކެއް ފަހުން މި ދެ ފެންނާނުން އެކުގައި ދެން މަސައްކަތް ކުރާނެ ފިލްމެއް މިހާރު އަނޫރާގް ވަނީ އިއުލާނުކޮށްފަ އެވެ. ކަންގަނާ ފެނިގެންދާނީ އަނޫރާގް ތައްޔާރުކުރާ ލޯބީގެ ފިލްމެއް ކަމަށްވާ "އިމަލީ" އިންނެވެ. ބަތަލަކަށް ފިލްމުގައި ފެނިގެންދާނެ ތަރިއަކު އަދި ހާމަކޮށްފައެއް ނުވެ އެވެ.

މި އަހަރު ފަހުކޮޅު ޝޫޓިން ފަށާ މި ފިލްމާއި ބެހޭގޮތުން "މިރަ" އަށް ދިން އިންޓަވިއުއެއްގައި ކަންގަނާ ބުނީ ފިލްމާއި ބެހޭގޮތުން މާ ތަފްސީލުކޮށް ވާހަކަ ދައްކަން އަދި މާ އަވަސް ކަމަށެވެ.

"ބުނެވެން އޮތްހާވެސް އެއްޗަކީ އަހަރެންނަށް މިއަދު މި ހިސާބަށް މި އާދެވުނީ އަނޫރާގް ސަބަބުންކަން. އޭނާއާއެކު އަނެއްކާވެސް މަސައްކަތްކުރަން ކެތްމަދުވެފައި މިހުރީ."

މީގެ ކުރިން ނޫހަކަށް ދިން އިންޓަވިއުއްގައި އަނޫރާގް ވެސް ވަނީ ކަންގަނާ ހޯދާފައިވާ ކާމިޔާބީއާމެދު ފަހުރުވެރިވާ ކަމަށް ބުނެފަ އެވެ. ކަންގަނާއަށް މިހާ ހިސާބަށް އާދެވޭނެކަން އޭރުވެސް އިނގޭ ކަމަށާއި މިހާރު ކޮންމެ ރޯލެއް ކުޅެލަން ލިބުނަސް އޭނާގެ ހުނަރުން އެންމެ ހައިރާންކޮށްލާ ކަމަށް އަނޫރާގް ބުންޏެވެ.

ކަންގަނާ މިހާރު މަސައްކަތްކުރަމުން އަންނަނީ އެކްތާ ކަޕޫރްގެ ފިލްމު "މެންޓަލް ހޭ ކިޔާ" ގަ އެވެ. މީގެ އިތުރުން ފިލްމު "މަނިކަރްނާކާ" ގެ މަސައްކަތްވެސް އޭނާ އަންނަނީ ކުރަމުންނެވެ. ކަންގަނާ ވަނީ ޑައިރެކްޓަރު އަޝްވިނީ އައްޔަރް ތިވާރީގެ ފިލްމަކަށްވެސް ސޮއިކޮށްފަ އެވެ. އެ ފިލްމުގައި އޭނާ ކުޅެނީ "ކަބައްޑީ" ކުޅޭ މީހެއްގެ ރޯލެވެ.