ބޮލީވުޑް

ޔަޝް ރާޖްގެ ފިލްމަކަށް އަކްޝޭ

ފިލްމު "ގޯލް" އާއި "ކޭސަރީ" ފަދަ ފިލްމުތަކަށްފަހު އަކްޝޭ އަނެކާވެސް މި ވަނީ ބޮޑު ޕްރިޖެކްޓަކާ ދިމާލަށް މިސްރާބުޖަހާފަ އެވެ. އަކްޝޭ މިފަހަރު ސޮއިކުރީ މަޝްހޫރު ޕްރޮޑަކްޝަން ހައުސް ޔަޝް ރާޖްއިން ބޮޑު ބަޖެޓެއްގައި ތައްޔާރުކުރާ ފިލްމަކަށެވެ.

ޕީރިއަޑް ޑްރާމާ މި ފިލްމު ޕްރޮޑިއުސްކުރަނީ އަދިތުޔަ ޗޯޕްރާ އެވެ. މި ފިލްމަކީ 12 ވަނަ ގަރުނުގައި އިންޑިއާގައި ރަސްކަންކުރި ރަސްކަލެއް ކަމަށްވާ ޕްރިތްވިރާޖް ޗޯހާންގެ ހަޔާތުގައި ހިނގާފައިވާ ހަދިސާއެއްގެ މައްޗަށް ތައްޔާރުކޮށް ގެނެސްދޭ ފިލްމެކެވެ. މި ފިލްމު ޑައިރެކްޓުކުރަނީ 2003 ވަނަ އަހަރު ނިކުތް ފިލްމު "ޕިންޖަރް" ގެ ޑައިރެކްޓަރު ޗަންދުރަޕްރަކާޝް ދިވޭޑީ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ޑީއެންއޭ އިންޑިއާއަށް މައުލޫމާތުދިން ފަރާތަކުން ބުނީ، "މި ފިލްމުގައި އެ ރަސްގެފާނުގެ ހަޔާތުގައި ހިނގި ގިނަ ކަންތައްތަކެއް ގެނެސްދޭނެ. ފިލްމުގެ ޓީމުން އަންނަނީ 12 ވަނަ ގަރުނު ދައްކުވައިދޭނެ ސެޓެއްވެސް ތައްޔާރުކުރަމުން." ކަމަށެވެ.

ޕްރިތްވިރާޖް ޗޯހާންއަށް ފިލްމެއް ތައްޔާރުކުރުމުގެ މަސައްކަތުގައި ޗަންދުރަފްރަކާޝް އުޅޭތާ މިހާރު ދެ އަހަރާއި ބައި ވެދާނެ އެވެ. މި ފިލްމަށް އަކްޝޭ ނެގީ އޭނާ ބޭނުންވާ ރޯލު އަކްޝޭ ނޫން މީހަކަށް ނުކުޅެވޭނެ ކަމަށް އެ ނޫހަށް މައުލޫމާތުދިން ފަރާތުން ބުނެފައިވެ އެވެ.

މި ފިލްމުގެ ޝޫޓިން އަކްޝޭ ފަށާނެ ކަމަށް ބެލެވެނީ އަންނަ އަހަރު އެވެ. އޭގެ ކުރިން ފިލްމު "ހީރާ ޕޭރީ 3" އަށް އޭނާ ޝޫޓްކުރާނެ އެވެ. އަކްޝޭގެ ފިލްމަކަށް އެންމެ އަވަހަށް ނިކުންނާނީ އަންނަ މަހު 15 ގައި ރިލީޒްކުރާ ފިލްމު "ގޯލްޑް" އެވެ. އެ ފިލްމުގެ ޓްރެއިލާ މި މަހު 25 ގައި ދައްކާލާނެ އެވެ.