ހަބަރު

ފާރިސްއަށް ކުރާ ދައުވާތަކުގެ ޝަރީއަތް މިއަދު ކެންސަލް

Jun 20, 2018

ޖަލުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރު، އަހްމަދު ފާރިސް މައުމޫނުގެ މައްޗަށް ކުރާ ޝަހްސް އޮޅުވައިލުމުގެ ދައުވާގެ ޝަރީއަތާއި ޓެރަރިޒަމް ދައުވާގެ މިއަދުގެ ޝަރީއަތުގެ އަޑުއެހުންތައް ކެންސަލްކޮށްފި އެވެ.

ޝަހުސު އޮޅުވާލުމުގެ މި ދައުވާ ފާރިސްގެ މައްޗަށް ކުރަނީ ހުއްދަ އާއި ނުލައި ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކޮށްގެނެވެ. މި ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވާނެ އެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ޝަރީއަތް ތައާވަލް ކޮށްފައިވަނީ 11:00 އަށެވެ. މިއަދުގެ ޝަރީއަތަކީ މި މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށް ތައާވަލްކުރި ޝަރީއަތެކެވެ.

އެންމެ ފަހުން މި މައްސަލައިގެ ޝަރީއަތެއް ބާއްވާފައިވަނީ އިއްޔެ އެވެ. އިއްޔެގެ ޝަރީއަތުގައި ދިފާއު ބިނާ ކުރަން ހުށަހަޅާފައިވާ ފަސް ކެހިވެރީންގެ ހެކިބަސް ނަގާފައި ވެއެވެ.

އޭގެ ތެރޭގައި ޕީޕީއެމްގެ އިސް މަގާމްތައް ފުރުއްވާފައިވާ ތިން ފަރާތަކާއި ދެ ނޫސްވެރިން ހިމެނެ އެވެ. އިއްޔެގެ އަޑުއެހުމުގައި ހެކިބަސްދިން ހުރިހާ ފަރާތުންވެސް ވަނީ ފްރެސްގައި ފާރިސް ޕީޕީއެމްގެ ދިދައާ ލޯގޯ ބޭނުން ކޮށްފައި ނުވާ ކަމަށާއި ފާރިސް ތަމްސީލް ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ކަމަށް ބުނެ ހެކިބަސްދީފަ އެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް މިއަދަށް ތައާވަލް ކޮށްފައިވަނީ މެންދުރު ފަހު 1:00 އަށެވެ.