ބައެއް ކޯޗުން، ކޯޗު ކަމުގެ ވަޒީފާއަށް ނިކުންނަނީ، ކުޅުންތެރިޔެއްގެ ގޮތުގައި ފުޓްބޯޅައިގެ މާބޮޑު ތަޖުރިބާ ތަކެއް ނެތި އެވެ. މުޅިން ތަފާތު އެހެން ދާއިރާއެގައި އުޅެފައި ކޯޗު ކަމަށް ނިކުންނަ މީހުންގެ ސީވީވެސް ހަމަ ކަމުދެ އެވެ. އެފަދަ ކޯޗުން ހޯދާފައިވާ ކާމިޔާބު ވެސް ވަކި ކުޑައެއް ނޫނެވެ.
މިއަދު ޕޯޗްގަލް އާއި މޮރޮކޯ ނިކުންނަ މެޗު ވާނީ، އެކަހަލަ މެޗަކަށެވެ. ކުރިން ތަފާތު ފަންނެއްގެ މީހުންނެވެ. ޕޯޗްގަލްގެ ފެނާންޑޯ ސަންޓޯސް އަކީ ކުރިން ކަރަންޓް ވައިރުކޮށް އުޅުނު އިލެކްޓްރީޝަނެކެވެ.
މޮރޮކޯގެ ކޯޗް ހާވޭ ރެނާޑް އަކީ ކްލީނަރެކެވެ. ފްރާންސްގެ ރިސޯޓް ރަށެއް ކަމަށްވާ ކޭންގެ ކްލީނަރެއްގެ ވަޒީފާ އޭނާ ފެށީ އޭނާއަށް އެ ރިސޯޓުން ދިން ޓްރެޔަލް އެއްގައެވެ. ތިން ވަނަ ލެވަލްގެ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ކުޅުނު ނަމަވެސް އެއީ އާންމު ދަނީ ހޯދުމުގެ ކަމަކަށް ނުވި އެވެ. އެހެންވެ އޭނާގެ ޒުވާން އުމުރުގެ ގިނަ ދުވަސްތަކެއް ހޭދަ ކުރީ ސާފު ކުރާ މީހެއްގެ ވަޒީފާގަ އެވެ.
"އަހަރެން އެ ދުވަސްތައް ބައެއް ފަހަރު ވަރަށް ހަނދާންވޭ، ފަތިހު ތިނެއް ޖާހާއިރު ހޭލައިގެން ސާފު ކުރުމުގެ މަސައްކަތް އަހަރެން ފަށަން، އިމާރާތްތައް ސާފު ކުރަނީ." އަބަދުވެސް ސާފު ހުދުކުލައިގެ ގަމީސް ލުމަށް ލޯބި ކުރާ ރެނާޑް އޭރުގެ ހަނދާންތައް އާ ކުރަމުން ކިޔައި ދިނެވެ. "މިހާރުވެސް ކުޅުންތެރިންނާ ކުރިމަތިލާއިރު އަހަރެން ހިތަށް އަރާ އަހަންނަކީ މާ މޮޅު ކޯޗެއް ނޫނޭ."
ތިން ވަނަ ލެވަލްގައި ފުޓްބޯޅަ ކުޅުން ވަކި ހިސާބަކަށް ދިޔަ ތަނުން، ނޯން ލީގެއް އާދައިގެ ކުލަބެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ރެނާޑްއަށް ލިބުނެވެ. އެއީވެސް މުސާރައެއް އޮންނަ ވަޒީފާއެއް ނޫނެނެވެ. އެހެންވެ ސާފު ކުރުމުގެ މަސައްކަތް އޭނާއާ ވަކި ނުވެ އެވެ. ރެނާޑް ކޯޗު ކަމަށް ނެރެދިނީ، ޓޯގޯގެ މިހާރުގެ ކޯޗް ފްރާންސްގެ ކަލައުޑޭ ލި ރޯއީ އެވެ. ޕްރޮފިޝަނަލް ޓީމަކަށް ނުވިޔަސް ރެނާޑް ޓީމަށް އިރުޝާދު ދޭ ގޮތް ލީ ރޯއީއަށް ވަރަށް ކަމުދިޔަ އެވެ. އެހެންވެ އޭނާގެ އެސިސްޓެންޓް ކޯޗަކަށް ވުމަށް ލި ރޯއި ރެނާޑަށް ދައުވަތު ދިނެވެ.
މޮރޮކޯގެ ކޯޗު ކަމާ އޭނާ ހަވާލުވީ 2016 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ ވަނީ ޒެމްބިއާ އާއި އައިވަރީކޯސްޓަށް ކޯޗު ކޮށްދީ އެ ދެ ގައުމަށްވެސް އެފްރިކަން ކަޕްއޮފް ނޭޝަން ކާމިޔާބު ކޮށްދީފަ އެވެ. މޮރޮކޯގެ ޓީމާ ހަވާލުވެ އެ ޓީމަށް ބޮޑެތި ކުރިންއެރުންތަކެއް ހޯދައި ދިނެވެ.
ޕޯޗްގަލްގެ ކޯޗް ސަންޓޯސް މަސައްކަތް ކުރަމުން ދިޔައީ، ސީސައިޑް ހޮޓަލެއްގަ އެވެ. ޕާޓްޓައިމްކޮށް އޭނާ ވެސް ފުޓްބޯޅަ ކުޅުނީ ދަށް ޑިވިޝަނެއްގަ އެވެ. މާމޮޅަށް ކުޅެވުނު ކުޅުންތެރިޔެއްވެސް ނޫނެވެ. ކުޅެގެން އާންމުދަނީއެއް ނުލިބެވެ. އޭނާ އަށް ވަގުތު ހޭދަ ކުރެވުނީ އޭނާގެ ފުރަތަމަ ވަޒީފާ އެވެ. އެ ވަޒީފާއިން އޭނާއަށް ކުރިއެރުން ލިބުނެވެ. ފަހުން މުޅި އެ މަސައްކަތަށް އޭނާ ހުސްވި އެވެ.
ފުޓްބޯޅައިގެ ތެރެއަށް ވަޒީފާއެއްގެ ގޮތުގައި ނިކުންނާކަށް ސަންޓޯސް ހިޔާލެއް ނުކުރެ އެވެ. ނަމަވެސް އޭނާ ވަޒީފާ އަދާ ކުރާ ހޮޓަލުގެ އޯނަރު، ޗެއާމަންކަން ކުރަމުންދާ ކުލަބެއް އޮވެއެވެ. އެސްޓޯރިލްގެ ކޯޗަކަށް ވަގުތީ ގޮތުން އައުމަށް ހޮޓެލްގެ އޯނަރު ސަންޓޯސްއަށް ދައުވަތު ދިނެވެ.
"އަހަރެން ދިޔައީ ހަ މަސް ވަންދެން އެ ކުލަބުގައި މަސައްކަތް ކޮށްލަން، ނަމަވެސް އަހަރެން ހަ އަހަރު ވަންދެން އެ ކުލަބުގައި މަސައްކަތް ކުރިން އަހަރެމެން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެސްވި."
އެންމެ ފަހުން އެސްޓޯރިލްގެ ކޯޗު ކަމުން އޭނާ ވަކި ކުރިއިރު އެހެން ޓީމު ތަކުން އޭނާ އަށް ކޯޗު ކަން ހުށަހެޅި އެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގައި ގްރީސް އަށް ކޯޗު ކޮށްދިނުމުގެ ކުރިން ސަންޓޯސް ވަނީ ބެންފީކާ އާއި ސްޕޯޓިން ލިޒްބަން އަދި ޕޯޓޯގައި މަސައްކަތް ކޮށްފަ އެވެ. ގްރީސް ވޯލްޑްކަޕުގެ ދެ ވަނަ ބުރަށް ގެންގޮސް ދިނެވެ. ޕޯޗްގަލްގެ ކޯޗު ކަމާ އޭނާ ހަވާލުވީ އެ އަހަރުގެ ވޯލްޑްކަޕަށް ފަހު އެވެ. ޕޯޗްގަލް އާއެކު އޭނާ ކުރިމަތިލި ފުރަތަމަ މުބާރާތް ޔޫރޯ 2016 އެ ޓީމަށް ކާމިޔާބު ކޮށްދިނެވެ.