ވިޔަފާރި

ޔުނައިޓެޑް ފުޑް ސަޕްލައިސް އިން "ފިސާރި ދުޅަހެޔޮ" ފިހާރައެއް ހުޅުވައިފި

ރިޒޯޓުތަކަށް ގަނޑުކޮށް މުދާ ސަޕްލައިކުރަމުން އަންނަ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޔުނައިޓެޑް ފުޑް ސަޕްލައިސް ލިމިޓެޑް، ޔޫއެފްއެސް އިން ރީޓޭލްކޮށް މުދާ ވިއްކުމަށް މާލޭގައި މިއަދު ފިހާރައެއް ހުޅުވައިފި އެވެ. މި ފިހާރަ ހުންނަނީ ހެންވޭރު ހިތަށް ފިނިވާމަގުގަ އެވެ.

އެ ކުންފުނިން ބުނީ މި ފިހާރަ ހުޅުވީ "ފިސާރި ދުޅަހެޔޮ"، ފެންވަރު ރަނގަޅު ތަކެތި ރާއްޖޭގެ ބާޒާރަށް ނެރުމަށް އެ ކުންފުނިން މިދިޔަ އަހަރު ފަށާފައިވާ މަސައްކަތުގެ ތެރެއިން ސިއްހަތަށް ފަައިދާ ހުރި ދުޅަހެޔޮ ތަކެތި ވީހާ ވެސް ހަމަ އަގެއްގައި އާންމުނަށް ފަސޭހައިން ލިބޭނެ ގޮތް ހަދާދިނުމަށް ކަމަށެވެ.

މި ފިހާރައިން ވިއްކާ ކިރާއި ޔޯގަޓް އަދި ސްވިސް ޗޮކޮލެޓްއަކީ ރާއްޖޭގައި މިވަގުތު ވިއްކަން ހުރި އެންމެ ފެންވަރު ރަނގަޅު ތަކެތި ކަމަށާއި އަދި މި ފިހާރައިން ވިއްކާ މި ތަކެއްޗަކީ ހުރިހާ މިންގަނޑުތަކަކުން ސްވިސްގެ ސްޓޭންޑަޑަށް ފުރިހަމައަށް ފެތޭ ތަކެތިކަމަށް އެ ފިހާރައިން ބުނެ އެވެ. މި ތަކެތީގައި ސްވިސް ލޯގޯ ބޭނުންކުރުމުގެ ހުއްދަ ދީފައިވުމަކީވެސް މި ތަކެއްޗަށް ކުރެވޭ އިތުބާރުވެސް ބޮޑުވެގެންދާ ސަބަބެއް ކަމަށް ވެސް ޔޫއެފްއެސްއިން ބުންޏެވެ.

ފަރަންސޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ޑޫ" ބްރޭންޑުގެ ރޯ ކުކުޅާއި ޓާކީވެސް މި ފިހާރައިން ލިބެން ހުންނާނެ އެވެ. ޑޫ ބްރޭންޑުގެ ކުކުޅާއި ޓާކީއަކީ ޔޫރަޕުގެ ސްޓޭންޑާޑްތަކަށް ފުރިހަމަށް ފެތޭގޮތަށް ތައްޔާރުކޮށްފައިވާ ތަކެއްޗެވެ. ޔޫރަޕްގައި ގެންގުޅޭ ސްޓޭންޑަޑްގެ ދަށުން މި ކުކުޅުތަކާއި ޓާކީތައް ބަންދުކޮށްފައި ވަނީ ފަރަންސޭސި ވިލާތުގައި ވިހާއި ބޮޑުކޮށް އަދި ހަލާލުގޮތުގައި ކަތިލުމަށްފަހު އެވެ. މި ތަކެތި ބޮޑުކޮށްފައި ވަނީވެސް ދުޔަހެޔޮ ތަރުކާރީއާއި ފަތްޕިލާވެލި ކާންދީގެން އެއްވެސް ވައްތަރެއްގެ އާޓިފިޝަލް މާއްދާއެއް ބޭނުންނުކޮށެވެ.

މަޝްހޫރު ބްރޭންޑް، "ކެލޮގްސް" ގެ ދަށުން ހިންގާ "ޓޭމީސް" އިން އުފައްދާ "ނަން ޖީއެމްއޯ" ސީރިއަލްގެ ބާވަތްތައްވެސް މި ފިހާރައިން ލިބޭނެ އެވެ. މި ބާވަތުގެ ސީރިއަލް ރާއްޖެއިން ލިބޭނީ ހަމައެކަނި މި ފިހާރައިންނެވެ.

ބްރޭންޑެޑް ޕްރޮޑަކްޓުތަކުގެ އިތުރުން މި ފިހާރައިން ތާޒާ ތަރުކާރީއާއި މޭވާވެސް ވިއްކާނެ އެވެ. މޭވާއާއި ތަރުކާރީގެ އިތުރުން ތާޒާ ހާބްސްގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބެސިލް، ރޯޒްމެރީ، ތައިމް، ޓެރަންގޯ، ޑިލް، ޕާރސްލީ އަދި ކޮރިއެންޑާފަދަ ތަކެތިވެސް ލިބެން ހުންނާނެ އެވެ. މި ތަކެތި ގިނަ ދުވަހު ތާޒާކަން މަތީ ގޭގައި ގެންގުޅެން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް އިންދާފައި ހުރި ޕޮޓާއެކު މި ބާވަތްތަކުގެ ފަތްޕިލާވެލި ގަންނަން ލިބޭނެގޮތްވެސް ވަނީ ހަމަޖައްސާދީފަ އެވެ.

ޗީޒްގެ ބާވަތްތައް ކަމަށްވާ ބްރީ، ގައުޑާ، ފިލަޑެލްފިޔާ އަދި ބަފަލޯ މޮޒަރެއްލާވެސް ލިބެން ހުންނާ އެވެ. މީގެ އިތުރުން ފެންވަރު ރަނގަޅު ކަމާއެކު ބަންދުކޮށްފައިވާ، ކޮށައިގެން ވިއްކާ ބީފް ސަލާމީއާއި އޮލިވްސް މޮޓަޑެއްލާ، ޓާކީ ހޭމް އަދި ޓާކީ ޕެޕެރޯނީ ލިބެން ހުންނާނެ އެވެ.

ޔޫއެފްއެސް އިން ވަނީ ގަނޑުނުކުރާ ފްރެޝް ޗިލްޑް ބީފާއި ޗިކަން ޕޯޝަން ކޮންޓްރޯލްވެސް ތައާރަފުކޮށްފަ އެވެ. މި ތަކެތި ވިއްކަނީ އިތުރަށް ކަނޑަން ނުޖެހި ވަގުތުން ކެއްކުމަށް ބޭނުންކުރެވޭނެ ގޮތަށެވެ. މި ތަކެތި އެތެރެކޮށްފައި ވަނީ ދެކުނު އެފްރިކާއިންނާއި ލަންކާ އިންނެވެ. މި ތަކެއްޗަކީ ކެއުމަށް ރައްކާތެރި، ސިއްހީ ގޮތުން ރަނގަޅު އަދި ރަނގަޅު އަގެއްގައި ލިބޭނެ ތަކެތިކަމަށް އެ ކުންފުނިން ކަށަވަރުކޮށްދެ އެވެ.

މި ފިހާރާގައި ވަނީ އެކްސްޕީރިއަންސް ޒޯނެއްވެސް ހަދާފަ އެވެ. މި ތަނުން މި ފިހާރައިން ވިއްކާ ތަކެތީގެ ރަހަ ތަޖުރިބާކޮށްލުމުގެ ފުރުސަތުގެ އިތުރުން، ފްރެޝް ސޭންޑްވިޗާއި ސްމޫތީސް، ސެލެޑްސް އަދި ބްރެޑްއާއި ކްރޮސޯންސްވެސް ހޫނުކަން މަތީ ލިބެން ހުންނާނެ އެވެ.

ހެނދުނު އަށަކުން ފެށިގެން ރޭގަނޑު 10 އެއް ޖަހަންދެން މި ފިހާރަ ހުޅުވާފައި ހުންނާނެ އެވެ. ނަމާދު ގަޑިއަށް ކައުންޓަރު ބަންދުކުރި ނަމަވެސް ފިހާރައިން ލިބެންހުރި ތަކެތި ކަސްޓަމަރުންނަށް ފިހާރަ ހުޅުވާފައި ހުރި ކޮންމެ ވަގުތެއްގައިވެސް ބާލާލެވޭނެ ކަމަށް ޔުނައިޓެޑްއިން ބުނެ އެވެ. ޔޫއެފްއެސްއިން ބުނީ މުސްތަގުބަލުގައި ފުރިހަމަ ސުޕަމާކެޓެއްގެ ހިދުމަތްވެސް ދޭނެ ކަމަށެވެ.