(19 ޖޫން 2018 އާ ގުޅޭ) -- "އާނާއަށް އަހަރެން ކަމުދޭތަ... އައި މީން ޑޫ ޔޫ ހޭވް ފީލިންގްސް ފޯ މީ" ރާދިން އަހާލިއެވެ. ރަކި ހިނިތުންވުމެއް ބަދަލުކޮށްލަމުން ޝިހާނާ ބޯޖަހާލީ އެއްބަސްވުމަށެވެ.
ރާދިންއާއި ބައްދަލުކޮށް ހިތުގައިވާ އިޙްސާސްތައް ހާމަކުރެވުނީތީ ޝިހާނާ އިނީ އުފަލުންނެވެ. އެންމެ ބޮޑު އުފަލެއް އޭނާއަށް ލިބުނީ ރާދިން ފަދަ ޒުވާނަކު ހަޔާތައް އައުމުންނެވެ. ހުރިހާ ޒުވާނުންގެ ތެރެއިން ޝިހާނަށް ރާދިން ފާހަގަކުރެވުނީ އޭނާއަކީ އިތުބާރުކުރެވޭ ޒުވާނަކަށްވީމައެވެ. ބޭނުންވާ ގޮތް ސާފުކޮށް ޝިހާނާގެ ގާތުގައި ހާމަކުރީމައެވެ. ޝިހާނާއަކީ ވެސް ގިނަ ދުވަހު މީހަކާ ރައްޓެހިވެގެން އުޅުމުގެ ޚިޔާލު ގެންގުޅޭ ޒުވާނެއްނޫނެވެ. އެހެންވެ ރާދިން ޒަވާޖީ ހަޔާތަކަށް އެ ދެމެދުގައި އޮތް ގުޅުން ގެންދިއުމުގެ ވިސްނުން ހުރިކަން ހާމަކުރުމުން އިތުރަށް ދެކޮޅު ހަދާނޭ އެއްވެސް ކަމެއް ޝިހާނާއަކަށް ނުފެނުނެވެ.
ރެސްޓޯރެންޓުގެ ތެރެއިން ޝިހާނާއާއި ރާދިން އެކުގައި ނުކުމެގެން އައެވެ. ޕާކުކުރާނޭ ތަންކޮޅެއް ނެތުމުގެ ސަބަބުން ކާރު އޮތީ ރެސްޓޯރެންޓާ ވަރަށް ދުރުގައި ބާއްވާފައެވެ. ދުވާރުމަތިން ދެ ޒުވާނުން ހިނގާފައި އައީ އެއްވަރަކަށެވެ.
"ދެން އިޓްސް އޮފިޝަލް... އައި މީން އަސް" ރާދިން ބުނެލިއެވެ. ޝިހާނާ ހިނިތުންވުމެއް ބަދަލުކޮށްލުމާއެކު ބޯޖަހާލިއެވެ.
"އާނާ ތިހާ ލަދުރަކިވެދާނޭ ކުރިއަކުން ހިޔެއްނުކުރަން" ރާދިން ހީނލިއެވެ.
"ރާދުއާ ހެދިއޭ... އަހަރެން ވެސް ހިޔެއްނުކުރަން މިހެން ވެދާނޭ" ރާދިންގެ ގައިގާ ކޮނޑުން ޖެހިލާ ކޮއްޕާލަމުން ޝިހާނާ ލޯ އަޅާލިއެވެ. އެ ހަރަކާތުން ރާދިން ހީނލިއަޑު އިވުނެވެ. އަދި ޝިހާނާގެ އަތުގައި އިނގިލިތައް މަހާލަމުން ރާދިން ހިފަހައްޓާލިއެވެ.
"އަހަރެން ވެސް ހިޔެއްނުކުރަން... އެކަމަކު ދެން ދޫކޮށެއް ނުލާނަން. މިރެއިން ފެށިގެން ތީ އަހަރެންގެ މީހެއް" ރާދިން ބުނެލިއެވެ. ރާދިންގެ ބަސްތަކުން ޝިހާނާގެ ހިތަށް ފިނިކަމެއް ލިބުނެވެ. ބޭނުންވާ ފަދަ ދިރިއުޅުމެއް ލިބިދާނޭކަމުގެ އުންމީދު ޝިހާނާއަށް އާވިއެވެ. އެ ޚިޔާލުތައް ޝިހާނާގެ ތުންފަތަށް ހިނިތުންވުމެއް ވެރި ކުރުވިއެވެ. ފަނޑުވުމެއްނުވާ ހިނިތުންވުމެކެވެ.
ކާރާ ހަމައަށް އާދެވުމާއެކު ރާދިން ކާރު ހުޅުވިއެވެ. އަދި ކުރީ ދޮރުފަތް ހުޅުވާލާ ޝިހާނާ އެރުމަށް ތަންދެއްކިއެވެ. އެއަށްފަހު ކާރުގެ އަނެއްފަރާތަށް އައިސް ޑްރައިވަރު ސީޓަށް އަރާ ހަމަޖެހިލުމާއެކު ކާރު ދުއްވާލައިފިއެވެ.
"އަހަރެން ގަސްދެއް ނުކުރަން އަހަރެމެންގެ ރިލޭޝަންޝިޕް ސިއްރެއްގެ ގޮތުގައި ބާއްވާކަށް. އެކަމަކު އަދި ބައްޕަމެންނާ ހަމައަށް މިކަން ގެންދާކަށް ނުފެނޭ... އެކަމަކު އެނގިގެން ސުވާލުކޮށްފިއްޔާ ދޮގު ހަދާކަށް ވެސް ބޭނުމެއްނޫން" ކާރު ދުއްވަން އިނދެ ރާދިން ބުންޏެވެ.
"ރާދުއަށް ފެންނަ ގޮތެއް... ނިމްއަށް މިކަން އެނގޭނެއޭ ބުނެފިއްޔާ ރާދު ހިތްހަމަނުޖެހޭނަންތަ؟" ޝިހާނާ އަހާލިއެވެ.
"އެރޭ ކޮފީއަށް ތި ދެ މީހުން ދިޔައީ އެހެންވެ ދޯ... އަހަންނަށް ހީވިއޭ... ނިމްއަށް އެކަންޏެއްނޫން އަސްލު... އަރްސަލްއަށް ވެސް އެނގޭ. އެރޭ ތި ދެ މީހުން ދެއްކި ވާހަކައެއް ނިމް ނުބުނެގެން އަރްސަލް ފޯރިފަށެއް ހުރި. އާނާ އަހަންނަށް މެސެޖު ކުރީ އެ ދެ މީހުންގެ ސަކަރާތް ބަލަން އިންދާ... އެ ދެ މީހުންނަށް އެނގުނަސް މައްސަލައެއްނޫން އެއީ" ހިނިއައިސްފައި ރާދިން ބުނެލިއެވެ.
"އަރްސަލްއާއި ނިމްއާ ގުޅުވާ ވާހަކަ ދޯ އަހަރެމެން ދެއްކީ... އެކަމަކު އެކަން ނުވެ އެހެންކަމެއްނު މި ވީ" ޝިހާނާއަށް ހީނގަނެވުނެވެ. މަޑުމަޑުން ޝިހާނާގެ ޠަބީޢަތުގައި ހުންނަ ސަކަ ގޮތްގަނޑު ފާޅުވާންފެށިއެވެ. ރާދިންއަށް ވެސް ހީނގަނެވުނީ ޝިހާނާ ބުނި އެއްޗެއްގެ މުރާދު އެނގިގެންނެވެ.
* * * * *
ރާދިން އެޕާޓްމެންޓަށް އައިސް ވަންއިރު ސިޓިންރޫމު ސޯފާގައި ކީފާ އިންތަން ފެނުމުން ހައިރާންވިއެވެ. ވަގުތުން ބަލާލެވުނީ ކީފާ އިން ސޯފާއާ ޖެހިގެން ހުރި ސޯފާގައި އިން އަރްސަލްއަށެވެ. ރާދިން ލޮލުން އިޝާރާތެއްކޮއްލުމާއެކު އަރްސަލްގެ މޫނުން ފާޅުވީ ފޫހިކަމެވެ. ފެންނަ ހިސާބުގައި ނިމްރާއެއްނެތެވެ.
"ހާއި ރާދު!... ހާދަ ރީތިވެލައިގެން ކޮންތާކަށް ގޮސްފައި ތި އައީ" ކީފާ އަހާލިއެވެ.
"މީޓިންއަކަށް ގޮސްފައި... ކީފާ ކީއްކުރަނީ؟" ރާދިން ހަޤީޤަތް ހާމައެއްނުކުރިއެވެ.
"ނާދެވޭތާ ގިނަ ދުވަސްވީމަ ހަމަ ޖައްސާލީ... މިހާރު ތި މީހުން އިންވައިޓެއް ވެސް ނުކުރޭވިއްޔާ. ކުރިން ރާދު ގުޅާލާނެ، މިހާރު ރާދު ވެސް ޚަބަރެއްނުވޭ. ފާޑެއްގެ އަންހެންކުއްޖަކު މިގެއަށް ގެނައިފަހުން ތި މީހުން ބިޒީވެއްޖެވިއްޔާ" ކީފާ ބުނެލިއެވެ.
"އޭނަ މިގޭގައި ހުރެގެން ކީފާއަށް ކޮންއުނދަގުލެއްވީ" އަރްސަލް އަހާލިއެވެ.
"ދެން ކީއްވެ މިހާރު އަހަންނަށް ނުގުޅަނީ. އަހަރެން ހީކުރީ އަހަރެން ވެސް މީ ތި ޓީމްގެ މެންބަރެއްކަމަށް. އާންޓް ވީ ފްރެންޑްސް... ރައްޓެހިކަމުގައި ވެސް ހޭންގައުޓް ކުރެވިދާނެއެއްނު. ކުއްލިއަކަށް ވަރަށް ދުރު ދޯ ތިކޮއްލީ. ދެން ބުނާނެ އަހަންނަށޭ ރަނގަޅު ރަޙުމަތްތެރިއަކަށް ނުވެވުނީ. އަރްސަލްގެ ދިރިއުޅުމުގެ ކަންކަމުގައި ޝާމިލުކުރަން ބޭނުންނުވާއިރު އަހަންނަށް ވަކި ކުރެވޭނޭކަމެއް އޮންނާނެތަ؟... އަހަންނަށް އިތުބާރު ނުކުރެވެނީތަ؟... އަދިވެސް އެހެންވީމަ އަހަންނަށް މަޢާފުނުކުރަނީ ދޯ" ކީފާ ބުނެލިއެވެ.
"ތި ދެން މާ ކަންތައް ބޮޑު ކުރަނީ" އަރްސަލް ބުނެލިއެވެ.
"ކީފާއަށް ޓްރަސްޓް ނުކުރާނަމަ ކީއްކުރަން އަހަރެމެންގެ ބިޒްނަސްގައި ކީފާ ބައިވެރިކުރަންވީ، ތީ އަދިވެސް ރައްޓެއްސެއް. އެނގެއެއްނު މިފަހަކަށް އައިސް ވަރަށް ބިޒީކޮށްކަން އަހަރެމެން އުޅުނީ. މާނައެއްނެތް ގޮތުގައި ކަންބޮޑުކުރުމުގެ ބޭނުމެއްނެތެއްނު... ބިޒީވުމަކީ މީހަކާ ގުޅުން ހުރި ކަމެއްނޫން" ރާދިން ބުނެލިއެވެ.
"އަރްސަލްއަށް ކަމަކު ނުދޭ ދޯ އަހަރެން މިގެއަށް އަންނާކަށް" އަރްސަލްއަށް ބަލަން އިނދެ ކީފާ ބުންޏެވެ.
"އަހަރެން ބޭނުންނުވާނަމަ މިހާރު މިވަގުތު ތި ސޯފާގައެއް ކީފާއެއް ނީންނާނެ. ޔޫ ޑޯންޓް ގެޓް މީ. އިފް ޔޫ ވޯންޓް ފްރެންޑްޝިޕް ދެން އެކްޓް ލައިކް އަ ފްރެންޑް... ކިޔަވަން އުޅުނު އިރު ދިމާވި ކީފާނަމަ އޯކޭ. އަހަންނަށް އޭނާ މާ ކަމުދޭ" އަރްސަލް ބަލާލާފައި ކީފާއަށް އެއްބުމަ އަރުވާލިއެވެ.
"އައި ކޭން ބި ދެޓް ގާލް، ސީރިއަސްކޮށް... އަހަރެން ބޭނުމެއްނޫން އަހަރެމެން ތިންމީހުންގެ މެދުގައި މިއޮތް އެކުވެރިކަން އަނެއްކާ ވެސް ބަދަލުވާކަށް، ޕްލީޒް" އަރްސަލްއާއި ރާދިންއަށް ވަކިވަކިން ބަލާލާފައި ކީފާ ބުންޏެވެ.
"އެކަމާ ނުވިސްނާ، ވީ އާ ސްޓިލް ފްރެންޑްސް" ރާދިން ބުނެލިއެވެ. ކީފާ ހިނިތުންވުމަކާއެކު އަރްސަލްއަށް ބަލާލިއެވެ. އޭނާ ވެސް ބޯޖަހާލީއެވެ. އެހާ ކުޑަކުޑަ އިޝާރާތެއް ވެސް ކީފާއަށް ފުދުނެވެ.
"ބިޒީކޮށް އުޅެފައި ތި މީހުންނާ އަނގަތާޅާ ބޯ ހަމަޖައްސާލަން އަސްލު މިއައީ، ހޮޓެލް ވެސް އޯލްމޮސްޓް ހުރިހާ ކަމެއް ނިމުނީ ދޯ" ކީފާ ހިނިއައިސްފައި ވާހަކަދައްކަން ފެށިއެވެ. އޭނާގެ މައުޟޫޢު އަމާޒުކުރީ އަރްސަލްމެން ހުޅުވަން އުޅޭ ހޮޓަލްއަށެވެ.
"ކީއްވެތަ އެންމެ ފަހު ވަގުތު ހޮޓެލްގެ ނަން ބަދަލު ކުރީ، ކުރިން ކީ ނަން އަހަންނަށް މާ ކަމުދޭ، އެ ނަން ފާސްވެފައި އޮއްވައެއްނު އަނެއްކާ އަލުން އާ ނަމެއް ރަޖިސްޓްރީ ކުރަން އުޅުނީ" ކީފާ ޚިޔާލު ފާޅުކުރިއެވެ.
"އެއީ އަހަންނަށް ކަމުދިޔަ ނަން، ރާދު ވެސް އެއްބަސްވީ ކުރިން ކީ ނަމަށްވުރެ އެ ހޮޓެލްއާ މާ ގުޅޭ ކަމަށް މިހާރު އަހަރެމެން ކީ ނަން" އަރްސަލް ބަލާލީ ރާދިންއަށެވެ.
"ތެދެއް!... އެ ހޮޓެލްއަކީ ވަރަށް ޚާއްޞަ ޕްރޮޖެކްޓެއް، މިހާރު ކިޔާފަ އެ އޮތީ އެންމެ އެކަށޭނެ ނަން. އައި ޓޯޓަލީ އެގްރީ ވިތް އަރްސަލް" މާނަވީ ހިނިތުންވުމެއް އަރްސަލްއާ ބަދަލުކޮށްލަމުން ރާދިން ބުނެލިއެވެ.
ވާހައިކައި ތިބެފައި ކީފާ ގެއަށް ދާން އުޅުން މިފަހަރު އަރްސަލްއާއި ރާދިން އެކުގައި އޭނާ ގެއަށް ގެންގޮސްދޭން ނިންމިއެވެ. ރާދިންއާއި އަރްސަލް ކާރުގެ ކުރިއަށް އެރުމުން ފަހަތު ސީޓުގައި ކީފާ އިނެވެ. ދެން އެ މީހުން ބައްދަލުވާނޭ އިރަކާ މެދު ކީފާ ޚިޔާލުފާޅުކުރިއެވެ. އަރްސަލްއާއި ރާދިން ދޫކޮށްލީ ކީފާއަށެވެ.
* * * * *
ހަށިފުރާ ލީ ނޭވާއާއެކު އަރްސަލްގެ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. އަދި ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލީ ބޮލުގައި ދެއަތް އަޅުވާލައިގެން އިނދެއެވެ.
"ކިހިނެއްވީ؟ މިހާރު ދެން ހުރިހާކަމެއް މި ނިމުނީނު، ދެން އޮތީ ގެސްޓް ލިސްޓު ތައްޔާރުކުރުން" އަރްސަލްއާ އެއްކެބިންގެ ތެރޭގައި އިން ރާދިން ބުނެލިއެވެ. އޭނާ ވެސް ގޮނޑިއަށް ހަށިގަނޑު ދޫކޮށްލައިގެން އިން ގޮތުން ހީވަނީ ވަރުބަލިވެފައި އިންހެނެވެ.
"ފައިނަލީ... އިޓްސް ޑަން، ރާދު! އަހަރެން ހީކުރި ވަރަށްވުރެ ވެސް އެތަން ފުރިހަމަ. ބޯމަތީގައި އޮތް ހިލަގަނޑެއް ނެގުނުހެން ހީވީ... ބަޓް އިޓް ވޯޒް ފަން. ނިއު އެކްސްޕީރިއެންސެއް... ހެ ހެ ހެ... ނޫންތަ؟" ގޮނޑި ދެފަރާތަށް މަޑުމަޑުން އަނބުރާލަމުން އަރްސަލް ބުނެލީ ހިނިއައިސްފައި އިނދެއެވެ.
"އިންޑީޑް... އެކަމަކު އެހާ އަވަހަކަށް މިވަރުގެ ބޮޑު ޕްރޮޖެކްޓެއް ދެން ނުފެށޭނެ. އައި ނީޑް އަ ބްރޭކް އިން މައި ލައިފް. މި ހޮޓެލް ހިންގުމަކީ ވެސް ކުޑަކަމެއްނޫން، އެ ހުރިހާ މުވައްޒަފުންނޯ... އެނީވޭޒް މިހާރު އަހަރެން ވަގުތު ދޭން ބޭނުންވާ މީހަކު އެބަހުރި" ރާދިން ވެސް އިނީ ހިނިއައިސްފައެވެ.
"އާނާ ކިހިނެއްތަ؟ އައި މީން ލައިކް އަ ގާލްފްރެންޑް... ފްރެންޑެއްގެ ގޮތުގައި ޝީ އިޒް ދި ބެސްޓް" ލާނެތް ގޮތަކަށް އަރްސަލް ހީނލިއެވެ.
"ޝީ އިޒް ދި ބެސްޓް ގާލްފްރެންޑް، އަރްސަލް ކޮންއިރަކުން ނިންމާނީ" ރާދިން ކުރި ސުވާލާއެކު އަރްސަލްގެ މޫނުން ތަފާތު އަސަރެއް ފާޅުވެގެންދިޔައެވެ.
"ކޮންކަމެއް؟" އަރްސަލް ނޭނގޭކަމަށް ހެދުނެވެ.
"ކޮންކަމެއްކަން އެނގޭނެ، ގަސްދުގައި ނޭނގޭކަމަށް ހެދީ... އޭރުން ޖަވާބު ދޭކަށް ނުޖެހޭނެއެއްނު، އައި ނޯ ޔޫ ބްރޯ" ރާދިން މިހެން ބުނުމާއެކު އަރްސަލް ބާރަށް ހޭންފެށިއެވެ.
"ހުރިހާކަމެއް ކުރާއިރު އަދިވެސް އަހަންނަށް ނޭނގޭނެކަމަށްތަ ހީކޮށްގެން ތި ހުންނަނީ، އާނާ ދިމާކުރަނީ އޭނާއަށް ވެސް އެނގޭތީއޭ... ދެން ހުރީ އަހަރެމެންގެ އެންމެ ކުޑަ އެކަމަކު އެންމެ ކުރީގައި އުޅޭ މީހާ... ހޮޓެލް ހުޅުވީނު އޭނާއަށް ވެސް އެނގޭނެ... މި ހުރިހާ ކަމެއް މިގޮތަށް ކުރީ ކީއްވެތޯ ނިމް ސުވާލުކޮށްފިއްޔާ އެޓްލީސްޓް އޭނާއަށް ދޭނޭ ޖަވާބެއް އެބައޮތްތަ؟" ރާދިން އިނީ އަރްސަލްގެ މޫނުން ފާޅުވަމުންދިޔަ ކުލަވަރު ރަނގަޅަށް ބަލާށެވެ. އެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެގެން ނުދިޔައެވެ. ރާދިންގެ ވާހަކަތަކުން ދޭތެރެއަކުން އިތުރަށް އަރްސަލްގެ ހިނިތުންވުން ފުޅާވެލައެވެ. އެ ދެ ލޮލުގެ ކަޅީގެ ދިހުން ގަދަވެފައިވިއެވެ. އުންމީދާއި އުފާވެރިކަމުގެ ދިރުން އެ ދެ ލޮލުން ފާޅުވޭވޭ ހުއްޓެވެ.
"ވެލް! އައި ހޭވް ޓު ސޭ ސަމްތިންގް" ހީނލާފައި އަރްސަލް ބުނެލިއެވެ.
"ރާދު!... އަހަރެން މިފަހަރު މަނައެއް ނުކުރާނަން އެއްވެސް މީހަކަށް ދަޢުވަތު ދިނުމެއް. ރާދުއަށް މުހިންމުހެން ހީވާ ކޮންމެ މީހަކަށް ދަޢުވަތު ދޭންވީ" އިރުކޮޅަކު އިނދެފައި އަރްސަލް ބުނެލިއެވެ. އޭނާ އެ ބުނި އެއްޗެއް ރާދިންއަށް ނަގައިގަނެވުނެވެ. ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. އަދި އަރްސަލްއަށް ބޯޖަހާލިއެވެ.
"ފައިނަލް ލިސްޓް އަހަރެން އަރްސަލްއަށް ދައްކާނަން" ރާދިން ބުންޏެވެ.
"ނުދެއްކިޔަސް އޯކޭ... އަހަރެންގެ އަމިއްލަ ނަފްސަށްވުރެ ބޮޑަށް ރާދުއަށް އިތުބާރުކުރަން، އަހަންނަކީ އެހާ ޕީޕަލް ޕާސަންއެއްނޫން، ރާދުއަށް ބޮޑަށް އެނގޭނީ ދަޢުވަތުދޭންވީ މީހުން، މާދަމާ ރޭ ހުރިހާ އޮޕިޝަލުންނާއި މޭނޭޖްމަންޓް ސްޓާފުންނާ ބައްދަލުވުމެއް ބާއްވަންވާނެ، ސެކިއުރިޓީ ހުރިހާ ކަމެއް ނިމިފަ ހުރިކަމަށް ޒޭވިއާ ބުނި، އޭނާއާއެއްކޮށް ކޮފީއަކަށް އަރަންވެފައި އޮތީ... ކޮންއިރަކަށް ހަދާނީ، އެރޭ އެންމެ މުހިންމުކަމަކީ އެއީ ދޯ" އަރްސަލްގެ ރާގުގައި ސީރިއަސްކަން އެކުލެވިގެން ދިޔައެވެ.
"ގަޑިއެއް ހަމަޖައްސާފައި އަހަންނަށް އަންގާލާ، މިކޮޅުގެ ވޯކްސްޓޭޝަންތައް އެކޮޅު އޮފީހަށް ބަދަލުކުރާނީ ކޮންއިރަކުން" ރާދިން ވެސް ކުރިއަށް ކުރަންޖެހިފައިވާ ކަންކަމުގެ ވާހަކަދެއްކިއެވެ.
ދެ ޒުވާނުން އެންމެ ފަހުގެ ނިންމުންތައް ނިންމުގައި ތިއްބެވެ. މުހިންމު ހުރިހާ ކަމެއް އެ މީހުންގެ ޓެބްލެޓްގައިވާ ޑައިރީގައި ނޯޓުކުރަމުންދިޔައެވެ. ހޮޓެލް ހުޅުވަން ތިން ދުވަހަށްވެފައިވާއިރު އެންމެފަހުން ނިންމަން ހުރި ކަންކަން ފިޔަވައި ދެން ހުރި ހުރިހާކަމެއް ހުރީ ނިމިފައެވެ. އަރްސަލްއާއި ރާދިން ތިބީ މަސައްކަތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. ހުރިހާ ކަމެއް ވެސް ކުރިއަށް ދިޔައީ ރޭވިފައި އޮތް ގޮތަށެވެ. އިރާދަކުރެއްވީތީ އެއްވެސް ހުރަހެއް ދިމާނުވެއެވެ.
* * * * *
ނިމްރާއަށް ގޭތެރެއިން އަރްސަލްއާއި ރާދިން ފެންނަނީ ވަރަށް މަދުންނެވެ. ފެންނަ ފަހަރެއްގައި ވެސް ދެ ޒުވާނުން ތިބެނީ އޮފީސް މަސައްކަތެއްގައެވެ. އެ މީހުންނަށް ގަޑިގަޑިއަށް ކާން ތައްޔާރުކުރުމާއި މަސައްކަތުގައި ތިބޭއިރު ކޮފީ ގެންގޮސްދިނުން ފަދަ ކަންކަން ނިމްރާ ބަރާބަރަށް ކުރިއެވެ. އެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވިއެވެ. ޚާއްޞަކޮށް އަރްސަލް ފެންނަނީ ދުރުދުރުން އުޅޭތަނެވެ. ނަމަވެސް އެކަން ބޮޑުކަމަކަށް ނިމްރާ ހަދަން ބޭނުންނުވީ އޭނާ އުޅޭލެއް ބުރަކަން ހިތަށް އަރާފައެވެ. ގޭތެރޭގައި ކުރަންޖެހޭ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ކޮއްފައި ނިމްރާ ބަހައްޓަނީ އެއީ އޭނާއާ ހަވާލުވެފައި އޮތް ޒިންމާކަމަށްވެފައި އެކަން އެންމެ ފުރިހަމަ ގޮތުގައި ކުރުމުގެ ނިޔަތުގައެވެ. އަރްސަލްއާއި ރާދިން ވެގެން އެޅި ހޮޓެލްގެ މަސައްކަތް އެއްކޮށް ނިމުނުކަން ނިމްރާއަށް އޮތީ އެނގިފައެވެ. ނަމަވެސް އެ ވާހަކަ އަރްސަލްއެއް ނުދައްކައެވެ.
ހޮނިހިރު ދުވަހުގެ އިރުއޮއްސެނިކޮށް ޝިހާނާއާއި ހަލަފްގެ އިތުރުން ކީފާ ވެސް އެޕާޓްމެންޓަށް އައިސް ތިއްބެވެ. ހޯމަ ދުވަހުގެ ރޭ ހޮޓެލް ހުޅުވާއިރު އެ ހަފްލާއަށް ދިއުމަށް އަޅާނޭ ހެދުމަކާ މެދު މަޝްވަރާ ކުރެވެމުންދިޔައެވެ. އެންމެ އިސްކޮށް އެކަމާމެދު ކަންބޮޑުވުން ފާޅުކުރަމުންދިޔައީ ކީފާއެވެ. އަރްސަލްގެ ގާތުގައި އޭނާ ލަނީ ކޮންކުލައެއްގެ ސޫޓެއްތޯ އަހާ އޮޅުން ފިލުވިއެވެ. ނަމަވެސް އަރްސަލް އެދެވޭ ޖަވާބެއް ނުދެއެވެ. ހަލަފް އިނދެފައި އޭނާ އަޅަން ބޭނުންވާ ސޫޓުގެ ވާހަކަދައްކަން ފެށިއެވެ.
"އިޓްސް ނޮޓް އަ ޕްލޭސް ފޯ ކިޑްސް... ކުޅޭ އެއްޗިހި ގަންނަން ލިބޭކަށް ނުހުންނާނެ އެތާކު" ހަލަފްއަށް ބަލާލަމުން އަރްސަލް ބުންޏެވެ. ހަލަފްއަށް ރާދިން ދަޢުވަތު ދީފައި އޮތްކަން އަރްސަލްއަށް އެނގެއެވެ.
"އެރޮގެންޓް އޯލްޑް ޑެވިލް... ރީތި އަންހެންކުދީން އަހަންނަށް ބަލާނޭކަން އެނގޭތީ ޖެލަސްވެގެން އުޅޭނެކަމެއްނެތް. ރެޑް ޑާލިންޑް!... ބީ މައި ޑޭޓް ޓުނައިޓް" އަރްސަލްއަށް ވައްތަރު ޖައްސާލަމުން ހަލަފް ބުނެލިއެވެ. ޝިހާނާ އިނދެފައި ބާރަށް ހީނގަތެވެ. ރާދިން ވެސް ހީނލާފައި އަރްސަލްގެ ކޮނޑުގައި ޖަހާލިއެވެ.
"ޔޫ އާ ނޮޓް އޯލްޑް ބްރޯ" ރާދިން ވެސް ބުނެލީ ދިމާކޮށްލާ ފަދަ ގޮތަކަށެވެ. ޝިހާނާގެ ގާތުގައި އިން ނިމްރާ ހީނލިތަން ފެނުމުން އޭނާއަށް އަރްސަލް ކަޅި އަޅާލިއެވެ.
"ކާމް ޑައުން އަރްސަލް... އަހަރެން އެކުގައި ދާނޭ މީހަކުނެތް، އެ ދެ މީހުން އެކުގައި ބައިތިއްބާފައި އަހަރެމެން ދެ މީހުން އެކުގައި ތިބީމަވީއެއްނު، އެހެންނޫނަސް އޯލްޑްވުމަކީ އެކްސްޕީރިއެންސް ގިނަވާކަމެއް، ކިޑްސް ވޯންޓް އަންޑަސްޓޭންޑް" ހަލަފްއަށް ބަލާލަމުން ކީފާ ދެބުމަ ހިއްލާލިއެވެ. އަދި އިންތަނުން ތެދުވެގެން އައިސް އަރްސަލްގެ ގާތުގައި އިށީނދެ އޭނާގެ ކޮނޑުގައި އަތް އަޅުވާލިއެވެ. އެމަންޒަރު ފެނުމުން ޝިހާނާއަށް އުނދަގޫވިއެވެ. އޭނާ ބަލާލީ ނިމްރާއަށެވެ. ނިމްރާ އިނީ ބަސްމަދުވެފައި އިންހެނެވެ. ކޮންމެވެސް ކަމަކާ އޭނާ ވިސްނަނީހެން ޝިހާނާއަށް ހީވިއެވެ.
"ނިމް ކޮންކަހަލަ ހެދުމެއްލަނީ، ވަޓްސް ޔޯ ކަލާ" ނިމްރާގެ މުލައްދަނޑީގައި ހިފާ ތަޅުވާލަމުން ޝިހާނާ އަހާލިއެވެ.
"އަހަރެމެން ދެ މީހުން އެއްކުލައެއްލާނީ... ދޯ ރެޑް" ހަލަފް އިނދެފައި ބުނެލިއެވެ.
"އަދި ނޭނގެ" ނިމްރާ ޔަގީންނުވެފައި އިނދެ ބަލާލީ އަރްސަލްއަށެވެ. އަރްސަލް އެއްޗެކޭ ބުނޭތޯ ބަލާލި ފަދައެވެ. އާ އަހަރު ފެށުނު ރޭ ހޮޓެލް ހުޅުވާ ރަސްމިއްޔާތުގައި އަރްސަލްއާއެކު ބައިވެރިވާން ދަޢުވަތު ދިން ފަހުން އެކަމާ ގުޅިގެން އަރްސަލް ވާހަކައެއް ނުދައްކައެވެ. އެހެންވެ އެ ފުރުޞަތު އަދިވެސް އޮތްކަމެއް ނިމްރާއަށް ޔަގީން ނުވަނީއެވެ. އަރްސަލް ޚިޔާލު ބަދަލުވީއޭ ނިމްރާއަށް ހީވަނީއެވެ. އެހެންވެ ފާޅުގާ އެންމެނާއެކު އެ ރަސްމިއްޔާތުގައި ބައިވެރިވާން ބޭނުންވާކަން ހާމަކުރަން ނިމްރާއަށް ނުކެރުނީއެވެ.
"ޔޫ ހޭވް ޓު ގޯ... މައި ރެޑް ވިލް ބީ ދި މޮސްޓް ބިއުޓިފުލް ގާލް ދެއާ... ޕްރިންސް އަތުގައި ހުންނާނެ ސަޅި ގޯންތައް، ޔޫ ވިލް ލަވް އިޓް، ވީ ޝުޑް ގޯ ޓު ހިމް، ހީ އިޒް ދި ބެސްޓް، އާނާސިސް ވެސް ޕްރިންސްގެ ޑްރެސްއެއް ލާންވީނު" ހަލަފް އިނދެފައި ބުނެލިއެވެ. އޭނާ ގަސްދުގައި ކީފާ ބާކީ ކޮއްލީއެވެ. އަރްސަލްއާ އެހާ ގާތްވާތީ ހަލަފް ވެސް އިނީ ކީފާދެކެ ހިތްހަމަނުޖެހިފައި އިންހެނެވެ.
"ތެދެއް ނިމް" ހަލަފްގެ ވާހަކައާ ގުޅުވާފައި ޝިހާނާ އަހާލިއެވެ. ނިމްރާ ބޯޖަހާލިއެވެ.
"ރެޑް އަތުގަ އޮންނާނޭ ޕްރިންސް ދިން ހެދުމެއް. ރެޑް ދޭބާ އެ ހެދުން އާނާސިސްއަށް ދައްކާލަން ގެންނަން" ހަލަފް ބުނި އެއްޗަކުން ނިމްރާއަށް ވަގުތުން ބަލާލެވުނީ އަރްސަލްއާ ދިމާއަށެވެ. ދެ މީހުންގެ ނަޒަރު ސީދާވެގެންދިޔައެވެ. އެއާއެކު ކުރީގެ ހަނދާނެއް ދެ މީހުންނަށް ވެސް އާވެގެންދިޔައެވެ.
"އެ ހެދުން... އެ... ހަލާކުވެފަ އޮތީ" ނިމްރާ ބުނެލިއެވެ. އަރްސަލްއާއި ދެމެދު ބަދަލުކުރެވުނު ބެލުންތައް އެތަނުގައި ތިބި ޝިހާނާއާއި ރާދިންއަށް ވެސް ފާހަގަވިއެވެ.
"ގެނެސްބާ" ހަލަފް އަނެއްކާ ވެސް އެދުނެވެ. އެހެންވެ ނިމްރާ ގޮސް އެ ހެދުން ހިފައިގެން އައިސް ޝިހާނާއަށް ދައްކާލިއެވެ.
"އަޅޭ! މިއޮއް ރީތި ހެދުން... ކީއްވެ އިރައިގެން ގޮސްފައި މިއޮތީ، މި ހެދުމުގައި ނިމް ވަރަށް ލޯބިވާނޭކަން ޔަގީން، އައި ލަވް ދިސް ޑްރެސް" ހެދުން ފެނުމާއެކު ރާދިންއަށް ހަޤީޤަތް އެނގުނެވެ. އެރޭ ނިމްރާއާއި އަރްސަލްގެ ދެމެދަށް ވަނީ ޚުދު އޭނާއެވެ. އެ ހެދުމަށް ވެފައި އޮތް ގޮތުގެ ހަޤީޤަތް އެނގޭތީ ރާދިން ކައިރިއަށް ހިނިއައެވެ. އަދި ސިއްރުން އަރްސަލްއަށް ބަލާލުމާއެކު އޭނާ ދެބުމަކައިރިކޮށްލަމުން ރާދިންއަށް ކަޅި އަޅާލިއެވެ. ނަމަވެސް އަރްސަލް އެ އިނީ ރުޅިއައިސްފައި ނޫންކަން ރާދިންއަށް ޔަގީންވެއެވެ.
ރޭގަނޑު ކައިގެން އެންމެންހެން ގެއަށް ދިއުމަށް އުޅުނެވެ. ޝިހާނާ ގެއަށް ލާން ރާދިން ކާރަށް އެރިއިރު އެ މީހުންނާއެކު ހަލަފްއާއި ކީފާ ވެސް ބައިވެރިވިއެވެ. ކީފާއާއި ހަލަފް ގެއަށް ލުމަށްފަހު ރާދިންއާއި ޝިހާނާ އެކަނި ވަގުތުކޮޅެއް ހޭދަކޮށްލަން ގަސްދުކުރިއެވެ. އެޕާޓްމެންޓުގައި އަރްސަލް މަޑުކުރީއެވެ. ނިމްރާ ބަދިގެ ތެރެ ސާފުކޮށްފައި ތަށިތައް ހުންނަންޖެހޭ ކަބަޑުތަކަށް އެ ލައިފައި އެތެރެއަށް ހިނގައިގަތެވެ.
ކޮޓަރިއަށް ވަނުމުގެ ބަދަލުގައި ނިމްރާ ނުކުމެލީ ބިއްދޮށުގައި ހުރި ބެލްކަންޏެވެ. ފާރުބުރީގައި ދެއަތްތިލަ ޖައްސާލަމުން ހަށިފުރާ ނިމްރާ ނޭވާއެއް ލިއެވެ. ބައެއް އިމާރާތްތަކުގެ ފުރާޅުތަކާއި ޓެރެސްތައް ފެންނަން ހުއްޓެވެ. ބޯކޮށް ހެދިފައި އޮތް ގަސްތައް ވެސް ދުރުން ފެންނަން ހުއްޓެވެ. އިސްއުފުލާ އުޑުމައްޗަށް ނިމްރާ ބަލާލިއެވެ. ވިލާތަކުގެ ތެރޭ ފެނިގެއްލެމުންދިޔަ ހަނދުފަޅި ފެނުނެވެ. އެގޮތަށް ގެއްލިފައި ހުއްޓާ ފުރަގަހުން އައި ފިނި ދެއަތްތިލައިގެ ބީހުން ނިމްރާއަށް އިޙްސާސް ކުރެވުނެވެ. ވަގުތުން އެއީ ކާކުކަން ނިމްރާއަށް ބުނަން އެނގުނެވެ. ފަހަތަށް އެނބުރި ބެލުމުގެ މާނައެއްނެތްކަމުގައި ނިމްރާ ދުށީ އެހެންވެއެވެ.
"ސްކާލެޓް!..." މަޑުމަޑުން ކަންފަތް ދޮށުގައި އަރްސަލް ގޮވާލިއެވެ. އެއާއެކު ނިމްރާ ހޫން ލައްވާލިއެވެ.
"އަހަރެން ލަނީ ޑާކް ބްލޫ ކުލައިގެ ސޫޓެއް، އައި ވިލް ވެއިޓް ފޯ ޔޫ، ޗޫޒް ސަމްތިންގް ކޮމްފަޓަބަލް... ތަންކޮޅެއް ގިނައިރު އުޅެން ޖެހޭނެ، އެންޑް ލުކް އެކްސެޕްޓަބަލް، ޔޫ ވިލް ބީ މައި ޑޭޓް... އޮންލީ މައިން" އަރްސަލް މަޑުމަޑުން ވާހަކަދެއްކިއެވެ. ނިމްރާ ލުއި ގޮތަށް ހީނލިއެވެ. އެއާއެކު ނިމްރާގެ އުނަގަނޑުގައި ހިފާ އަރްސަލްއާ ދިމާއަށް އަނބުރާލިއެވެ.
"އެކްސެޕްޓަބަލް ނުވެއްޖެއްޔާ ހެދުން އިރާލާނީތަ؟ މިފަހަރު އަހަރެން ވެސް މަޑަކުން ނުހުންނާނަން، އަރްސަލްގެ ގަމީސް ވެސް އިރާލާނަން" ތުންކޮޅު އޫކޮށްލަމުން ނިމްރާގެ ޝަހާދަތް އިނގިލި އަރްސަލްގެ މޭގައި ޖައްސާ ކޮއްޕާލިއެވެ. އެހިނދު އަރްސަލް ނިކަން ބާރަށް ހީނގަތަވެ. އެ އަޑުގައި ތަފާތު ޖާދޫއެއްވިއެވެ.
"އޯ ސްކާލެޓް! އައި ވުޑް ލަވް ދެޓް... ވިތައުޓް އެނީ ކްލޯތްސް... ޔޫ އެންޑް މީ" ހެމުންހެމުން އަރްސަލް ބުނެލިއެވެ. ނިމްރާ ބުނި އެއްޗެއް އަރްސަލް އަނބުރާލި ގޮތުން އޭނާ ވެސް ރަކިވިއެވެ. ނަމަވެސް އެ އަސަރު ފޮރުވާލަމުން އަރްސަލްގެ އަތުގައި ނިމްރާ ޖަހާލިއެވެ. (ނުނިމޭ)